ރިޒާ ވަނީ އޭނާއަށް ފުލުހުންގެ ފަރާތުން ހުށަހެޅުމެއް އައި ކަަމަށް ވިދާޅުވެފައި / ސޯޝަލް މީޑިއާ
ހަބަރު
ރައީސް ޔާމީންއާ ދެކޮޅަށް ވަކި ގޮތަކަށް ހެކި ދިނުމަށް ފުލުހުންގެ ފަރާތުން ހުށަހެޅުމެއް އައި: ހެކި
Mariyam Isaadha
މަރިޔަމް އިސާދާ
26 މޭ 2025
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ރ. ފުއްގިރި މައްސަލައިގައި ވަކި ގޮތަކަށް ހެކި ދިނުމަށް އެދި ފުލުހުންގެ ފަރާތުން ހުށަހެޅުން އައި ކަމަށް އެ މައްސަލައިގައި ދިފާއީ ހެއްކެއްގެ ގޮތުގައި ހެކި ބަސް ދިން އަހުމަދު ކުރިކު ރިޒާ ހާމަކޮށްފިއެވެ.

ކުރިކު މިފަދައިން ހާމަކޮށްފައިވަނީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނެގި ކަމަށާ މަނީ ލޯންޑަރ ކުރި ކަމަށް ބުނެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ސިޔާސީ ދައުވާގެ މިއަދުގެ އަޑު އެހުމުގައެވެ.

ދިފާއީ ހެކިންގެ ހެކި ބަސް ނެގުމަށް މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައި ރިޒާއާ ދައުލަތުން ކްރޮސް އެގްޒިމިން ކުރުމަށް ފަހު ދިފާއީ ވަކީލުންނަށް ދިން ފުރުސަތު ސުވާލުކުރަމުން ރިޒާ ވަނީ އެ ގޮތަށް އެ ހުށަހެޅުން އައި ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައީސް ޔާމީންއާ ދެކޮޅަށް ވަކި ގޮތަކަށް ހެކި ދިނުމަށް ފުލުހުންގެ ފަރާތުން ހުށަހެޅުމެއް ހުށަހަޅާފައި ޥޭތޯ ދިފާއީ ވަކީލު ހަމްޒާ ލަތީފު ސުވާލުކުރުމުން ރިޒާ ވިދާޅުވީ އެފަދަ ހުށަހެޅުމެއް އައި ކަމަށެވެ. އެއީ ކޮން ފަރާތަކުން ހުށަހެޅި ހުށަހެޅުމެއްތޯ ހަމްޒާ ސުވާލުކުރުމުން ރިޒާގެ ޖަވާބުގެ ތެރެއިން ދައުލަތުން އިއުތިރާޒު ކުރުމާ އެކު ގާޒީ ވަނީ އެ ސުވާލަށް ޖަވާބު ދިނުން ހުއްޓުވާފައެވެ. ނަމަވެސް ރިޒާ އެ ސުވާލުގެ ޖަވާބުގައި އެއީ އޭރުގެ އޭސީޕީ ރިޔާޒުގެ ހުށަހެޅުމެއް ކަމަށް ބުނާ އަޑު ޝަރީއަތުގެ މަޖިލީހުގައި އިވިގެން ގޮސްފައިވެއެވެ.

ރިޒާއަށް ފުލުހުންގެ ފަރާތުން ހުށަހެޅުން އައި ކަމަށް ރިޒާ ހާމަކޮށްފައިވާއިރު އެ ހުށަހެޅުން ހުށަހަޅާ އަޑު އިވިގެންދާ އޯޑިއޯ ވެސް ވަނީ މީސް މީޑިޔާގައި ދައުރުވެފައެވެ.

އެ އޯޑިއޯއަކީ އޭސީޕީ ރިޔާޒާއި ރައީސް ޔާމީންގެ ޝަރީއަތަށް ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައިވާ އަހްމަދު ކުރިކް ރިޒާ އަށް ކުރި ފޯނު ކޯލެކެވެ.

މީގެ ކުރިން އޭސީޕީ ރިޔާޒުގެ އޯޑިއޯއެއް ލީކުވުމުން އޭނާ އެކަން ދޮގު ކުރެއްވި އިރު މި އޯޑިއޯގައި ވާހަކަ ދައްކަވަނީ އޭނާކަން 13 އޮންލައިނަށްވަނީ ކަށަވަރުވެފައެވެ.

އެގޮތުން އިންވެސްޓިގޭޝަންތައް އޮތީ ގާތްގަޑަކަށް ނިމިފައި ކަމާއި ދައުލަތުން ގެންގުޅެނީ ދައުވާ ކުރާ ކަހަލަ ވިސްނުމެއްކަމަށް އޭސީޕީ ރިޔާޒު އެ އޯޑިއޯގައި ބުނާ އަޑު އިވެއެވެ.

އަދި ތަހުގީގަށް ނުވަތަ ޝަރީއަތަށް އެއްބާރުލުން ދޭ ފަރާތްތަކަށް ދައުލަތުން ލުއި ދޭނެ ކަމާއި ދެ ފަރާތުން ވާހަކަ ދެއްކުމަށްފަހު ދެވޭ ލުޔަކީ ކޮބައިތޯ އާއި ދެވޭނެ އެއްބާރުލުމުގެ އިތުރުން އޭގެ ވެލިއު އަކީ ކޮބައިތޯ ބެލުމަށްފަހު ވެލިއު ބޮޑު ނަމަ ދޫކޮށްލާ ވަރު ވެސް ބޮޑު ވާނެކަމަށް އޭސީޕީ ރިޔާޒު ބުނާ އަޑު އިވެއެވެ.

ކުރިކް ބުނެފައިވަނީ ރައީސް ޔާމީނާ ފައިސާގެ އެއްވެސް މުއާމާލާތެއް ކޮށްފައި ނުވާނެ ކަމަށެވެ. ފުއްގިރި ކުއްޔަށް ނަގަން ބޭނުން ވެގެން ބޭރުގެ ކުންފުންޏަކަށް ކޮންސަލްޓޭޝަން ފޯރުކޮށްދިން ކަމަށާއި އެ ރަށުގެ އިކްއިޒޭޝަން ކޯސްޓާ ގުޅިގެން ހުރި ކަންބޮޑުވުންތަކަކާ ގުޅިގެން އެހީއަކަށް އެދުމުން އެމްއެމްޕީއާރްސީގެ އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތާ ބައްދަލުކުރި ކަމަށް ވެސް ރިޒާ ބުންޏެވެ. އޭގެ ތެރެއިން އެއް ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް އިންނެވި ކަމަށް ބުންޏެވެ.

މިއަދު އަޑު އެހުމުގައި ދިފާއީ އިތުރު ހެއްކެއްގެ ހެކި ބަސް ނެގުން ވެސް އޮތެވެ. އެގޮތުން ދެން މިއަދު ކުރިއަށް ގެންދިޔައީ އަބްދުﷲ ރަޝީދުގެ ހެކި ބަސް ނެގުމެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved