

ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ނިމިދިޔަ ސަރުކާރުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ، ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ޕްލާސްޓިކް މަދުކުރުމުގެ ގޮތުން ލާސްޓިކް ފުޅިއާ ޕްލާސްޓިކް ކޮތަޅު އެތެރެކުރުން މަދު ކުރަން ނިންމިއެވެ. އެގޮތުން ކޮތަޅުން ނަގާ ޑިއުޓީ ބޮޑުކޮށް ގަރާރެއް ނެރުނެވެ. އެއާއެކު ފިހާރަތަކުން ކުރިން ހިލޭ ދެމުން އައި ބާޒާރު ކޮތަޅުން އަގު ނަގަން ފެށިއެވެ.
އެއާއެކު އޭރު އިދިކޮޅުގައި ތިބި މިއަދުގެ ވެރިން އޭރުގެ ސަރުކާރަށް ނުގޮވާ އެއްޗެއް ނެތެވެ. ކޮތަޅު ސަރުކާރުގެ ނަމުން މުޚާތަބުކުރިއެވެ. މިއަދު އެކި ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާ މިނިސްޓީރިއަލް ލެވެލުގައި ތިއްބެވި ބޭފުޅުން ވެސް އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. ކާޓޫނު ހަދާ ޑްރާމާ ކުޅެ ސަރުކާރަށް އެކި ލެވެލްގައި އިޝާރާތްކުރަމުން ދިޔައީ ހަރު ބަހުން ބުނާ ނަމަ ރަތް މަހަށް ނުގޮވާހާ އެއްޗެއްހި ގޮވަމުންނެވެ.
ކޮންމެ އަކަސް ކުރިން ހަދާފައި ގޯހެއް ހުރި ނަމަ އެ ގޯހެއް އެ ބަޔަކު ރަގަޅު ނުކޮށްފި ނަމަ ދެން އަންނަ ބަޔަކު އެކަންކަން ރަގަޅު ކުރަން ވާނެއެވެ. އެގޮތުން އޭރުގެ ސަރުކާރުގައި ރައްޔިތުން ހިތްހަމަ ނުޖެހޭ އެތައް ކަމެއް ހުރުމުން ރައްޔިތުން ނުކުމެ ވެރިން ބަދަލުކުރިއެވެ. ފުލުސް ނުކުމެ ވަގު ހޯދަން ޖައްސާފައެވެ. އެގޮތުން ހިންގާފައި ހުރި ބޮޑެތި ޖަރީމާތަކާ ރައްޔިތުންގެ ފައިސާއިން ގެއްލުވާލި ބައިތައް ހޯދާނެ ކަމުގެ އިތުބާރާ އެކު މ. ދިމްޔާތު މުހައްމަދު މުއިއްޒު ދިވެހި ރާއްޖޭގެ ވެރިކަމުގެ ތަޚުތަށް ރެނދަލިކުރިއެވެ.
ނަމަވެސް ކައިފައި ވަޔެއް ލާހާ ފަސޭހާ ކަމާއެކު، ރޭވެފައި އަލިވިލެންވާއިރަށް ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ބަދަލު ގެނައުމުގެ މަގު ފަހިވެފައި އޮތްއިރުވެސް ޕީއެންސީއަށް މިއުޅެނީ ކުރިން ހަދާފައި ހުރި "ކޮތަޅު ގޯސް"ތައް ރަގަޅުކޮށްނުލެވިގެންނެވެ. ފަނޑިޔާރުގެތަކާ މަޖިލިސް މެމްބަރުންވެސް ތަޅު އަޅުވާލުމުގައި ލަހެއް ފަހެއް ނެތި މަސައްކަތްކޮށް ބިލުތައް ފާސްކުރިއިރު ހޮތަޅު ގަރާރުގައި އަތްލާން ކެރުނު މީހަކު ނެތެވެ. ނުވަތަ އެ އުވާލަން ލަފާ ދޭނެ އެންވޯއީ ނެތެވެ. އޭގެ ބަދަލުގައި ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކޮށް ރައްޔިތުންނަށް ޖެއްސީ އިތުރު ތަކްލީފެވެ.
ވޭޕާ ޓޭޕާ ދުންފަތާ ތުންފަތާ މަނާކޮށް ޖެނެރޭޝަނަލް ބޭންތައް ކުރަމުން ގެންދާއިރު، އެއްކަލަ ކޮތަޅުގެ ކަންކަން އުވާލަން ނުކުރެއެވެ. އަދިވެސް ފިހާރަތަކުން ކޮތަޅު ލިބެނީ ގަންނާށެވެ. މަހެއް ގަތަސް ކޮތަޅު ގަންނާން ޖެހެއެވެ.ހަނޑޫ ކިލޯއެއް ގަތަސް ކޮތަޅު ގަނެގެން ނޫނީ ނުލިބެއެވެ.
ކޮތަޅުގެ މައްސަލައިގައި ކުރިން ސަރުކާރަށް ކޮތަޅު ސަރުކާރު ގޮވި ތަރުޖަމާނުންނާ އެމްޑީއިންނާ މިހެން ގޮސް ދެފަޔަށް ހިނި އަރައިގެން އުޅުއްވި ބޭބޭފުޅުން މިއަދު ކޮބައިބާއެވެ؟ ކޮތަޅު ޔަގީނުން ވެސް ލިބެނީ ހިލެއެއް ނޫނެވެ.
ކުރީގެ ކޮތަޅު ސަރުކާރުން ކޮތަޅާ މެދު ނިންމި ނިންމުން ބަދަލުކޮށްލަން ނުކެރި މިހާރުގެ ކޮތަޅު ސަރުކާރުގެ ވެރިން ހަނު މިތިބީ އެއީ ހަމަ އޯކޭ ކަމަކަށް ވެގެންބާއެވެ؟ ކޮތަޅު ސަރުކާރު ކިޔަމުން އައިސް ކޮތަޅާ ގުޅޭ ގާނޫނުގައި އަތްލާނެ ގަޓު ނެތީ ދެއްތޯއެވެ.