

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ޖޭއެސްސީން ފާސްކުރި ނަންތަކުގެ ތެރޭގައި އެ މަގާމަށް ޝަރުތު ހަމަނުވާ މުހައްމަދު ސަލީމުވެސް ހިމެނިއްޖެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހުސްވެފައިވާ ދެ މަގާމަށް ގެންނަން ޖޭއެސްސީއިން އިސްކަންދެނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު ކަމަށް ނިންމައި، އެގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދޭން މިއަދު އޮތް ބައްދަލުވުމުގައި ނިންމާފައިވެއެވެ. މިގޮތަށް ނިންމި ނަމަވެސް ސަލީމު އަކީ އެ މަގާމަށް ޝަރުތު ހަމަވާ ބޭފުލެއް ވެސް ނޫނެވެ. އަދި އެކަމުގައި ހޫނު ގަދަ ބަހުސެއް ޖޭއެސްސީގެ މެމްބަރުންގެ ތެރޭގައި ހިނގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެގޮތުން ޖޭއެސްސީގެ ބައެއް މެންބަރުން ދެކޭ ގޮތުގައި ސަލީމްގެ ކިބައިގައި ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ނ)ގައި ބުނާ އެއް ޝަރުތު ފުރިހަމަނުވެއެވެ. މާއްދާ ބަޔާންކޮށްފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާ ކޮންމެ މީހަކީ އުމުރުން 30 އަހަރު ވެފައިވު މާއެކު ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެ ކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.
ސަލީމު އަކީ ރާއްޖޭގެ އެއްވެސް ކޯޓެއްގައި އެއްވެސް މުއްދަތަކަށް ވަކީލުކަން ކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. ހަމަ އެހެންމެ ސަލީމު ފަނޑިޔާރުކަން ކުރައްވާތާ އަދި ވެފައިވަނީ ތިން އަހަރެވެ. އޭނާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.
ސަލީމު އޭގެ ކުރިން މަސައްކަތްކުރެއްވީ ހައި ކޯޓުގެ ލީގަލް އޮފިސަރެއްގެ ގޮތުގައެވެ. އެ މަގާމުގައި 12 އަހަރު ހޭދަ ކުރެއްވާފައިވެއެވެ.
އެހެންކަމުން ސަލީމުގެ ޝަރުތު ހަމަނުވި ނަމަވެސް ގާނޫނާ ހިލާފަށް އޭނާ ޖޭއެސްސީއަށް އައްޔަންކުރަން ނިންމަން ލަފާދޭން ޖޭއެސްސީއިން ނިންމި ސަބަބެއް ސާފުނުވި ނަމަވެސް ސަލީމުއަކީ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު ހައިކޯޓުން ލަސްކުރި ކުރުމުގެ ފަހަތުގައި ހުންނެވި ފަނޑިޔާރު ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާ ބޭފުޅެކެވެ. އެގޮތުން އޭރު ސަލީމު ދިގު މުއްދަތަކަށް ޗުއްޓީ ނަންގަވައިގެން ރާއްޖެއިން ބޭރުގައި އެ ދުވަސްވަރާ ދިމާކޮށް ހޭދަކުރެއްވިކަން ފާހަގަކޮށްލެވެއެވެ.