

ރައީސް މުއިއްޒުގެ ސިޔާސީ މަސައްކަތް ތޯ އެވެ. ފެށުނީ މިހެން ނެވެ. ރާއްޖޭގައި ރަޖިސްޓްރީ ކުރި ހުރިހާ ޕާޓީއެއްގައި ހެން އުޅުއްވި އެވެ. މަގާމެއް ލާރިއެއް ލިބެން އޮތީވިއްޔާ ވަރިހަމަ ކަމަށް ގަބޫލުކޮށެވެ. ކޮންމެ ޕާޓީއަކަށް ވަންނަނީ ޑީލަކުން އެދުމަކުން ފޯވެގެން ނެވެ. އެކަމެއް ހާސިލް ވުމާއިއެކު ޕާޓީ ދޫކޮށްލައްވަ އެވެ. އެމްޑީއޭ އާއި އަދާލަތާއި ޕީޕީއެމްއާއި އަދި ފަހުން ޕީއެންސީއަށް އަށް ވެސް ވަނީ އަމިއްލަ ބޭނުމެއް ފުއްދުމަށެވެ. ގައުމީ ތަޞައްވަރެއް ވިޝަން އެއް ނެތެވެ.
މުއިއްޒުގެ ސިޔާސީ މަސައްކަތުގައި ސިޔާސީ ޕާޓީތަކުގެ ރޫހަށް ތަބާވުން އެއީ އެމަނިކުފާނު ތަބާވާ ކަމެއް ނޫނެވެ. ނުރުހޭނަމަ އެ ސިޔާސީ ޕާޓިއެއް ނިޒާމުން ގެއްލުވާލަ އެވެ. އެކަން ސާފުކޮށްދެއްވީ މިފަހުން މުއިއްޒުގެ މުޝީރަކަށް ލެއްވި ކުރީގެ ރައީސް ވަހީދު އެވެ.
ވަހީދު ވިދާޅުވާ ގޮތުން މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ކުޑަކުޑަ ޕާޓީއަކުން ނުކުމެ، އެމްޑީޕީގެ އެޖެންޓެއް ގޮތުގައި އެވެ. އަދި ވަހީދު ވިދާޅުވާ ގޮތުން މުއިއްޒު ވެރިކަމަށް އައުމަށް މަގު ކޮށީ އެމްޑީޕީ މީހުން ފައިސާ ދީގެން ޕީޕީއެމް/ޕީއެންސީ [ސެނެޓުގެ] 25 ވޯޓު "ވަގަށް" ހޯއްދަވައިގެން ނެވެ.
ވަހީދު އެ ވިދާޅުވާ ވާހަކަ އަށް މިއަދު ބާރު ވެސް ލިބެ އެވެ. އެއީ މުއިއްޒުގެ ވެރިކަމުގައި އިންޑިއާއާއި އޮންނަ ގުޅުން އެމްޑީޕީގެ ވިސްނުމާއި ވަރަށް އެއްގޮތެވެ. އެމްޑީޕީގެ ވެރިކަންތައް ފަދައިން މުއިއްޒުގެ ޕާޓީން މިހާރު ކުރަމުން އަންނަ ވެރިކަމުގައި ވެސް އޮތީ އިންޑިއާ އަށް "ޔެސް ސަރ" ކިޔުމުގެ ހާރިޖީ ސިޔާސަތެކެވެ. މި ސަބަބަކީ ރައީސް މުއިއްޒުގެ ތާއީދު ރައްޔިތުންގެ ކުރިމަތީ ގެއްލެން ފެށި ފުރަމަތަ ސަބަބެވެ.
"އިންޑިއާ އައުޓް" ހާރިޖީ ސިޔާސަތު ވިއްކާއިގެން ވެރިކަމަށް އައުމަށްފަހު މުއިއްޒުގެ ވެރިކަން ފެންނަނީ އިންޑިއާ އަށް އަޅު ދާސްތުވާ ތަނެވެ. ޕީއެންސީ ޖަލްސާތަކުގައި ހާޒިރީ ހަމަނުވެގެން މިއަދު އުޅޭން ޖެހެނީ މި ސަބަބާއި ހެދި އެވެ.
ރައީސް މުއިއްޒު ޕާޓީގެ ޖަލްސާތަކަށް ރައްޔިޔުން ފޫހި ކުރުވި އަނެއް ސަބަބަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމަށް ގެންނެވުމަށް ތާއިދު ކުރެއްވުނީތީ މިހާރު އިންތިހާއަށް ހިތާމަކުރައްވާ ކަމަށް، ރައީސް އަބްދުﷲ ޔާމީން މިދާޅުވެ ލެއްވި ހިސާބުން ނެވެ.
ރާއްޖެ ޓީވީން ގެނެސްދިން "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒަކީ ޕީޕީއެމްގެ މުޑުވަކެއް ކަމަށާއި ނަމަވެސް ކަން އެކުރައްވަމުން ގެންދަވަނީ ގައިރު ޒިންމާދާރު ގޮތެއްގައި ކަމަށެވެ.
އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވީ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އަދި ޕީޕީއެމް/ޕީއެންސީ ހިންގި އިންޑިއާ އައުޓު ކެމްޕެއިނުގައި ވިއްކި ވާހަކައާ އެއްގޮތަށް، އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ގާއިމުވެފައި އޮތް އޮތުން މި ވެރިކަމުގައި ނިމުމަކަށް ނުގެނައުމާއި ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދެވުމަށް މަސައްކަތް ނުކުރެއްވުމެވެ.
އަދި ރައީސް ޔާމީން ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި މިހާރު ވެސް ގާއިމުވެފައި އެބަ އޮތް ކަމަށާއި ޔުނިފޯމުގައި ތިބި ބަޔަކު ރާއްޖޭގައި ނެތުމަކީ އިންޑިއާގެ އަސްކަރިއްޔާ ގާއިމުވެފައި ނެތުން ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
މިފަދަ ބަހުގެ ހަމަލާތަކެއް ރައީސް ޔާމީން މުއިއްޒު އަށް ދެއްވި ހިސާބުން ރައީސް ޔާމީންގެ ސަޕޯޓަރުން މުއިއްޒު ދޫކޮށް ފެއަށް ޖެހެން ފެށި އެވެ. ޕީއެންސީގެ ޖަލްސާތަކުން އެފެންނަނީ އެ ފަޅު ކަމެވެ.
ރައީސް ޔާމީން މިފަހުން ވިދާޅުވ ގޮތުން ނަމަ، ގައުމު ދެކެ ލޯބިވަންނާ ޕީޕީއެމް އުވާލުމާ ދެކޮޅަށް މެންބަރުން ތެދުވަންޖެހެ އެވެ. ޕީޕީއެމް އުވާލަން މުއިއްޒުގެ އެކުވެރި ސިޔާސީން ނިންމުމުން މުއިއްޒުގެ ޖަލްސާތަކަށް ކުރިން ދިޔަ ޕީޕީއެމް މީހުން ވެސް މިހާރުވަނީ ޕީއެންސީ ޖަލްސާތަކަށް ދިއުން ހުއްޓާލާފައި އެވެ.
ޕީޕީއެމްގެ ހިޔަނިން ޕީއެންސީ އުފެއްދީ ރައީސް ޔާމީންގެ ބެލުމުގެ ދަށުންނެވެ. އެ ޕާޓީ އުފައްދަންޖެހުނީ، ޕީޕީއެމްގެ މައްސަލަތަކެއް މައުމޫންގެ ފަރާތުން ކޯޓަށް ހުށަހެޅުމުން، ގާނޫނީ ގޮތުން ޕީޕީއެމްގެ ކޮންޓްރޯލް ރައީސް ޔާމީނަށް ގެއްލިދާނެތީ އެވެ.
މުއިއްޒު ވެރިކަމަށް ހަފުތާއެއް ނުވަނީސް ރައީސް ޔާމީން ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެން ޕީއެންއެފް ނަމުގައި އާ ޕާޓީއެއް އުފެއްދެވި ފަހުން، ޕީޕީއެމްގެ ނަމުގައި މަޖިލީހުގެ އިންތިހާބަށް ވާދަ ކުރުމުގެ ފުރުސަތު ވެސް މުއިއްޒު ނުދިނުމުން ޕީއެންސީގެ ޖަލްސާތަކުގެ ހައިބަތު ގެއްލި ފޯރި ކުޑަވާން ފެށި އެވެ.
މުއިއްޒު ޕާޓީގެ ޖަލްސާ ތަކުގައި ހުސްގޮނޑި ގިނަވާން ފެށި އަނެއް ސަބަބަކީ ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ދައުލަތުގެ މުދަލާއި ވަސީލަތް ބޭނުން ކޮށް އެ ޕާޓީއަށް ދިވެހިންގެ "ވަގު ފޯމް" ފުރަން ފެށުމެވެ. ޕީއެންސީއަށް ފުރަތަމަ ވައްދަންފެށީ އެޕާޓީގެ އުފެދުމުގެ އަސްލުކަމުގައިވާ ޕީޕީއެމްގެ މެންބަރުންނެވެ.
މުޅި ޕީޕީއެމްގެ ދަފުތަރު އެކީއެކަށް ކަހާލުމަށްފަހު ދެން ނޭޝަނަލް ރަޖިސްޓްރީއަށް ވަދެ ތަނެއްދޮރެއް ބަލާ ނުލާ ޕީއެންސީ އަށް ކަހާލީ ވާދަވެރި ޕާޓީތަކާއި ސިޔާސީ ޕާޓީއަކަށް ދުވަހަކުވެސް ނުވަން ދިވެހި ރައްޔިތުންގެ އައިޑީކާޓު ތަކެވެ. މިކާޑުތައް ބޭނުންކޮށްގެން މުއިއްޒު ޕާޓީއަށް މީހުން ވެއްދި ކަމަށް އެ ޕާޓީން ވަނީ އެއް ބަސް ވެފައި އެވެ. އަދި މިކަމާއި ގިނަ ބައެއްގެ ފާނޑުކިޔުން މުއިއްޒު ޕާޓީއަށާއި ސަރުކާރަށް އަމާޒުވި އެވެ. ނިމިދިޔަ 2024 ވަނަ އަހަރުގެ ފަހު ތިން މަސްދުވަސް ތެރޭ މުއިއްޒު ޕާޓީއަށް 40،000 އެއްހާ މީހުން ވަގަށް ވެއްދި ކަމަށް ވާދަވެރި ޕާޓީތަކުން ވެސް ތުހުމަތު ކުރި އެވެ.
ޕީއެންސީގެ މެންބަޝިޕް ޑްރައިވްގެ ތެރެއިން އެކި މިނިސްޓްރީތަކުގެ މުވައްޒަފުން، މިނިސްޓްރީތަކުގެ ތެރޭ ޕީއެންސީގެ މެންބަޝިޕް ފޯމު ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔައިރު، ގިނަ ބަޔަކު އެކަމަށް ފާޑު ވެސް ކިޔެވެ.
މިކަމުގައި މުއިއްޒުގެ ވަޒީރުން އަވަދިނެތި އުޅެ ކުރި "ވައްކަމުގެ" ނަތީޖާ އަކީވެސް ޕީއެންސީން އަށް ރައްޔިތުންގެ އިތުބާރު ގެއްލުމެވެ. ޕީއެންސީގެ ޖަލްސާތަކުގެ އަޑު ކެނޑުނު އެއް ހިސާބަކީ މިއީ އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ފޯރި ކެޑުނު އަނެއް ސަަބަބަކީ ޖަލްސާގައި ބައިވެރިވަމުން ޕޯޑިއަމްގައި ވާހަކަ ދައްކަވާ ބޭބޭފުޅުންގެ ދިއުޅިއެއް ނުވާ ވާހަކަ ތަކެވެ. ރައްޔިތުން ނަށް ވީ ވައުދުތައް ނުފުއްދިގެން ރައްޔިތުން ނިކުމެ މުޒާހަރާ ކުރަން ފެށުމުން ޕީއެންސީން ޖަލްސާ ބާއްވާ އިއުލާން ކުރަނީ ވައުދު ފުއްދިއްޖެ ކަމަަށެވެ. މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޖަލްސާ ތަކުގައި ދޮގު ގިނަވާން ފެށުމުން މި ކަމާއި ރައްޔިތުން ފޫހި ކުރުވި އެވެ. އަދި ބައެއް ފަހަރު ޖަލްސާގައި އަރާ މުއިއްޒުގެ ބޮޓުންނަށް ކިޔޭ ނުކިޔޭ ވެސް ނޭނގެ އެވެ.
އޭގެ އެއް މިސާލަކީ "ޓޫރިޒަމް ފުނޑާލަން" އެމްޑީޕީން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ދެއްކެވި ވާހަކަ އެވެ. ހަގީގަތާއި ހިލާފް މިފަދަ ރާއްޖޭގެ އިގްތިސޯދާއި އަދި ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ މައްސަލަތަކަށް ޔޯލަ ޔޯލަ އަށް ހަދަހަދައިގެން ވާހަކަ ދައްކަން ފެށުމުން ޕީއެންސީގެ ޖަލްސާ ދޫކޮށް މީހުން ދާން ފެށި އެވެ.
ނިހާދުގެ ވާހަކަތަކުން ފާޅުގައި ދޮގު ފެނުމުން މިކަމާ ހުދު ޕީއެންސީން ވެސް ބަޔާން ނެރެން ޖެހުނެވެ. އަދި ރާއްޖޭގެ އަގު ވެއްޓޭނެ ފަދަ ވާހަކަ ޕީއެންސީގެ ޖަލްސާގައި ނުދެއްކުމަށް މެންބަރުންނަށް ޕީއެންސީން ގޮވާލި އެވެ.
މިފަދަ ކިތަންމެ ސަބަބަކާއި ހުރެ މިއަދު ރައްޔިތުން އެ ވަނީ މުއިއްޒު ޕާޓީއަށް ނޫނެކޭ ބުނެފަ އެވެ. ކޮންމެ ދުވަހަކު ޖަލްސާ ބާއްވާނެ ކަމަށް ބުނެ ބެރިދުންމާރިން ފުމެމުން މާލޭގެ ބޮޑު މަގުގައި މުއިއްޒު ހުޅުވި "ޕީއެންސީ ޖަގަހަ" މިހާރު ހުރީ ފަޅު ގޯއްޖަކަށް ބަދަލުވެފައި އެވެ. ކެރަމް ކުޅެލާނެ ހަތަރު މީހުން ޕާޓީ އޮފީހުން ނުލިބި އެ ބޯޓުތައް ވެސް ހުރި މިހާރު ހިރަފުސް އަޅާފައި އެވެ.
މުއިއްޒު އެދިގެން ތާސް ކުޅެން ޕާޓީ އޮފީހަށް ވެއްދި ތާސް ބައިގެ ގަޑުތައް ވަނީ ގެއްލިފައި އެވެ. އެންސްޕާގެ ލާރިން މުއިއްޒު ޕްރޮމޯޝަނަށް އުފެއްދި ޓީވީ ހަރުގޭގައި އަޅުވައިފާ ހުއްޓަސް އެމަންޒަރު ޓީވީން ބަލާނެ މީހުން މިއަދަކު ނެތެވެ.
ޕާޓީ އޮފީހުން އެ ފެންނަނީ މުއިއްޒު ސަރުކާރުގެ ވެރިންގެ "ޗޯރު" ކަމުގެ ފަރުދާއިން ފެންނަ އަދިރި ކަމެވެ. ވާނީ ވެސް އެހެން ނެވެ. މުއިއްޒުގެ ހަރުގެ އިން ގޮވާލާ ޖަލްސާއަކަށް ވަދެ ތިބެނީ ވެސް ހުސް "ވަގުން" ނެވެ. ސިޔާސީ ބޮޑެތި "މުޖުރިމުން" ނެވެ.
ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގެ ފޯރި ކެނޑި މީހުން މަދުވަނީ މިހެންވެ އެވެ. އަދި ވެސް މިފަދަ ކިތަންމެ ގޯހެއް މުއިއްޒުގެ ފުށުން އެދަނީ ފެންނަ މުންނެވެ. ހާލަތާއި މަންޒަރު ބަދަލު އެބަވެ އޭ އަޅުގަނޑު އަބަދުވެސް މި ދަންނަވަނީ މިހެންވެ އެވެ...!