

ގައުމެއްގެ އިގްތިސީދުގެ އިންޖީނުގެ ތެލަކީ އަބަދުވެސް އެ ގައުމެއްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެވެ. މިކަމަށް އިގްތިސޯދީ ބޭފުޅުން އެއްބަސް ވެ އެވެ. މިކަން 2023 ވަނަ އަހަރު ޕީޕީއެމްޕީއެންސީން ރައްޔިތުންނަށް ވިއްކި މެނިފެސްޓޯގައި ވެސް އޮތީ ލިޔެފައި އެވެ.
އެގޮތުން ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލަށް ފެށުމަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި އަދި އެފަދަ ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށް ދޭނެ ކަމުގެ ވައުދު ޕީޕީއެމް ޕީއެންސީން އައީ ވަމުން ނެވެ.
ނަމަވެސް ހާލަތާއި މަންޒަރު ބަދަލުވާން ފެށީ ޕީޕީއެމް/ޕީއެންސީގެ އެތޭރޭގެ ކުއްލި ބަގާވާތުގެ ތެރެއިން ވަގަށް ޖަހައިގަތް ރިޔާސީ ޓިކެޓާއި އެކު މުއިއްޒު ވެރިކަމުގެ ކޮއިލަށް ރެދެލި ކުރެއްވި ހިސާބުން ނެވެ. މިއަދު ރައްޔިތުންނަށް ދިމާވެގެން އުޅޭ ކޮންމެ އުދަގުލެއް އަދި ތުރާލެއްގެ ފެށުމަކީ މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ކަންކުރެއްވި ގޮތެވެ. ނާގާބިލު މީހުން ސަރުކާރުގެ މަގާމުތަކަަށް އައްޔަނުކުރުމާއި މުއިއްޒު ސިޔާސީ ބޭނުމަށް މުޅި ގައުމުގެ އިގްތިސޯދީ އެޖެންޑާ އޮޅާ ނަގާ ބެކަށް ޖެހީ އެވެ.
ނަތީޖާއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަލަށް ފެށުމަށާއި، ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި އަދި އެފަދަ ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށް އުފެދިފައި އޮތް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ މަގްސަދުވެސް ހަދާން ނެތުމެވެ.
މިއަދު މިފެންނަނީ އެމަންޒަރެވެ. ރާއްޖޭގެ ކުދި ވިޔަފާރިތައް މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަދަދުގާރުންނަށް ބަހާލަނީ އެވެ. ކުދި ވިޔަފާރިތައް ކުރިއަރުވަން އެސްޑީއެފްސީ ދޫކުރާ ލޯނެއް ވެސް ލިބެނީ މުއިއްޒުގެ ސިޔާސީ އެކުވެރިންނަށެވެ. މުއިއްޒުގެ ސިޔާސީ ހަރުގެ އަށް ގޮސް ނޫޅޭ ކުދި ވިޔަފާރި ވެރިއެއް ނަމަަ އެމީހަކު ހަފުސް ކޮށްލަނީ އެވެ. އިތުރަށް ވިޔަފާރީގައި ކުރިއަށް ދިއުމަށް ސަރުކާރުން އިންތިޒާމީ ގޮތެއްގައި ހުރަސް އަޅާ އެމީހުންގެ ދިރިހުރުމެގެ ހައްގުވެސް ގެއްލޭވަރަށް ދައުލަތާއި ސަރުކާރުން ގުޅިގެން ގެއްލުވާ ލަނީ އެވެ.
އިއްޔެ ވެސް ސަރުކާރުން އިއުލާނު ކުރީ މިފަދަ ނުބައި ނުލަފާ ހަރަކާތެކެވެ. ސީދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އަމާޒު ކޮށެވެ. ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން "ގާ އެޅުމުގެ" މަސައްކަތް ކުރުމަށް ހާއްސަ ކުންފުންޏެއް ސަރުކާރުން އުފައްދިއްޔޯ ލަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ދައުލަތުގެ 100 ޕަސެންޓް ހިއްސާ އޮންނަ އެ ކުންފުނި އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގައި ބޮޑަށް އާބާދުވެފައިވާ "އާބަން" ސަރަހައްދުތަކާއި މަދުން އާބާދުވެފައިވާ "ރޫރަލް" ސަރަހައްދުތަކުގެ އުމްރާނީ ތަރައްގީ ފުޅާކުރުމުގެ މަގުސަދު ހާސިލުކުރުމެވެ.
ދުނިޔެއަށް އަލަށް އީޖާދުވާ ޓެކްނޮލޮޖީ އާއި ޒަމާނީ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން ގާ އެޅުމާއި ކާސްޓިންގެ މަސައްކަތްތަކާއި އެއާ ގުޅުން ހުރި އެހެން ކަންކަމާއި އެ މަސައްކަތްތަކާ ގުޅޭ ހުރިހާ ކަމެއް އެ ކުންފުނި މެދުވެރިކޮށް ތަންފީޒުކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް"ގެ ނަމުގައި ރައީސް މުއިއްޒު ކުންފުންޏެއް އުފެއްދެވިކަން އިއުލާން ކުރުމާއި އެކު ކުދި ވިޔަފާރިތަކުގައި އުޅުއްވާ މީހުންގެ ފާނޑުކިޔުން ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
މި ރިޕޯޓަށް ވާހަކަ ދައްކަމުން ކުޑަ ވިޔަފާރިއެއް ރަށުގައި ރަޖިސްޓްރީ ކޮށްގެން އެޅިގާ ވިއްކަމުން އަންނަ މީހަކު ބުނީ އެމީހުންގެ "ކުޑަ" ވިޔަފާރިތެރެއަށް ސަރުކާރުން ވަދެ ޖަހަން މިއުޅެނީ ކޮން ސަކަރާތެއްކަން ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށާއި މިފަދަ ކުދި ވިޔަފާރީގެ ތެރެއަށް ދައުލަތުން ވަނުމުން އޭގެ ގެއްލުން ސީދާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.
އޭނާ އިތުރަށް ބުނީ ގިނަރަށްރަށުން ރައްޔިތުން އާމްދަނީ ހޯދާ އެއްވަސީލަތަކީ ކޮންސްޓަރަކްޝަން މަސައްކަތް ކަމަށާއި ރަށްރަށުގައި ސަރުކާރުން ހިންގާ މަސައްކަތްތައް ނަގައިގެން އެމީހުން އާމްދަނީ ހޯދަމުން އަންނަ ކަމަށެވެ. ނަމަވެސް ސަރުކާރުގެ މިހާރު ކުންފުނި ހަދައިގެން އެޅިގައި އަޅަން ފެށުމުން ކުދި ވިޔަފާރި ތަކުގެ ހުންގާނު ބިނދި މައި އިގްތިދާސޯދަށް އޭގެން ގެއްލުން ވާނެ ކަމަށެވެ.
އޭނާ އިތުރަށް ބުނީ ސަރުކާރަކުން ކުންފުނިތައް ގިނަކުރަންޔާ އޭގެ ފަހަތުން ހިނގާނީ ވައްކަމާ ކޮރަޕްޝަން ކަމަށާއި މި އުފެއްދި ކުންފުނީގެ ބޭނުމަކީ ވެސް ނުހައްގު މުއްސަދިކަން ސަރުކާރުގެ ސިޔާސީ ވެރިން ހޯދުން ކަމަށެވެ.
ސަރުކާރުން އެޅިގާ އެޅުމަށް ކުންފުނި ހެދުމުން އެކަމާއި ރުޅިގަނދަވެފައި ހުރި އިތުރު މީހަކު ބުނީ މުއިއްޒުގެ މަގުސަދަކީ ކުދިވިޔަފާރިތަށް ފުނޑާލާ އަންނަ ކައުންސިލް އިންތިހާޞުގެ ވޯޓަށް ބަޔަކަށް ވަޒީފާތަކެއް ބަހާލުން ކަމަށެވެ. އޭނާ އިތުރަށް ބުނީ ސޯލިހު ސަރުކާރުން ސިޔާސީ މަގާމު ދީގެން މަސްވެރިން މަސް އޮނޑިފަހަރުން ބޭލުވި ގޮތައް މި ސަރުކާރުގެ ވެސް އަމާޒަކީ ކުދި ވިޔަފާރިކޮށްގެން ރަށުގައި އަމިއްލަ އަށް ފުދިގެން އާއިލާއާއެކު އުޅޭ މީހުން ހޯދާ އެމީހުންނަށް ސިޔާސީ މަގާމުދީގެން ސިޔާސީ އަޅުން ނަށް ހެދުން ކަމަށެވެ.
މި ސަރުކާރުން ވިޔަފާރިކޮށް ރައްޔިތުންގެ އިގްތިސާދީ އަދި ސިޔާސީ ފިކުރުގެ މިނިވަން ކަން ނަގާލުމަށް ވަރަށް ގިނަ ހަރަކާތް އަންނަނީ ހިންގަމުން ނެވެ. އެގޮތުން މިފަހުން ވަނީ ވޭޕް މަނާކޮށް އެ ވިޔަފާރިން އާމްދަނީ ހޯދަމުން ދިޔަ މީހުން ވެސް ވަނީ ހުއްޓުވާފައި އެވެ. އަދި އެމީހުންގެ ވިޔަފާރި އިތުރު ނޯޓިހަކާއި ނުލާ ކުއްލިއަކަށް ހުއްޓުވުމުން ވަނީ އެތައް ބޮޑެތި ގެއްލުމެއް ވެފައި އެވެ.
މީގެ އިތުރުން އަމިއްލަ ކުންފުނިތަކުން ހިތްހަމަނުޖެހުނަސް ސަރުކާރުން އައިނު ވިއްކުމުގެ ވިޔަފާރި ފަށާނެ ކަން ވެސް ސަރުކާރުން މިއަދު ވަނީ އިއުލާން ކޮށްފަ އެވެ. ރައީސް ވިދާޅުވާ ގޮތުން، ސަރުކާރުގެ އެ ނިންމުމާ އެކު، އައިނުގެ ވިޔަފާރިކުރާ މީހުން ކިތަންމެ ބޮޑަށް ހިތްހަމަނުޖެހުނަސް އެމަނިކުފާނުގެ ފަރުވާލެއް ނެތެވެ.
ޕްރައިވެޓް ސެކްޓާގެ އައިނު ވިޔަފާރިކުރާ މީހުން ކިތަންމެ ހިތްހަމަނުޖެހުނަސް އަޅުގަނޑަށް މައްސަލައެއް ނެތް. ދެން ޕްރައިވެޓް ސެކްޓާގައި ވެސް މި ކަން ކުރާ މީހުން ޖެހޭނީ އައިޖީއެމްއެޗްއާ ކޮމްޕީޓްކުރަން [ވާދަ ކުރަން]. އެ ފެންވަރުގެ އައިނާއި ދުނިގަނޑު ޕްރައިވެޓް ސެކްޓާއިން ވެސް ޖެހޭނީ ހައްދައިދޭން،
ރައީސް މުއިއްޒު އެވެ. މަނިކުފާނުގެ ސިޔާސީ ބޭނުމަށް މުޅި ގައުމުގެ ުދި ވިޔަފާރި ވެރިން "ފަނާ" ނުކުރައްވާށެވެ. ކުދި ވިޔަފާރަވެރިން މަނިކުފާނަށް ސިޔާސީ ގޮތުުން ހުށާމަތުކޮށް ސަނާ ނުކިޔުމަކީ އެމީހުން "ސައިޒް" ކޮށް ރާއްޖޭގެ އިގްތިސޯދުގެ މައި އިންޖީނުގެ ސޯބު ތައް ފުޑާލުމެއް ނޫނެވެ.
ގާ އެޅުމާއި ކާސްޓިންގގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ހިމެނޭހެން ދައުލަތާއި ސަރުކާރުން ކުންފުނި ހަދައިގެން ރައްޔިތުންގެ ޓެކްސް ފައިސާ އިން ސަރުކާރު ކުންފުނިތަކަށް "ޖިޒީ" ދައްކައިގެން ތިޔަ ޖައްސަވަން އުޅުއްވާ ސަކަރާތް މިހާރުން މިހާރަށް ހުއްޓުވާ ލައްވާށެވެ.
މިއަދު މަނިކުފާނަކީ ރައްޔިތުންނަށް ހުރި އުންމީދަކަށް ވުރެ ނާއުންމީދަކަށްވެ ނިމިއްޖެ އެވެ. ރައްޔިތުން މިހާރު ވެސް ތިބީ ވޯޓު އަޅާ މަނިކުފާނަށް ނޫނެކޭ ބުނެ ވޯޓި ފޮށިތައް ފުރާލަން ތައްޔާރަށެވެ.