

ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުގެ ނަމުގައި ދިވެހި ސަރުކާރުން އިނގިރޭސިވިލާތާއެކު ބާއްވާ މަޝްވަރާތަކުން ރާއްޖެއިން އެ ގައުމަށް ބޭރުކުރާ މަހުގެ ޑިއުޓީ ކެނޑޭ ގޮތަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމާ ގުޅޭ ވާހަކަތައް މި އަހަރު އުނިކޮށްފައިވާތީ އެ ކަމުގެ ފަހަތުގައިވާ ސަބަބު ހާމަކުރުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ފެށި އެންމެ މުހިންމު އެއް މަސައްކަތަކީ އިނގިރޭސިވިލާތަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޑިއުޓީ ކުޑަކުރުމެވެ.
ޑިއުޓީ މުޅިން ކަނޑާލަން ބޭނުންވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ހަދަން ފުރަތަމަ މަޝްވަރާތައް ނިމި، އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އެ ގައުމުގެ ރައްޔިތުންގެ ހިޔާލު ހޯދަން 2023 ވަނަ އަހަރު ހުޅުވާލައިފައި ކަމަށާއި ދައުރު ނިމުނުއިރު މަސައްކަތް ތާވަލުކޮށްފައިވަނީ 2025 ވަނަ އަހަރު އެއްބަސްވުން ތަންފީޒު ކުރުމަށް ކަމަށް އެމްޑީޕީން ބުންޏެވެ.
އިނގިރޭސިވިލާތުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް ނަގާ އިމްޕޯޓު ޑިއުޓީ %0 ބަދަލުވެގެން ދިއުމަކީ ދިވެހި މަސްވެރި ސިނާއަތަށް ލިބޭ ބޮޑު ކުރިއެރުމެއް,"
ނަމަވެސް މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް-ޔޫކޭ ޑަޔަލޮގްގައި އެފްޓީއޭގެ މަޝްވަރާތައް ހިމަނާފައި ނުވާތީ، އެމްޑީޕީން ވަނީ އެކަމާ ކަންބޮޑުވެ މިއީ މަސްވެރިންނަށް ގެއްލުންވާނޭ ކަމެއްކަން ފާހަގަކޮށްފަ އެވެ.
މިކަމުން މިހާރު އުފެދޭ ސުވާލަކީ މަސްވެރިންނަށް ހާއްސަކޮށް މުޅި މަސްވެރި ސިނާއަތަށް މިހާރު ވެސް އެތައް ގެއްލުމެއް ދީފައިވާ ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހި މަސްވެރިން ބާނާ މަހުން ކުރާ ވިޔަފާރިން ރާއްޖޭގެ މަހަށް ޔޫކޭގެ ޑިއުޓީ ކަނޑާލުމުގެ މަޝްވަރާތައް މުއިއްޒު ސަރުކާރުން ހުއްޓާލީ ހެއްޔެވެ؟
ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކަށް ނަގަމުންދާ 20 ޕަސެންޓު ޓެކްސް ކަނޑައިލުމަށްޓަކައި މިދިޔަ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު އެކަމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރާއިރު، އެއީ މި ސަރުކާރުން އިސްކަން ދޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއްތޯ ސާފު ކުރަން މަސްވެރި ސިނާއަތުގެ މީހުން އަންނަނީ ސުވާލު ކުރަމުން ނެވެ.