

މިއަދު މެންދުރުފަހުން ފެށިގެން މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާއިރު މާލޭގެ ބޮޑު ސަރަހައްދަކަށް ހިދުމަތް ދެވިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މެންދުރު 12:40 ހާއިރު ކަރަންޓު ކެނޑުމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ގިނަ ކަންތައްތަކަށް ވަނީ ބުރޫ އަރައިފަ އެވެ. މީގެ އިތުރުން އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް ދަތިތައް ދިމާވި އެވެ.
އެންމެ ފަހުގެ އަޕްޑޭޓް ހިއްސާކުރަމުން ސްޓެލްކޯ އިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކަރަންޓު ދެވިފައިވާ ކަމަށާއި ހިދުމަތް ނުދެވޭ ސަރަހައްދުތަކަށް ވެސް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސްޓެލްކޯ އިން މިހާރު ވަނީ ހުޅުމާލޭ ފޭސް އެކަކަށް ކަރަންޓު ދީފަ އެވެ. މިވަގުތު ކަރަންޓު ނެތީ ހިޔާގެ 1 ވަނަ ޓަވަރުން 8 ވަނަ ޓަވަރާއި ވިނަރެސް ފްލެޓްތަކުގަ އެވެ. އެކަމަކު ގްރިޑުގެ މަސައްކަތް ނިމުމާ އެކު އެ ތަންތަނަށް ވެސް ކަރަންޓު ދެވޭނެ ކަމަށް ބުންޏެެވެ.
ސްޓެލްކޯ އިން ބުނީ ގްރޭޓާ މާލޭ އިންޓަ ކަނެކްޝަންގެ ހުޅުލޭގެ ޓްރާންސްފޯމަރުތައް ފިޔަވައި މާލެ އާއި ހުޅުމާލޭގެ ބޮޑެތި ޓްރާންސްފޯމަރުތައް މިހާރު ވަނީ އެނަޖައިޒް ކޮށްފައިވާ ކަމަށެވެ.
އެއާއެކު، މާލެ އާއި ހުޅުމާލެ އިން ކަރަންޓު ނުދެވި ހުރި ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. މިހާރު ވަނީ ވަރަށް ބޮޑު ބަޔަކަށް ކަރަންޓު ދީފަ އެވެ.
ސްޓެލްކޯ އިން އިތުރަށް ބުނީ ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ނޭންގޭ ކަމަށެވެ. ކަރަންޓު ކެނޑުމާއެކު މަސައްކަތް ފެށީ އަވަހަށް ކަރަންޓު ދިނުމަށް ކަމަށް ވެސް ބުންޏެވެ.
މާލެ އާއި ހުޅުލެ އާއި ހުޅުމާލެއިން މިއަދު ކުއްލި ގޮތަކަށް ކަރަންޓު ދިޔަ މައްސަލަ ރައީސް މުހައްމަދު މުއިއްޒު އަންގަވައިގެން ފުލުހުން ވަނީ ބަލަން ފަށައިފަ އެވެ. އެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ ހާއްސަ އިސްކަމެއް ދީގެން ފަށާފަ އެވެ.