
ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަމުރަށް ދިވެހި ފުލުހުންގެ ހިދުމަތުން ގްރޭޓަރ މާލެ ރީޖަނުން ކަރަންޓު ދިޔަ މައްސަލަ ތަހުގީގު ކުރަން ފެށުމުން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޑރ ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ކަމެއް ވާ އިރަށް ފުލުހަށް އަމުރު ހިންގުމުން އެފަދަ މައްސަލަތައް ހައްލުވާ ކަމާއި މެދު ސުވާލު އުފައްދަވާފަ އެވެ. އަދި އެއީ ބޮޑު ޖޯކެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރެއްވިއެވެ.
އެގޮތުން ސްޓެލްކޯ އަކީ ރައީސް މުއިއްޒުގެ ގާތްމީހުން ބަރާކޮށްފައި އޮތްތަނެއްކަމާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ހިމެނޭގޮތަށް ކޮރަޕްޝަންގެ އެތައް ތުހުމަތެއް އޮތްކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.
މިފަދަ މައްސަލައެއް ތަހުގީގު ކުރަން ބޭނުންފުޅުވާނަމަ ބޭނުން ކުރަންވީ އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީކަމަށްވެސް ޑރ ޖަމީލްގެ ޕޯސްޓުގައިވަނީ ފާހަގަ ކުރައްވާފައެވެ.
އެގޮތުން އެއިރުންވެސް ނިކުންނާނީ ރައީސް މުއިއްޒު ބޭނުންވާފަދަ ރިޕޯޓެއް ކަމާއި މިހާރު ބީއެމްލް އާއި އަންދާލި ސަރުކާރު އިމާރާތްތަކުގެ ރިޕޯޓްތައް ވީ ހިސާބަކާއި މެދުވެސް ޑރ ޖަމީލްވަނީ ސުވާލު އުފައްދަވާފައެވެ.
މިއީ ރައީސް މުއިއްޒުގެ ދޮގު ލިސްޓުން ދޮގެއް ކަމާއި ކައްޒާބުގެ ދޮގުތަކޭ ރައްޔިތުން ބުނަނީ މިފަދަ ސަބަބުތަކާއި ގުޅިގެންކަމަށް ޑރ ޖަމީލް ވިދާޅުވި އެވެ. އަދި މިއަދު ކެރެންޏާ ހޮޅިތައް ތަޙްގީގު ކުރަންވީކަމަށް ޑރ ޖަމީލް ވިދާޅުވި އެވެ.
އަދި މިއަދު ރައީސުލް ޖުމްހޫރިއްޔާ އުޅުއްވަނީ ވެރިކަން ލިބުނީމައި މޮޔައެއްގެ އަތަށް ކަނޑިއެއް ދިނީމަ އުޅޭގޮތަށްކަމަށް ޑރ ޖަމީލް ސިފަ ކުރެއްވި އެވެ.










