

ޖުލައި 26 ގައި ބާއްވާ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
އެ ގައުމުގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި)ގައިވާ ގޮތުން މޯދީއަށް ރާއްޖެ ވަޑައިގަތުމުގެ ދައުވަތެއް، މިދިޔަ އަހަރު ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެއްވިއެވެ. ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު މިދިޔަ ހަފުތާގައި އިންޑިއާއަށް ކުރެެއްވި ތިންވަނަ ރަސްމީ ދަތުރުފުޅުގައި އެ ދައުވަތު ވަނީ ތަކުރާރުކުރައްވައިފައެވެ.
އެއާއެކު އެ ދައުވަތުގައި މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހުމުގެ ފުރުސަތު އޮތް އެއް ތާރީޚަކީ އަންނަ މަހުގެ 26ވަނަ ދުވަސް ކަމަށް ޓީއޯއައިގައި ރިޕޯޓުކޮށްފައިވެ އެވެ.
އެހެންކަމަށްވާނަމަ މިއީ، އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުކީ ސިޔާސަތަކާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު ދައުރުގައި، މޯދީ ރާއްޖެ ވަޑައިގަންނަވާނެ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.
ނަމަވެސް، މި ދަތުރުފުޅާ ބެހޭ އިތުރު އެއްޗެއް އެ ނޫހަކުން ނުބުނެ އެވެ. އަދި އިންޑިއާ ސަރުކާރުގެ ރަސްމީ ބަހެއް ވެސް އެ ހަބަރަކު ނެތެވެ. އަދި ދިވެހި ސަރުކާރުން ވެސް މިކަމާއި ވާހަކައެއް އަދި ނުދައްކަ އެވެ.
އިދިކޮޅުގައި ތިބި އިރު"އިންޑިއާ އައުޓް" ނަމުގައި ކެމްޕެއިނެއް ކޮށްގެން ވެރިކަމަށް އައި މި ސަރުކާރުގެ ވެރިކަމުގެ ކުރީކޮޅު އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. ނަމަވެސް އެ ގުޅުން "އަޑިން ހެދި ޑީލުން" ވަރުގަދަ ކޮށް މިހާރު މުއިއްޒު ސަރުކާރަށް މޯދީ ވަރެއް ނެތެވެ.
އިންޑިއާއާއި، ރާއްޖެއާ އެންމެ ގާތް ގުޅުމެއް މި ފަހުން އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ. ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި ވެސް މޯދީ ބައިވެރިވެވަޑައިގެންނެވިއިރު، އެ ވެރިކަމުގައި ފަހުން ވެސް މޯދީ ރާއްޖެ ވަޑައިގަތެވެ. އަދި މޯދީއަށް ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ޝަރަފު ވެސް އަރުވައިފަ އެވެ.
މުއިއްޒު ސަރުކާރުން މިހާރު މޯދީ އަށް "ހިތަނީ" ސޯލިހު ސަރުކާރުން ކަންކުރި ގޮތަށް ވުރެ ހެޔޮކޮށެވެ.
މޯދީ ސަރުކާރު އަބަދުވެސް ފާހަގަވަނީ އިންޑިއާގެ މުސްލިމް އާބާދީ އަށް ފުރައްސާރަކުރާ ބައެއްގެ ގޮތުގައި އެވެ. އެގޮތުން މުސްލިމުންގެ އަޣުލަބިއްޔަތު އޮތް ކަޝްމީރުގައި ވެސް ހައްގުތައް ހިފަހައްޓައި ސިޔާސީ ބޭފުޅުން ޖަލަށް ލައި އަނިޔާވެރި އަމަލުތައް ހިންގުން ދިފާއުކޮށް ބީޖޭޕީގެ ސަރުކާރުން ދައްކާ ވާހަކައިން ފެންނަނީ ހިންދުތުވާގެ ފިކުރެވެ.
ހިންދުތުވާއާ، ބީޖޭޕީއާ ގުޅުމެއް ނެތް ކަމަށް ދައްކަން އެ ޕާޓީން އަބަދުވެސް ވާހަކަ ދައްކަ އެވެ. އެކަމަކު ހިންދުތުވާ ހިންގަން ނުކުމެ އުޅޭ ހިންދޫ ވަތަނީ ގްރޫޕްތަކުގެ ތެރެއިން ބަޖްރާންގް ދަލްގެ އާއި ރަޝްތުރިޔާ ސްވަޔަމްސެވަކް ސަންގް (އާރްއެސްއެސް) އާއި ވިޝްވާ ހިންދޫ ޕަރިޝާދާ ބީޖޭޕީއާ ފިކުރާއި ސިޔާސަތުގެ ގޮތުން ގުޅިފައި އޮންނަކަމީ ސިއްރެއް ނޫނެވެ. އެހެންވެ ބީޖޭޕީން ހިންދޫ ހަރުކަށި މި ފިކުރާ އެއްކިބާވާން ދައްކާ ވާހަކައެއް ނުވިކެ އެވެ.
އިންޑިއާގެ އެތައް ބަޔަކު ހިންދުތުވާއާ ދެކޮޅަށް މިހާރު ވާހަކަ ދައްކަނީ މި ފިކުރުގެ ސަބަބުން އިންޑިއާ ހަލާކުވާތީ އެވެ. ކޮންމެ ތަނެއްގައި، ކޮންމެ ކަމެއްގައި ހިންދުތުވާ އިސްކޮށް، ހިންދޫންނަށް ހައްގުތައް އިސްވާނެ ކަމަށް ދެކޭތީ ކޮންމެ ކަމަކުން އުފެދެނީ ހަމަނުޖެހުމާއި ނަފްރަތެވެ.
މޯދީ ލީޑް ކުރައްވާ ބީޖޭޕީގެ އޭރުގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު އަމިތު ޝާހް ވަނީ ބަންގްލާދޭޝް މުސްލިމުންނަކީ "ކަތުރުފަނި" ކަމަށް ސިފަކޮށް ކޮންމެ އެއްޗެއް ވަކިން ގެންގޮސް ބޭ އޮފް ބެންގަލް އަށް އަޅާލާނެ ކަމަށް ބުނެފަ އެވެ.
އިންޑިއާގައި ހިންދޫ ފިޔަވައި އެހެން ދީންތައް އަދި ހާއްސަކޮށް އިސްލާމް ދީނާ ދެކޮޅަށް އުފެދެމުން އަންނަ ދެކޮޅުވެރިކަން އެއީ ނެތް އެއްޗަކަށް ހަދަން އެ ގައުމުގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އެކަން މުޅި ދުނިޔެއަށް މިފަހުން ބޭޒާރުވީ ލައިވްކޮށް ދެއްކި ޓީވީ ބަހުސެއްގައި ބީޖޭޕީގެ ގައުމީ ތަރުޖަމާނު ނުޕޫރް ޝަރުމާ އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމުން ނެވެ.
އިންޑިއާގައި މިހާރު ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީގެ ބޮޑުވަޒީރު މޯދީގެ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، އިސްލާމް ދީނުގެ ސައްހަ މިނިވަން ކަމަށް ބަސް ބުނާ މީހުންގެ އަޑުތައް ނައްތައިލުމަށެވެ. ވަކިން ހާއްސަ ގޮތެއްގައި ބައިމަދު އަގީދާތަކުގެ މީހުންގެ ހައްގުގައި އުފުލާ އަޑުތައް ނައްތައިލުމަށް މޯދީގެ ސަރުކާރުން ފާޅުގައި އަދި ހުއްޓުމެއް ނެތި ދަނީ މަސައްކަތް ކުރަމުންނެވެ. ހާއްސަކޮށް މުސްލިމް އާބާދީ ތަކަށެވެ.