

އިއްޔެ މާލެ ސަރަހައްދުން ކުއްލި ގޮތަކަށް ކަރަންޓު ކެނޑި، އެތައް އިރެއް ވަންދެން ހިދުމަތް ނުލިބި އޮތުމުން އާންމުންނަށް އެތައް ދަތިތަކެއް ކުރިމަތިވެ، ވިޔަފާރިތައް ހުއްޓިފައި އޮތުމުން އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޝަމްހީދު ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދުން އިއްޔެ އެއްކޮށް ކަރަންޓު ކެނޑުމުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ދަތިވެ ވިޔަފާރިތައް ހުއްޓުމަކަށް އައިސް، ހޮސްޕިޓަލްތަކުގެ ހިންގުން ހުއްޓޭ ހިސާބަށް ދިޔަ ކަމަށެވެ.
އެ ކުއްލި މައްސަލައިގައި ވަނީ ގްރޭޓާ މާލެއިން އެއްކޮށް ކަރަންޓު ކެނޑުނު ހިނދު، ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ދަތިވެ، ވިޔަފާރިތައް ހުއްޓުމަކަށް އައިސް، ހޮސްޕިޓަލްތަކުގެ ހިންގުން ހުއްޓުމަކަށް އައި ކަމަށެވެ. އެކަން އެގޮތަށް ވީއިރު ގާނޫނުގައި ކަރަންޓުގެ ޙިދުމަތް، އެ ރަށެއްގައި އުޅޭ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭން އެ ޚިދުމަތްދޭ ތަންތަނަށާއި ސަރުކާރަށް ލާޒިމުކޮށްފައިވާ ކަމަށް އެ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް, އިއްޔެ މާލެއާއި ހުޅުމާލެއިން މެންދުރު 12:35 ހާއިރު ކަރަންޓު ދިޔުމުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ދަތިތަކެއް ވެފައިވާކަމަށް ފާހަގަކޮށްފައިވެ އެވެ.
މިފަދައިން ހުރިހާ ތަނަކުން އެއްފަހަރާ ކަރަންޓުގެ ހިދުމަތް ކެނޑިގެން ދިއުމަކީ މީގެ ކުރިން ދުވަހަކުވެސް ހިނގާފައިނުވާ ކަމެއް
މުއިއްޒު ސަރުކާރުން ބަލަހައްޓާ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ ރައްޔިތުންނާއި ގުޅުންހުރި ގިނަ މައްސަލަތައް މިފަހުން އަންނަނީ ބޭރުކުރަމުން ނެވެ. އެގޮތުން ކަރަންޓް މައްސަލައިގައި ބަހުސްކުރަން ނުފެންނަ ކަމަށް 43 މެންބަރުން ވޯޓު ދެއްވިއިރު ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ސަރުކާރުގައި "ނުހިމެނޭ" މިނިވަން ހިޔާލުގެ ނުވަ މެންބަރުންނެވެ.
މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު ސަބަބެއް މިހާތަނަށް ކަށަވަރުވެފައިނުވެ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ ކަރަންޓު ކެނޑުނު ސަބަބު ދެނެގަތުމަށް ފަހު ހާމަކުރައްވާނެ ކަމަށާއި އެ މައްސަލަ ތަކުރާރު ނުވާނެހެން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އަންގަވައިފައެވެ. އެހެންވެ، ފުލުހުން ތަހުގީގެއް ފަށައިފައިވާއިރު، އެ މައްސަލައާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެ މުއައްސަސާއިން ބުނެފައިވެ އެވެ.