ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު / ރައްޔިތުންގެ މަޖިލިސް
ހަބަރު
އެޗްޑީސީގެ އެމްޑީ ބަދަލުކުރީމަ ނަތީޖާ ފެންނަންޏާ ރައީސުލްޖުމްހޫރިއްޔާވެސް ބަދަލުވެގެން ނަތީޖާ ރަގަޅުވެދާނެ: މެމްބަރު ފިއްޓޭ
Mariyam Isaadha
މަރިޔަމް އިސާދާ
02 ޖޫން 2025
މާލެ ސިޓީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި ބޭފުޅާ ބަދަލުކުރުމުން ހެޔޮ ނަތީޖާ ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު ރައީސުލްޖުމްހުރިއްޔާގެ މަގާމުގައި ހުންެވި ބޭފުޅާ ބަދަލުވެއްޖެ ނަމަ ގައުމުން ވެސް ހެޔޮ ބަދަލުފެނުން އެކަށީގެންވާ ކަމަށް ވައިކަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

ޒިޔާދު މި ފަދައިން ވިދާޅުވީ، މަޖިލިސް ޗުއްޓީގައި އޮތުމަށް ފަހު މިއަހަރު މަޖިލިސް ދެވަނަ ދައުރަށް ހުޅުވާ ބޭއްވި ޖަލްސާގައެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި މެމްބަރު ޒިޔާދު ވިދާޅުވީ ގައުމުގެ ގިނަ ކަންކަމުގައި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

އެގޮތުން ޝަރުއީ ނިޒާމަށް އިތުބާރު ނެތް ތަނެއްގައި ރައްޔިތުންނަށް އިތުބާރެއް ނޯންނާނެ ކަމަށާއި، މިއަދު މިގައުމުގެ ފެނާއި ކަރަންޓަށް ވެސް މިހާރު އިތުބާރެއް ނެތް ކަމަށް ޒިޔާދު ވިދާޅުވެފައިވެއެވެ. އަދި ސަރުކާރުން ފެށި ތަހުގީގެއް ސަބަބުން ބީއެމްއެލްއަށް ވެސް ރައްޔިތުންގެއިތުބާރެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ ބޮޑެތި ތުހުމަތުތައް އަމާޒުވާ ކުންފުނިތަކުގެ ވެރިން ދުރުކުރާކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ އެފަދަ ބޭފުޅަކާ މެދު ފިޔަވަޅު އެޅިފައިނުވާ ކަމަށާއި، ކުރިއަށް ގެންދާ ތަހުގީގަށް ވާނުވާ ނޭނގޭ ކަމަށެވެ. އަދި އާއްމު ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވުމުން ކުންފުނިތަކުން އެފަދަ ބޭފުޅުން ދުރުކުރި ނަމަވެސް އެކަން ރައްޔިތުން ބަލައި ނުގަންނާނެ ކަމަށާއި، އެވަރުން ނުފުދޭ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

ސަރުކާރުގެ އެމްޑީއެކޭ އަދި ތަޑިދޮންވެފައި ހުއްޓަސް އެ މެންބަރަށް އެބަޖެހޭ ބަލަން. އެ އެމްޑީ ބަހައްޓަންޖެހޭ. ކޮންމެވެސް މެންބަރުންތަކެއް ނުކުންނާނެ އެމްޑީގެ ދިފާއުގައި. އެހެންނަމަވެސް މިއީ މިއަދު މިހެން އޮތީމަ. އަޅުގަނޑުމެންނަށް ފެނުނު ސަރުކާރު ވަރަށް ބޮޑެތި ވެރިންނާ އެކިއެކި ތަންތަނުގެ ކުންފުނިތަކުގެ ވެރިން ބަދަލުވެގެން ދިޔަ ތަން. ހަމަ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު. އެ ތުހުމަތުތައް ނުބެލި މިއަދާ ހަމައަށް އޮތުމަކީ ރައްޔިތުންގެ އިތުބާރު ގެއްލޭ ކަމެއް. އިއްޒަތްތެރި ރައީސް ބަލަން އެބަޖެހޭ. ތުހުމަތުކުރެވެނީ ވައްކަމަކަށް ވެއްޖެއްޔާ އަދި ވަޒީރު ނުވަތަ އެމްޑީ ބަދަލުކޮށްލާގެން ނުފުދޭ. އެ ތަހުގީގެއް ދާންޖެހޭ. ދާދިފަހުން ވިދާޅުވީ އެޗްޑީސީގެ އެމްޑީ ބަދަލުކުރީމަ ނަތީޖާ އެބަ ފެނޭ. ފަހަރުގައި ވެދާނެ ރައީސުލްޖުމްހޫރިއްޔާ ބަދަލުވީމަ އޭގެ ނަތީޖާތަކެއް ފެންނާނެ ކަމަށް.

- ޒިޔާދު

ޒިޔާދު އިތުރަށް ވިދާޅުވީ މަޖިލީހަކީ ރައްޔިތުންގެ ހައްގުގައި ބަސް ބުނުމަށް ރައްޔިތުން އިންތިޚާބު ކުރި މެންބަރުންތަކެއް ކަމަށެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ ގާނޫނު އަސާސީއަށް އެގެނައި އިސްލާހުގެ ސަބަބުން މިއަދު ރައްޔިތުން މަޖިލީހުގައި ރައްޔިތުންގެ މެންބަރުން ވެސް ނެތް ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved