ސުރުހީ އަށް ނަޒަރު ހިންގާލުމުންވެސް ދައްކަން މި އުޅޭ ވާހަކަ ހުރިހާ ރައްޔިތުންނަށް މިހާރު އެނގިގެންދާނެއެވެ.
އެއް އިރެއްގެ އަޑުގައި ހުރި ބާރެއްލާ ދެއްކި ވާހަކަތަށް ހުއްޓުމަކަށް އައިސް މި ބޭފުޅުން އަނެއްކާވެސް މިއަދު ހަމަ އެ ބީދައިން ވާހަކަތައް ދައްކަން ފަށައިފިއެވެ.
މި ދައްކަނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއާ އެމަނިކުފާނުގެ ޓީމުގެ ވާހަކައެވެ.
ވެރިކަމަށް އައުމުގެ ކުރިން ކެމްޕެއިން ދުވަސްވަރު ޑރ މުއިއްޒު ރައްޔިތުން ގާތަށް ދިޔައީ ރައީސް ޔާމީންގެ ފޮޓޯ ފުޅާ ހުސްގޮނޑި ހިފައިގެންނެވެ. އެހެންނަމަވެސް ވެރިކަމުގެ ބޮޑު ގޮނޑީގައި އިށީންދެވުމުން އެވާހަކަތައް ދިޔައީ ރާސްލާފައި ކަނޑުއަޑިއަށް ފެތިގެންނެވެ.
އެވާހަކަތައް މި ބޭފުޅުން ދެއްކި ކަމަކަށް ވެސް ނެހެދިއެވެ. އެދުވަހު ރައްޔިތުން ގާތު ޕޯޑިއަމްތައް މަތީ ހުއްޓި ހުރެ ބުނަމުން ދިޔައީ ވެރިކަމަށް އަންނަ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަންކުރައްވާނަމޭ، ޝަރުއީ ނިޒާމަށް އެމަނިކުފާނެއް އަތެއް ނުބާނާނަމޭ އެވެ.
އެހެންނަމަވެސް އެވާހަކަތަކުގެ ރާގު ބަދަލުވާކަށް މާގިނަ ދުވަހެއް ނުވިއެވެ. މިފަދަ މޭރުމަކުން ކަންކަން ހިނގަމުން ދަނިކޮށް ކުރިއަށް މިއޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ގާތްވުމުން އަނެއްކާވެސް މި ބޭފުޅުން ރައީސް ޔާމީން މަތިން ހަނދާން ވެއްޖެއެވެ.
މިހާރު ޑރ މުއިއްޒު ރަށްތަކަށް ކުރައްވަމުން އެގެންދަވާ ދަތުރުތަކުގައި ހަމަ ކުރިއެކޭވެސް އެއްފަދައިން ބުނަމުން އެދަނީ ރައީސް ޔާމީންގެ ޝަރީއަތްތައް ލަސްވެ ދިގުލައިގެންދާތީ ކަންބޮޑުވާ ކަމަށެވެ.
މަޖިލީސް މެޖޯރިޓީ ނުލިބޭނެ ހެން ހީވީމަ އަނެއްކާވެސް މި ބޭފުޅުން އެ ފެއްޓެވީ ރައީސް ޔާމީންގެ ނަން ބޭނުން ކުރާށެވެ.
ހުދު ޑރ މުއިއްޒުވެސް މިއަދު އެބަ ގަބޫލް ކުރައްވާ އެބޭފުޅާއަށް މި ދިވެހި ރާއްޖެއިން އެމަނިކުފާނަށް ތާއިދު ލިބެން ނެތް ކަން، މިއަދު ވެރިކަމަށް ވެސް އާދެވިފައެހުރީ ރައީސް ޔާމީން ގެ ނަންފުޅު ބޭނުން ކުރެއްވީމަކަމެވެ.
ދެން މިިހާރު ޑރ މުއިއްޒު ވިދާޅުވަމުން އެގެންދަވަނީ ރައީސް ޔާމީނަށް އިންސާފު ނުލިބި ލަސްވެގެން ދިއުމަށް ނޭދޭ ކަމަށާއި އެއީ ގައުމަށް ހަމަޖެހުން އޮތް ގޮތް ނޫން ކަމަށެވެ. ޖޯކެއް ނޫންތޯއެވެ؟
އަޅުގަނޑު ޑރ މުއިއްޒު ގާތު އަހާލަން ބޭނުން ވަނީ ވެރިކަން ވެސް ތި ހައްދަވަނީ ކުޅޭ ކުޅިވަރަކަށް ތޯއެވެ.؟
ފާއިތުވެދިޔަ 3 މަސް ދުވަހު ނުދެއްކި ވާހަކައެއް މިއަދު އެބޭފުޅުން މިދައްކަނީ މަޖިލިސް އިންތިހާބު ހާސިލް ކުރަންކަން މިއަދު ހުރިހާ ރައްޔިތުންނަށްވެސް ހާމަވެއްޖެއެވެ.
މިއީ ފޮރުވެން ނެތް ސިއްރެއް ކަން ޔަގީނެވެ. ރައްޔިތުން މޮޔަ ހެއްދޭނެކަމަށް ހީފުޅު ކުރެއްވީތޯއެވެ.
ރައީސެވެ. ތި ކުޅިވަރު ކުޅުން ހުއްޓާލާށެވެ. ރައީސް ޑރ މުއިއްޒުގެ ވިސްނުންފުޅުގާ ރައީސް ޔާމީން މިނިވަން ކުރުމުގެ އެއްވެސް ވިސްނުމެއް ނުގެން ގުޅުއްވާކަންވެސް މިއަދު ރައްޔިތުންނަށް ސާބިތުވެ ނިމިއްޖެއެވެ.