

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މިހާރު ހުންނެވި ޑރ މުހައްމަދު މުއިއްޒު މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ދުއާ ކުރައްވަން ކުރޭނެ ތޯ އައްސަވާ ޕީއެންއެފްގގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ސުވާލެއް އަމާޒުކުރައްވައިފިއެވެ.
މަލީހުގެ ސުވާލު އަމާޒުކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޔާމީން ނުހައްގުނަ ޖަލުގައި ހުންނަވަނިކޮށް ރައީސް މުއިއްޒު، ރައީސް ޔާމީނަށް އިންސާފު ލިއްބައިދިނުމަށާ އަނިޔާތަކުން ސަލާމަތްކުރުމަށް އަދި ހައްގަށް ނަސްރު ދެއްވުމަށް އެދި ދުއާ ކުރައްވާ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއް ހިއްސާކޮށް މަލީހު ވަނީ މީގެ ކުރިން ރައީސް ޔާމީން ހައްޖުގެ މަތިވެރި އަޅުކަމަށް ވަޑައިގެންނެވީ މުއިއްޒު ވެސް އެމަނިކުފާނު އަރިހު ގޮވައިގެން ކަމަށާ މިއަދު މުއިއްޒު ހައްޖަށް ވަޑައިގެންނެވީ ރައީސް ޔާމީންއަށް އަނިޔާވެރިވެވަޑައިގެން ހުންނަވާ އިންސާފު ވެސް ހޯއްދަވާ ނުދެއްވާ ކަން ފާހަގަކުރައްވާފައެވެ.
އެގޮތުން އިންސާފު ހޯދައި ދެއްވުމުގެ ބަދަލުގައި، ރައީސް ޔާމީންގެ ޝަރީއަތް ލަސްކުރަން، ބޭންކޮކްގައި ހުންނެވި ފަނޑިޔާރަކު ސުޕްރީމު ކޯޓަށް އައްޔަންކުރަން މަޖިލީހަށް ފޮނުއްވާފައިވާކަން ވެސް މަލީހު ވަނީ ފާހަގަކުރައްވާފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޔާމީންއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ގެއްލުވާލުމަށް އެމަނިކުފާނުގެ އިސްތިއުނާފު ގަސްތުގައި ލަސްކޮށް ޗުއްޓީ ނަންގަވައިގެންނާ ތަފާތު އެކި ބަހަނާ ދެއްކި ފަނޑިޔާރު މުހައްމަދު ސަލީމު ސުޕްރީމު ކޯޓަށް އައްޔަންކުރަން ރައީސް މުއިއްޒު ވަނީ މަޖިލީހަށް ނަން ފޮނުއްވާފައެވެ. ނަމަވެސް ސަލީމުއަކީ އެ މަގާމަށް ޝަރުތު ވެސް ހަމަވާ ބޭފުޅެއް ނޫންކަމަށްވެއެވެ. ސަލީމު ސުޕްރީމު ކޯޓަށް ކުރިމަތިލެއްވީ ސީދާ މުއިއްޒުގެ އެންގެވުމަށް ކަމަށްވެއެވެ.
ސަލީމަށް ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަން ދެނީ ރައީސް ޔާމީންގެ ޝަރީއަތް ލަސްކުރުމުން ދޭ އިނާމެއްގެ ގޮތުގައި ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ.