

ސަގާފީ މުއްސަދި ކުޅިވަރުތަކާ އެކު ގައުމުގެ އެ ވަގުތެއްގެ ހާލަތަށް ވެސް ރިއާޔަތްކޮށް އީދު ފާހަގަކުރަމުން އަންނަ ކުޅުދުއްފުށި ސިޓީގެ މިފަހަރުގެ އަޟްހާ އީދުގައިވެސް ފެންނާނެ އެންމެ ތަފާތު އެއް ކުޅިވަރަކީ ެ ރަށު މީހުން އީދަށް ޚާއްސަކޮށް ނެރޭ މަށި މާލިތައް ކަމަށް ވެއެވެ.
1446 ވަނަ އަހަރުގެ ބޮޑު އީދުގައި އީދު މާލި، އީދު އޮނުބަޑި ޖެހުން، ބަންދު ދުއްވުން، ރާނީ ހިނގުން، ނަމުރު، މަށި މާލި ޕެރޭޑު، އަންހެނުންގެ ކޯޑި، ހިއްޗަށް ވަޑައިގަތުން، ދަމު ހިނގުން، ދަފި ނެގުން ފަދަ ސަގާފީ އެތައް ކުޅިވަރެއް މި ފަހަރުގެ އީދު ފޯރިގެ ތެެރެއިން ފެނިގެން ދާނެ ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.
އީދުގެ އެކި ދުވަސްތަކަށް ކުޅިވަރުތައް ބަހާލާފައިވާއިރު ގިނަ ބައެއްގެ ޝައުގު އެންމެ ބޮޑަށް ހުންނަ މަށި މާލި ޕެރޭޑު ނެރެނީ ވަޅު އީދުގެ ހަވީރުއެވެ.
ތިލަދުންމަތީ ދެކުނު ބުރީ ކުޅުދުއްފުށީ ރައްޔިތުން އީދާ ދިމާކޮށް ނެރޭ މަށި މާލި ޕެރޭޑަކީ ވަރަށްވެސް ތަފާތު މާލިތަކެއް ފެނިގެން ދާ ޕެރޭޑެކެވެ. އެ ވަގުތަކު ގައުމުގެ ހާލަތާ ގުޅުން ހުންނަހެން ސިޔާސީ އެކި ކަންކަމަށް ހަޖޫ ޖަހާ ނެރޭ އެ މާލިތަކުން ވަރަށް ރަގަޅު މެސެޖުތަކެއް ސަރުކާރަށް ދެއެވެ. އަދި ޤައުމުގައި ހުރި ވަރަށް ސީރިއަސް މައްސަލަތަކުގެ ވާހަކަ އެ މާލިތަކުގެ ޒަރީއާއިން ރައްޔިތުން ހިއްސާކުރެއެވެ.
ކުޅުދުއްފުށި ސިޓީގައި ޢީދު ކުޅިވަރުތައް ކުރިއަށް ގެންދާނީ ޖޫން 6 އިން ޖޫން 9 ވަނަ ދުވަހަށެވެ.
މިފަހަރު ކުޅުދުއްފުށި ބޮޑު އީދުގެ ފޯރި ގަދަ ހަރަކާތްތައް ޗެނަލް13 އިން ލައިވްކޮށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. ކުޅުދުއްފުއްޓަކީ އަބަދުވެސް އީދުގެ ހަރަކާތްތައް ފޯރިއާ އެކު ތަފާތުކޮށް ގެނެސްދޭ ރަށެކެވެ.