April 26, 2026
Advertisement
ގާނޫނީ ވަކީލު މަހުފޫޒް ސައީދު
ގާނޫނީ ވަކީލު މަހުފޫޒް ސައީދު / އެމްޑީޕީ

ވަކީލް މަހްފޫޒަށް އިންޒާރެއް، ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 4, 2025, 05:25 AM
މާލެ ސިޓީ

"ވަޅިއެއް ޖަހަވީތަ؟" މިހެން ސުވާލުކޮށް "ޖާނަލިސްޓު ގަސަމް" ގެ ނަމުގައި ހިންގާ އެކްސް އެކައުންޓަކުން ގާނޫނީ ވަކީލު މަހުފޫޒް ސައީދަށް އިންޒާރު ދީފި އެވެ.

Advertisement

އޭނާއަށް ނިސްބަތްކޮށް، ދީފައިވާ އެ އިންޒާރު ހިއްސާކުރައްވައި މަހްފޫޒު ވިދާޅުވީ އެފަދަ ކަމެއްގައި އޭނާގެ މަޝްވަރާއަކަށް ދުރާލައި އެދުނީތީ އުފާކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ގަޔަށް ވަޅި ޖަހަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އެހެން ކަމުން އެ ފަދަ އެއްވެސް ކަމެއް އެއްގޮތަކަށް ވެސް ނުކުރުމަށް ވަނީ އެދިލައްވައިފަ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ "އެކްސް"ގައި ޕޯސްޓެއް ކުރައްވާފަ އެވެ. އެގޮތުން ފައްޔާޒް ވިދާޅުވެފައި ވަނީ މުޒާހަރާ ކުރާ މީހުންގެ މައްސަލަ ބަލާ ވަރަށްވުރެ މުހިންމު ކަމެއް ދީގެން މިފަދަ މައްސަލަތައް ބަލައި ފިޔަވަޅު އަޅަންޖެހޭކަމަށް ދެކޭ ކަމަށެވެ.

ފުލުހުން ބުނީ މަހުފޫޒަށް އިންޒާރު ދިން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެކަމަކު އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.

މިފަދަ އިންޒާރެއް ދީފައިވާއިރު ސެޕްޓެމްބަރު، 2015 ގައި މާލޭގެ މަގުމަތިން މަހްފޫޒްގެ ބޮލަށް ވަޅިން ހަމަލާއެއް ދީފައިވެ އެވެ. މަހުފޫޒްގެ ބޮލުގެ އަރިމައްޗަށް ހެރި ވަޅި ވަނީ ދެ އިންޗި ފުންމިނަށް ވަދެފައެވެ. އެވަޅި ނަގާފައިވަނީ ތިން ގަޑިއިރުގެ އޮޕަރޭޝަނަކުންނެވެ. ވަޅި ހެރުމުގެ ސަބަބުން ލިބުނު ސީރިއަސް ޒަޚަމްތަކަށް އައިޖީއެމްއެޗާއި ސްރީލަންކާގެ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވާފައެވެ.

އެ ހަމަލާއާ ގުޅިގެން ދައުލަތުން ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މަހުފޫޒްގެ ބޮލަށް ވަޅިހެރިއިރު އޭނާ އޭރު ހަރަކާތްތެރިވަމުން އައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދިފާއީ ވަކީލެއްގެ ގޮތުގަ އެވެ. އަދި ހަމަލާ ދިނީ އޭނާއާ ދޭތެރޭ އޮންނަ އެއްވެސް ޒާތީ ކަމަކާ ގުޅިގެން ނޫން ކަމަށް ވެސް މަހުފޫޒް އޭރު ވަނީ ބުނެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved