

ހދ. ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދިނުމާ ގުޅޭ ގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލާ އެކު އެއްބަސްވުމަކަށް އައުމަށް ފެނަކައިން އިންކާރުކުރާ މައްސަލަ އެ ކައުންސިލުން ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން މިއީ މިފަދަ ދައުވާއެއް ކައުންސިލަކުން އުފުލަން ނިންމި ފުރަތަމަ ފަހަރެވެ.
ކުޅުދުއްފުށި ކައުންސިލުން ފެނަކައާ ދެކޮޅަށް ދައުވާ ކުރަން ނިންމީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެއްބަސްވުމެއް ހެދުމަށް ފެނަކައިން އިންކާރު ކުރުމުންނެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާން ކޮށްފައި އޮންނަނީ އެ ސިޓީއެއްގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ވާނީ ކައުންސިލުން ކަމަށެވެ. އަދި އެ ހިދުމަތް ފޯރުކޮށްދެނީ ތިންވަނަ ފަރާތަކުން ނަމަ އެ ފަރާތަކާއި ކައުންސިލާ ދެމެދު، ކަރަންޓު ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމެއް އޮންނަން ޖެހޭނެ ކަމަށް ވެސް ގާނޫނުގައި ބަޔާން ކޮށްފައި އޮވެ އެވެ.
ކައުންސިލުން ބުނީ އެ އެއްބަސްވުން ހަދަން ފެނަކައިން އިންކާރު ކުރަނީ އެ ކުންފުންޏަކީ ރައީސްގެ ގަރާރަކުން އުފައްދާފައިވާ ކުންފުންޏަކަށް ވާތީ، ގާނޫނުގައި ބަޔާން ކުރާ ތިންވަނަ ފަރާތެއްގެ ގޮތުގައި އެ ކުންފުނި ނުބެލެވޭނެ ކަމަށް ބުނެ ކަމަށެވެ.
ނަމަވެސް ކައުންސިލުން ވަނީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ ތިންވަނަ ފަރާތެއްގެ ގޮތުގައި ފެނަކަ ވެސް ހިމެނޭނެ ކަމަށާއި އެހެން ކައުންސިލަކާއެކު އެއްބަސްވުން ހެދިފައިނުވުމަކީ މި ކައުންސިލާއެކު އެއްބަސްވުން ނުހެދޭނެ ސަބަބެއް ނޫން ކަމަށް ފެނަކައަށް އަންގާފައި،
ކުޅުދުއްފުށީ ކައުންސިލުން ބުނީ މިއަދާ ހަމައަށް ވެސް ފެނަކައިން އެ ސިޓީއަށް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ.
އެހެންވެ، ކުޅުދުއްފުށީގެ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދެވޭކަން ކައުންސިލުން ކަށަވަރު ކުރުމަށްޓަކައި، ފެނަކައާ ދެކޮޅަށް ޝަރީއަތަށް މައްސަލަ ހުށަހަޅަން ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ޖަލްސާގައި ފާސްކޮށްފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.