

އާންމުވިޔަފާރީގެ ތެރެޔަށް ހޭބޯނާރާ މިންވަރަށް ދައުލަތުގެ ކުންފުނިތަކުން ވަނުމުން އޭގެ ނޭދެވޭ އަސަރު އަމިއްލަ ވިޔަފާރިވެރިންނަށާ އަދި އެތަކެއް ރައްޔިތުންނަށް ފޯރާނެ ކަމަށް ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތެއްގެ އެންމެ މުހިންމު މަސައްކަތަކަށް ވާންވާނީ އަދުލުވެރިކަން ގާއިމްކުރުން ކަމަށެވެ.
އަލީ މިފަދައިން މިދާޅުވީ ސަރުކާރުން މިފަހުން އެޅިގައި އަޅުމުގެ މަސައްކަތް ފެށުމަށް ކުންފުންޏެއް އުފެއްދުމާއި ގުޅިގެން ނެވެ.
ރައީސް މުއިއްޒު ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ވަދެ ޖަހަމުންދާ ސަކަރާތް ހުއްޓާލުމަށް ވިޔަފާރިވެރިން އަންނަނީ ގޮވާލަމުން ނެވެ.
މުއިއްޒު ސަރުކާރުން މިފަހުން ވަނީ ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތުގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް (އީވީ) ޕާކުކުރާނެ ބިމެއް ހުޅުމާލޭގެ ތިން ވަނަ ފިޔަވަހިން ކަނޑައަޅައި އެ ހިދުމަތް އަންނަ އޮގަސްޓް މަހުގެ ފަހުކޮޅު ފަށަން ތައްޔާރުވެފައި އެވެ.
މިހާރުވެސް ސަރުކާރު ހިއްސާވާ 30 އަށް ވުރެ ގިނަ ކުންފުނި އޮތްއިރު އަނެއްކާވެސް އިތުރު ކުންފުނިތައް ހަދައިގްނެ ސަރުކާރުން ޖަހަން މި އުޅެނީކޮން ސަކަރާތެއްތޯ ރައްޔިތުން އަންނަނީ ސުވާލު ކުރަމުން ނެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ބޮއްސުންލާ ކޮރަޕްޝަން ގިނަވެ، ވައްކަން ކުރަމުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބައި އެޅޭ ގޮތަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް މިފަހުން ވަނީ ވިދާޅުވެފައި އެވެ.
ދައުލަތުގެ ހުރިހާ ކުންފުންޏެއް ރައީސް މުއިއްޒު ބޭނުން ކުރަމުންދަނީ ވައްކަން ކުރުމަށްކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ އެ ވައްކަންތައް ކުރަމުންދަނީ ރައީސްގެ އިތުރުން ކުންފުނިތަކުގެ ވެރިންނަށް ވެސް ބައި އެޅޭނެ ގޮތަށް ކަމަށެވެ.