20 ވަނަ ރައްޔިތުން މަޖިލީހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ މެދުގައި ކުރިޔަށް ގެންދާ "ރައްޔިތުންގެ މަޖިލިސް ބަހުސް" ގައި ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ފަރާތުން މެދު ހެންވެއިރު ދާއިރާއަަށް ކުރިމަތިލައްވާ ކެންޑިޑޭޓް ކަމަށްވާ ހުސައިން ނާސިފް ބަހުސްގައި ބައިވެރިވެވަޑައިގެންފައި ނުވާކަން ހާމަވެއްޖެއެވެ.
މިއަދު ހެނދުނު ބަހުސް ފެށިފައިވާއިރު އެންމެ ފުރަތަމަ ބަހުސް ކުރެވިފައިވަނީ މެދު ހެންވެއިރު ދާއިރާއަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންގެ މެދުގައެވެ.
އެގޮތުން ބަހުސަށް ވަޑައިނުގަންނަވާ ދެ ފަރާތެއްވެއެވެ. އެއީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓާ، ސަރުކާރުގެ ކެންޑިޑޭޓެވެ.
އެ ދާއިރާގެ ބަހުސްގައި ބައިވެރިވެފައިވާ ފަރާތްތަކަށް ބަލާއިރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ތާއީދާއެކު ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ހަލީމަތު ޒުހައިރާ، ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ އަލީ އާޒިމްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޝިޔާމް ވަނީ ބަހުސް ކުރައްވާފައެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމުން ބަހުސް ގެނެސްދެނީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި އެ ރައްޔިތުން ތަމްސީލް ކުރުމަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނަކީ ކޮބައި ކަމާއި އެ ކެންޑިޑޭޓުން ގެންގުޅުއްވާ ސިޔާސަތު ތަކާއި ތަސައްވަރުތައް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމުގެ މަގްސަދުގައެެވެ.
ޕީއެންސީގެ ފަރާތުން މެދު ހެންވެއިރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ހުސައިން ނާސިފް ތައާރަފް ވުމާއި ރައްޔިތުންނާ ހަމަޔަށް ނާސިފްގެ ތަސައްވަރާއި ސިޔާސަތު ގެނެސްދިނުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފައި ބަހުސަށް ވަޑައިނުގަތުމުން ސަރުކާރު ހިންގާ މައި ޕާޓީގެ ފަރާތުން 20 ވަނަ ރައްޔިތުން މަޖިލީހަށް ކުރިމަތިލައްވާ ކެންޑިޑޭޓްގެ އެއްވެސް އިހްލާސްތެރިކަމެއް ނެތްކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.