

ހައްވާ ޔުމްނު ރަޝީދު އިމާރާތަކުން ވެއްޓުނު މައްސަލާގައި ރައުދު އަހުމަދު ޒިލާލުގެ މައްޗަށް ދައުވާކޮށްފި އެވެ.
ރައުދުގެ މައްޗަށް ދައުވާކުރީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ.
އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުވެއްޖެނަމަ އަންނާނީ އެއް މަހާއި ހަ ދުވަހުގެ ހުކުމެކެވެ. މިހާތަނަށް ރައުދު ވަނީ ބަންދުގައި 34 ދުވަސް ހޭދަކޮށްފަ އެވެ. އެހެންކަމުން، އޭނާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް ބަންދުގައި ހޭދަކުރަންޖެހޭނީ ދެ ދުވަހެވެ.
ރައުދަކީ ޔުމްނު ވެެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. ޔުމްނު ވެއްޓުނީ އޭނާއާ އެކު އެ ގޭގެ ތެރޭގައި އުޅުމުގެ ތެރޭގަ އެވެ.
ރައުދު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ޔުމްނު ހޭއެރި ފަހުން ހާދިސާ ހިނގި ގޮތް އާއިލާއަށް ކިޔައިދިން ކަމަށް ބުނެ އާއިލާއިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ޔުމްނުއާ ހަވާލާދީ އޭނާ އަމިއްލައަށް ނުވެއްޓޭ ކަމަށް ބުންޏެވެ. އަދި ވެއްޓުނުއިރު ރައުދުގެ އިތުރުން ވެސް ބަޔަކު ތިބި ކަމަށް ތުހުމަތުކުރި އެވެ.
ނަމަވެސް ޔުމްނުގެ ބަޔާން ނެގުމަށް ފުލުހުންނަށް އާއިލާއިން އެއްބާރުލުން ނުދޭ ކަމަށް ފުލުހުން މިއަދު ބުންޏެވެ. އެހެންވެ ޔުމްނުގެ ބަޔާން ނެގުމަށް މެލޭޝިއާ ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޔުމްނުގެ ހާދިސާ ފުލުހުންނާއި އެ މައްސަލަ ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކޮމިޝަނުން ވެސް އަންނަނީ ބަލަމުންނެވެ.