

ބޮޑު އީދު ބަންދަށް ފަހު ވެސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އެ މަޖިލީހުގެ ޖަލްސާ މިއަދު ނުބޭއްވި އެވެ.
މިދިޔަ މެއި މަހު މަޖިލިސް ދެ ހަފްތާގެ ޗުއްޓީއަކަށް ދިއުމަށް ފަހު އަލުން ހުޅުވީ މިދިޔަ ހޯމަ ދުވަހު އެވެ. ނަމަވެސް، އޭގެ ފަހުން އިތުރު ޖަލްސާއެއް ބާއްވާފައެއް ނުވެ އެވެ.
މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ ނިންމާލައްވަމުން، ދެން ޖަލްސާއެއް ބާއްވާނެ ދުވަހެއް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހާމައެއް ނުކުރައްވަ އެވެ.
މިއަދު ޖަލްސާ ނުބާއްވާއިރު، މިއަދު މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއް ވެސް ނެތެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ވެސް މާ ބޮޑު މަސައްކަތެއް ނެތުމުން ވާދަވެރި ސިޔާސީ ޕާޓީތަކާއި ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ.