އިންޑިއާ އަކީ އަބަދުވެސް ރާއްޖެއާ އެންމެ ގާތް އެންމެ އެކުވެރި ބޮޑުބޭބެއިން ކަމަށް އެ ގައުމުން ދައުވާ ކުރި ނަމަވެސް އެ ގައުމުން ނުރުހިއްޖެނަމަ ރާއްޖެއަށް ތުރާލާ ޖެއްސުން ކުރުމަކީ އެމީހުންގެ އަތްމަތީ ކަމެއްކަން ވަނީ ތާރީހުގައި ފެނިގެން ގޮސްފައެވެ.
އެގޮތުން 2012 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވާ އޭރުގެ ނައިބު ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގައުމުގެ ރައީސް ކަމާ ހަވާލުވުމާއެކު ރައީސް ނަޝީދުގެ ދައުރުގައި އިންޑިއާއިން ރާއްޖެއަށް ދީފައި ހުރި ލޯނުތަކާ އެހީތަކުގެ ބަދަލު މުއްދަތު ހަމަވެސް ނުވަނީސް ޑިމާންޑްކޮށް ތުރާ ޖައްސާ ރައީސް އޮފީސް ތެރެއަށްވެސް އިންޑިއާ އެމްބަސީގެ ބޭފުޅުން ވަދެ ބިރު ދައްކާ ހެދިކަން ފެންނަން އެބަ އޮތެވެ.
ހަމަ އެގޮތަށް 2018ގައި އައި އެމްޑީޕީ ވެރިކަމާ އެކު އިންޑިއާއަކަށް ހިތަކަށް ރާއްޖޭގެ ކަންކމުގެ ކަމުގެ ތެރެއަށް އަތް ބާނާ ގަދަކުރުމަށް ލިބުނު ފުރުސަތު 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނެގި ވޯޓުން ރައްޔިތުން ވަނީ ނިމުމަކަށް ގެނެސްފައެވެ.
އެއާއެކު ދެން އިންޑިއާއިން ޖަހާ ހާ ބެރަކަށް ދިވެހި ސަރުކާރުން ނުނަށާނެ ކަމަށް މުޅި ދުނިޔޭގެ ސުރުހީތައް ފެވެން ފެށިއެވެ. އެއީ އެ އައި ސަރުކާރަކީ އިންޑިއާގެ ނުފޫޒުން ދިވެހިރާއްޖެ ސަލާމަތްކުރަން އެންމެ ބުރަ މަސައްކަތްކުރައްވާ ރައީސް އަބްދުﷲ ޔާމީންގެ މަސައްކަތްޕުޅުން ގެނައި ސަރުކާރަކަށް ވުމުންނެވެ.
ނަމަވެސް ސަރުކާރު އައިތާ މާގިނަ ދުވަސްތަކެއް ނުވެ ރައީސް ޔާމީން ސަރުކާރު ތަމްސީލުކުރާ ޕާޓީ ކޯލިޝަންއިން ވަކިވެވަޑައިގަތުމުން ދެން އިންޑިއާއަށް ކާމިޔާބުވެދާނެ ކަމަށް ބަޔަކު ހުވަފެން ދެކުނެވެ. ނަމަވެސް ކަންވީ އެހެން ނޫނެވެ. ރައްޔިތުންގެ ލޯ މައްޗަށް ދަޅައަކަށް ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އިންޑިއާއަށް އަމާޒުވިއެވެ ރާއްޖޭގެ ޓުއަރިޒަމް ބޮއިކޮޓުކުރަން އިންޑިއާއިން ގޮވަން ފެށި ހިސާބުން ދެ ގައުމުގެ ގުޅުން ގޯސްވެ ދެ ގައުމުގެ ސަފީރުން އެކި ތަންތަނަށް ހާޒިރުކުރުން އާންމުވިއެވެ.
މަޗްވަރާތަކުގެ ނަމުގައި ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރެވުމުން ދިޔަ އިންޑިއާ މިލިޓަރީ އައުޓުގެ ކަންކަން ވެސް ހޫނުވެގެން ދިޔައެވެ.
އެއާ އެކު އިންޑިއާ އިން ދެން ފެށީ ދިވެހި މަސްވެރިންނަށް ބިރު ދައްކަންށެވެ. ނަމަވެސް ދިވެހިންނަކީ ގައުމިއްޔަތު ވަންތަކަމުގެ ފުރިހަމަ ލޭ ހިނގާ ބަޔަކަށްވުމުން އިންޑިއާގެ އެ ޕްލޭންވެސް ފަނުފުލުން ދިޔައީއެވެ.
އެއާއެކު މިހާރު އިންޑިއާ އިން ވަނީ ދިވެހި ސަރުކާރަށް ޖެއްސުންކޮށް ތުރާ ހައްސަން އައު މަގެއް ކޮށާފައެވެ.
ނިމިދިޔަ ފަސް އަހަރު އެމްޑީޕީއާ އެކު ކުރި ސިޔާސީ ކައިވެނީގެ ރަނުގެ ތެރޭގައި ހިމެނޭ ނަމުން ހިލޭ އެހީ ކަމުން ބިޔަ ބޮޑު ދަރަނިތަކެއް ދައްކަން އިންޑިއާ އިން މިވަނީ ރާއްޖެއަށް އަންގާފައެވެ.
އެގޮތުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޓީބިލު ވިއްކައިގެން ސްޓޭޓް ބޭންކު އޮފް އިންޑިއާ (އެސްބީއައި)އިން ދަރަންޏަށް ނެގި ފައިސާގެ ތެރެއިން ބިލިއަނަކާ ގާތްކުރާ އަދަދަކަށް ރުފިޔާ މި އަހަރު އެ ބޭންކަށް ދިވެހި ދައުލަތުން ދައްކަންޖެހޭކަން ވަނީ ހާމަވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، 2019 ވަނަ އަހަރު ރައީސް އިބްރާހީމުގެ ސަރުކާރުން ޓީބިލު ވިއްކައިގެން 150 މިލިއަން ޑޮލަރު ނުވަތަ 2.3 ބިލިއަން ރުފިޔާ ދަރަންޏަށް ނަގާފައިވެއެވެ. އޭގެ ތެރެއިން 50 ބިލިއަން ރުފިޔާ ނުވަތަ 700 މިލިއަން ރުފިޔާ މި ސަރުކާރުން އަދާކޮށްފައިވީ ނަމަވެސް އަދި އެވަރުން ނުފުދެއެވެ.
އަންނަ އޭޕްރީލު މަހާއި ޖުލައި މަހުގައި ކޮންމެ މަހަކު 50 މިލިއަން ޑޮލަަރު ސަރުކާރުން އެސްބީއައިއަށް ދައްކަންޖެހޭއިރު، މިފައިސާ ކުރީ ސަރުކާރުން ނަގާފައިވަނީ ފަހުން ހިލޭ އެހީއަށް ފައިސާ ބަދަލުކުރާނެކަމަށް ބުނެއެވެ. ނަމަވެސް ފާއިތުވި ފަސް އަހަރުވެސް މި ފައިސާ ހިލޭ އެހީއަށް ބަދަލުކޮށްފައިނުވެއެވެ.
އެއިރު މިފައިސާ ހިލޭ އެހީއަށް ބަދަލުކުރަން ހަމަޖެހިފައިވާކަަމަށް ކުރީގެ ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް އިންޑިއާގެ ބޭންކުން އެފައިސާ ހިލޭ އެހީއަށް ބަދަލުނުކޮށް، އެ ފައިސާ ރޯލް އޯވާކޮށްފައިވަނީއެވެ.
އެހެންކަމުން ނިމިދިޔަ ފަސް އަހަރު އޮޅުވލި ވޯޓަކުން ވެރިކަމަށް އަރާ އެމްޑީޕީއިން ރައްޔިތުންނަށް އޮޅުވާލާ ވަނީ ދަރަނި އިންތިހާއަށް ދިވެހިންގެ ބޮލުގައި އަޅުވާފައެވެ. އަދި އިންޑިއާގެ މުށު ތެރެއަށް ނުލެވޭ ނުވަތަ އިންޑިއާ އެޅިހާ ބަތަކަށް ރިހަ ނާލާނެ ސަރުކާރެއް އައުމާ އެކު އިންޑިއާ އިން މިގެންދަނީ އަސްލު ސޫރަ ދައްކަމުންނެވެ.
އެހެންކަމުން ރައީސް ޔާމީން އަބަދުވެސް ވިދާޅުވަނީ ތެދުކަން މިދަނީ އިތުރަށް ހާމަވަމުންނެވެ. އިންޑިއާގެ ނިޔަތް ދިވެހިންނާ މެދު ރަގަޅު ނޫނެވެ. އެވެރިންގެ މަގްސަދަކީ ދިވެހިރާއްޖެ އެވެރިންގެ މުށު ތެރެއަށް ލާ ފިއްތާލުމެވެ.