

އިންޑިޔާގެ ގުޖުރާތުގެ އަހްމަދުއާބާދު އެއާޕޯޓުން ލަންޑަންގެ ގޭޓްވިކްއަށް ދަތުރުކުރުމަށް ނައްޓާލި އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.
މައުލޫމާތު ލިބިފައި ވާގޮތުގައި އެ ބޯޓު ވެއްޓިފައިވަނީ އަހްމަަދުއާބާދުގެ ސަރުދާރު ވަލްބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ބޯޓު ނައްޓާލިތާ ފަސް މިނެޓު ތެރޭގައެވެ. ބޯޓު ވެއްޓުނީ އަހްމަދުއާބާދުގެ މެގަނީ ނަގަރް ސަރަހައްދަށެވެ.
242 ފަސިންޖަރުން ނާއި އެކު ދަތުރުކުރި މި ބޯޓުގެ، ދަތުރުވެރިންގެ ހާލަތު އަދި ސާފެއް ނުވެއެވެ.
ބޯޓު ވެއްޓުނުއިރު ގުޖުރާތުގެ ކުރީގެ ޗީފް މިނިސްޓަރު ވިޖޭ ރުޕާނީވެސް ބޯޓުގައި ދަތުރުކުރަމުންދިޔަ ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ.
ބޯޓު ވެއްޓެން މެދުވެރިވި ސަބަބު މިހާތަނަށް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބޯޓު ވެއްޓުނު ވަގުތު ޖައްވުގެ ތެރޭގައި ކަޅު ކުލައިގެ ބޯ ދުންގަަނޑު ފެތުރިފައިވާ މަންޒަރު ސޯޝަލްމީޑިއާގައި ދައުރުވަމުން ދެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ބޯޓު ވެއްޓިފައިވަނީ މައްޗަށް އަރަން ދަމުން ގޮސް ކުއްލިއަކަށް މަޑުމަޑުން ބޯޓު ތިރިއަށް ޖެހި ބޯޓު ގޮވައި އަލިފާން ރޯވުމަށްފަހުއެވެ.
ބޯޓުގައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި ރެސްކިއު އެންޑް ރިލީފް އޮޕަރޭޝަނެއް ފަށައިފައި ވެއެވެ. އެގޮތުން ޒަހަމްވެފައިވާ މީހުންނަށް އެއާޕޯޓުގައި އަވަސް ފަރުވޭ ދެވޭނެ އިންތިޒާމްތައްވެސް ދަނީ ހަމަޖައްސަމުންނެވެ.
ޔޫނިއަން ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިދޫ ކިންޖަރަޕޫ ވިދާޅުވަނީ، އެ ހާދިސާ ވަރަށް ގާތުން ބަލައި މޮނިޓާ ކުރަމުން އަންނަ ކަމަށެވެ.