

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ހުންނަވާ އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ޖޭއެސްސީއަށް އާއްމުންގެ ތެރެއިން ކަނޑައަޅާ މީހެއްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވެއެވެ. މި ފުރުސަތު ހުޅުވާލައި ފައި ވަނީ، އަންނަ މަހުގެ ތިންވަނަ ދުވަހުގެ 12:00 އާ ހަމައަށެވެ. މަގާމަށް ކުރިމަތިލާ ފޯމާއެކު އެ މީހެއްގެ ކުށާއި ދަރަނީގެ ރިކޯޑް ފޯމު ހުށަހަޅަންވާނެ ކަމަށް މަޖިލީހުން ބުނެފައި ވެއެވެ.
ޖޭއެސްސީގެ އެ މަގާމުގައި މިހާރު ހުންނެވީ އައިމިނަތު އުއްމުކުލްސޫމްއެވެ. އޭނާގެ ދައުރު މިއަހަރުގެ އޮގަސްޓަށް ހަމަވާނެތީ، ރައްޔިތުންގެ މަޖިލީހުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައި ވަނީ އިއުލާންކޮށްފައެވެ.
ޖޭއެސްސީގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.