

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު މެންދުރު ހިނގި ޓްރެފިކް އެކްސިޑެންޓަކާ ގުޅިގެން މަގުމަތީގައި މާރާމާރީއެއް ހިންގި ދެ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށް، ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފައެވެ.
ސޯޝަލް މީޑިއާގައި ފެތުރެމުންދާ މި ވީޑިއޯއިން ފެންނަ ގޮތުގައި، ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓާ ގުޅިގެން ދެ ފިރިހެނުން މަގުމަތީގައި މާރާމާރީ ހިންގާފައި ވެއެވެ. ވީޑިއޯ ހިއްސާކުރި ފަރާތްތަކުން ބުނާ ގޮތުގައި، މާރާމާރީގައި ބައިވެރިވި އެކަކީ އެކްސިޑެންޓްވި ޓެކްސީގެ ޑްރައިވަރެވެ، ދެން ފެނިފައި ވަނީ އެމްޓީސީސީ ޔުނިފޯމުގައި ހުރި ފަރާތެކެވެ.
ހުޅުމާލޭ ފޭސް 2ގައި ދެ މީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ ރިޕޯޓް ލިބުމުން، އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުންގެ މަޢުލޫމާތު ދީފައި ވެއެވެ.
މި ހާދިސާގައި އެއްވެސް ފަރާތަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ. މާރާމާރީގައި ބައިވެރިވި ދެ ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފައިވެއެވެ.
މި މައްސަލައިގެ އިތުރު ތަފުސީލުތައް ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.