March 18, 2026
Advertisement
ރައީސް މުއިއްޒު އަލީ މޫސާ އަރިހުގައި
ރައީސް މުއިއްޒު އަލީ މޫސާ އަރިހުގައި / ރައީސް އޮފިސް

ހޯރަފުށީގައި މުޒާހަރާކޮށް ރައީސް މުއިއްޒުއާއި މެންބަރު އަލީގެ އިސްތިއުފާ އަށް ގޮވައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 13, 2025, 07:52 PM
މާލެ ސިޓީ

ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލާ އެތަނުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާތީވެ އެކަމާއި ނުރުހުން ފާޅުކުރުމުގެ ގޮތުން ހޯރަފުށީގައި މުޒާހަރާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެ ދާއިރާގެ މެމްބަރު އަލީ މޫސާގެ އިސްތިއުފާ އަށް ގޮވައިފި އެވެ.

Advertisement

ރައީސް މުއިއްޒު އަދި އެމްޕީ އަލީގެ އިސްތިއުފާއަށް ގޮވި އެއްވުމުގައި ހޯރަފުށީގެ ގިނަ ޒުވާނުންގެ އިތުރުން ހޯރަފުށީގެ ކައުންސިލަރުން ވެސް ވަނީ ބައިވެރިވެފައި އެވެ.

ހޯރަފުށީގައި ބޮޓްލިން ޕްލާންޓެއް ހެދީ، އެ ރަށު ކައުންސިލާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އިންޑިއާއިން ދީފައިވާ ހިލޭ އެހީއަކާ ވެސް އެކުގައެވެ.

އެ މަޝްރޫއު ހުއްޓިފައިވާތީއާއި، އެ ޕްލާންޓަށް ނަގާފައި ތިބި މުވައްޒަފުން ވަކި ކުރުމުން، ހޯރަފުށީ ކައުންސިލުންވަނީ ފެނަކައާ ދެކޮޅަށް ކޯޓަށް ދާން ނިންމައިފަ އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުން ހޯރަފުށީގައި ވަޒީފާ އިތުރު ކޮށްދިނުމަށާއި އަދި ސަރުކާރުގެ ވަޒީފާ ތަކުން މީހުން ނުކަނޑަން އެދިފައި އެވެ. އަދި މިހާރަށްވުރެ ސަރުކާރު ޒިންމާދާރުވުމަށާއި ރައްޔިތުންނަށްވީ ވައުދު ފުއްދުމުގައި ސަރުކާރުން އުޅުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައި އެވެ.

ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ އެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި އެ ތަނުން މުވައްޒަފުން ވަކިކުރާތީ އެމްޑީޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި ސަރުކާރުން ވެރިކަމަށް އައި ފަހުން ހޯރަފުށީގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓި އޮތުމުން އެރަށު ރައްޔިތުންގެ ގިނަ ޝަކުވާތަކެއް އަންނަނީ ކުރަމުން ނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved