theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އިންޑިއާ އައުޓް ގޮވި މީހާ އިންޑިއާއާއި ހިތާވީތަ؟ / ތޭރަގްރެފިކްސް
ރިޕޯޓު
އިންޑިއާ އައުޓް ގޮވި މީހާ އިންޑިއާއާއި ހިތާވީތަ؟
Qudhrathullah Ameen
ގުދުރަތުﷲ އަމީން
15 ޖޫން 2025
މާލެ ސިޓީ

އިންޑިއާ އައުޓް ގޮވި މީހާ އިންޑިއާއާއި ހިތާވީތަ؟! މީ މިއަދު ޝޯޝަލް މީޑިއާގައި މީހަކު ކޮށްފައި އޮތް ސުވާލެކެވެ. ރާއްޖޭގެ ސިޔާސީ މަޞްރަހުން ފެންނަ މަންޒަރަށް ބަލާއިރު ކުރުން ވަރަށް ޖާއިޒް ސުވާލެކެވެ.

ފުރަތަމަ އިންޑިއާ އައުޓް ނުވަތަ އިންޑިއާ މިލިޓަރީ އައުޓް އަކީ ކޮބާތޯ ބަލާލަމާ ބަހީ އެވެ. މިހާރު ސަރުކާރުގައި ތިއްބެވި ބޭބޭފުޅުން ވިދާޅުވެފައި އޮތްގޮތުން ނަމަ "އިންޑިއާ އައުޓް" ހަަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި އެ ގައުމާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަދާފައިވާ ސިއްރު އެއްބަސްވުންތައް ހާމަ ކުރުމަށް ގޮވާލައި ހިންގާ ހަރަކާތެކެވެ.  ތެދެކެވެ. އިންޑިއާ އައުޓްގެ ކުރު ހުލާސާ އަކީ މިއެވެ.

ނަމަވެސް ޝޯޝަލް މީޑިއާގައި މީހަކު އެ ކުރި ސުވާލު "އިންޑިއާ އައުޓް ގޮވި މީހާ އިންޑިއާއާއި ހިތާވީތަ؟!" ސޯލިހު ސަރުކާރުގައި ނެތި އަދި އިންޑިއާ އައުޓް ވާން ގޮވި މީހުން ވެރިކަމުގައި ތިއްބާ ކުރަން ޖެހުނު ސަބަބަކީ ކޮބާ ހެއްޔެވެ.؟ އަޅުނގަޑަށް ވެސް އެ ސުވާލުގެ ޖަވާބު ހޯދަން މިއަދުގެ މުހިއްމު ވެއްޖެ އެވެ.

އެ ސުވާލުގައި އެބުނާ ހިތާ ވުމަކީ ކޮބާ ހެއްޔެވެ. ބަހުގެ ރަދީފުގައި ހިތާވުމަކީ މީހެއްގެ ނުވަތަ އެއްޗެއްގެ މައްޗަށް ހިތްލެނބުމެވެ. އެހެން ކަމުން އޭނާ އެ އުފެއްދި ސުވާލަކީ ކުރިން ނުރުހުނު މީހެއްގެ ހިތް ފަހުން މީހެއްގެ މައްޗަށް ނުވަތަ އެއްޗެއްގެ މައްޗަށް ރުހުމެވެ.

ތެދެކެވެ. ތިޔަ ކުރެއްވި ސުވާލުގެ ޖަވާބު ވަރަށް ސާދާ ވެފައި ކުރެވެ. ޖަވާބަކީ މިއަދު ސަރުކާރުގައި މި ތިއްބެވި ބޭފުޅުންގެ ހިތް މިހާރު ވަނީ އިންޑިއާގެ މައްޗަށް ލެބިފައި އެވެ. މިހާރު މި ވެރިކަމުގައި ހުންނެވި އެންމެ އިސްމީހާ އާއި އިންޑިއާގެ ވެރިކަމުގައި އެންމެ އިސްކޮށް ހުންނެވި މީހާ އާއި ދެމީހުން އެއީ މިހާރު "ދެ ލޯބި" ވެރިން ނެވެ. އެ ދެމީހުން އުޅުއްވަނީ އެކަކު އަނެކަކަށް "ހިތާ" ވެގެން ނެވެ. ސިޔާސީ ގޮތުން "އެއްދާން" ކުރައްވަނީ އެއް އެނދެއްގައި އެވެ.

މިހެން ބުނަން މި ޖެހުނީ ފެންނަ މަންޒަރުން ނެވެ. އިންޑިއާއިން ކުރި ކަމަށް ބުނާ "ބުލީގެ ލޯބީގެ" ޝިކާރައަކަށް މި ސަރުކާރުގެ ވެރިން ވުމުން ނެވެ. ބިރިޔާނީ އާއި އެއް ކިލޯ ފިޔާއަށް ނުވިކޭނެ ކަމަށް ބުނި މީހުންގެ ހާލަތު ކުއްލި އަކަށް ބަދަލުވުމުން ނެވެ. ބިރިޔާނީ މީރުވެ އެކައިގެން "ގައިގޯޅިވެ" ސަލާމުން އަތް ޖޯޑު ކުރާލެއް ގިނަ ކަމުން ނެވެ.

އިންޑިއާ އައުޓްގެ ހާރިޖީ ސިޔާސަތެއް ރައްޔިތުންނަށް ވިއްކުމަށްފަހު އަދި އިންޑިއާ އިން ސޯލިހު ސަރުކާރާއި އެކުވީ "ސިއްރު" އެއްބަސްވުންތައް ހާމަކުރާނެ ކަމާއި އިންޑިއާ ސިފައިންގެ މީހުން ފޮނުވާލާނެ ކަމަށް ބުނެ ހޯދި ވެރިކަމުގެ "ޗޯރު" ކަން މިއަދު ސޯލިހު ސަރުކާރަށް ވުރެ ގޯސްވުމުން ދެން ރައްޔިތުން ކުރާނީ މިފަދަ ސުވާލުތަކެވެ.

އޭ މިހިރަ ދިދައާ އެވެ. އިންޑިއާ އައުޓް ގޮވި މީހާ އިންޑިއާއާއި ހިތާވީ ހެއްޔެވެ؟!

2023 ގައި މަކަރާއި ހީލަތުން ދިވެހި ރައްޔިތުން ހައްދާލިހެން ދެން ދިވެހިން ހައްދާލެވިދާނެ ކަމަށް ކަލޭމެނަށް ހީކުރުމަކީ މޮޔަކަމެކެވެ. މިއަދު ދިވެހިން ކަލޭމެންގެ ސިޔާސީ "ޖާހިލުކަން" ނިކަން ރަނގަޅަށް އުނގެނި ދަސްކޮށްފި އެވެ. ހަމަ ހިލާ ދެން ދިވެހިން ކަލޭމެންގެ އަތް ދަށު ނުވާނެ އެވެ. އާންމުންގެ މިފަދަ ސުވާލުތައް ބުނެ ދެނީ އެވާހަ އެވެ. ދިވެހި ރައްޔިތުންގެ މިއަދުގެ ޝުއޫރަކީ އަދި ވެސް "އިންޑިއާ އައުޓް" ފަދައިން ކަލޭމެން ވެސް "އައުޓް" ކުރުމެވެ.

އޭ މިހިރަ ދިދައާ އެވެ. އިންޑިއާ އައުޓް ގޮވި މީހާ އިންޑިއާއާއި ހިތާވީ ހެއްޔެވެ؟!

މިއަދު ވެރިކަމުގައި ތިބަ މީހުން އިންޑިއާގެ ކަނު ލޯބީގައި ޖެހި އެ ބުނަނީ އިންޑިއާ އައުޓް ކެމްޕޭނަކީ ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގާލުމުގެ ނިޔަތުގައި، ރާއްޖެއާއި އިންޑިއާއާ އެކު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި ރާއްޖޭގެ ތަރައްގީ އަށާއި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުން އަންނަ މުހިންމު މަސައްކަތަކަށް ހުރަސްއެޅުމަށް ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް ކަމަށެވެ.

ވީ މޭ ބީ ސްމޯލް، ބަޓް ދެޓް ޑަސަންޓް ގިވް ޔޫ ދަ ލައިސެންސް ޓު ބުލީ އަސް އެވެ. ރާއްޖެ އަކީ "ވަކި ގައުމެއްގެ ބެކްޔާޑްގައި އޮތް ގައުމެއް ވެސް ނޫނެ" ވެ. އޭ މިހިރަ ދިދައާ އެވެ. އިންޑިއާ އައުޓް ގޮވި މީހާ އިންޑިއާއާއި ހިތާވީ ހެއްޔެވެ؟!

އޭ ވަޔާ އެވެ. ތިބާ މި ސުވާލު އެމީހުންނާއި ހަމައަށް ގެންގޮސްދީ ބަލާށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved