March 10, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގައި އެއްވެސް ވިސްނުމެއް ނެތް: ރައީސް ޔާމީން

Hussain Nawaf
ހުސައިން ނަވާފް
Jun 16, 2025, 04:01 AM

ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގައި އެއްވެސް ވިސްނުމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންުނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޑޮލަރު ލިމިޓު އުވައިލާނެކަމުގެ ވައުދުފުޅާ އެކުގައި އެވެ. އަދި ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އެ ބަދަލު ގެނެވިފައިނުވެ އެވެ.

އެކަމަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެފަދަ ވާހަކައެއް ރައީސުލްޖުމްހޫރިއްޔާ ދައްކައިފި ނަމަ އެފަދަ ޕޮލިސީތައް ދެމެހެއްޓެން ޖެހޭނެކަން ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.

މި ވާހަކަ ކީއްކުރަންތޯ ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރެއްވީ؟ މި ވާހަކަ ދައްކަން ވީނު އެމްއެމްއޭގެ ގަވަރުނަރު ލައްވާ؟ މި ވާހަކަ ދައްކަންވީ ނޫންތޯ ފިނޭންސް މިނިސްޓަރު ލައްވާ؟ މި ވާހަކަ ދައްކަން ވީ ނޫން ތޯ މިފަދަ ވާހަކަ ދައްކަން ވަރަށް ފަރިތަވެސް ވާނެ، ސައީދު ލައްވާ. ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަން ނުޖެހޭ ހިސާބު ހުންނާނެ. ރައީސުލްޖުމްހޫރިއްޔާއަކީ މައިކްރޯ މެނޭޖް ކުރާ ބޭފުޅެއް ނޫން. ޑޮލަރުގެ އަގު ހިފަހައްޓަނީ ރައީސުލްޖުމްހޫރިއްޔާއެއް ނޫނޭ. އެއީ އެމްއެމްއޭ ގާނޫނުން އެމްއެމްއޭ ގަވަރުނަރާއި ހަވާލުކޮށްފައިވާ މަސައްކަތެއް. އެއީ އިންޑިޕެންޑަންޓްކޮށް އޮޓޮނޮމަސްކޮށް ހިނގާ މީހެއް. ރައީސުލް ޖުމްހޫރިއްޔާ އެފަދަ ކަންކަން ވިދާޅުވީމަ ރައީސް އެބަ މަސައްކަތް ކުރަން ޖެހޭ އެ ވިދާޅުވި ގޮތަށް ކަންކަން ވާން.

ރައީސް ޔާމީން

މިއަދުގެ ހާލަތު ވަރަށް ދަށް ކަމާއި 19.40 އަށާއި 19.50 ރުފިޔާއަށްވެސް މިއަދު ރާއްޖެއިން ޑޮލަރު ހޯދަން ދަތި ކަމާއި ބޮޑެތި އަދަދުތަކުން ގަންނަން ބަލާއިރު ނުލިބޭ ކަމާއި އެ މައްސަލަ ހައްލު ކުރުމުގެ ވިސްނުންވެސް ސަރުކާރުގައި ނެތްކަމަށް ވިދާޅުވެ ރައީސް ޔާމީންވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެގޮތުން މިއީ ސަރުކާރުން އެމްއެމްއޭއަށް ޑޮލަރު ހޯދުމަށް ޓުއަރިޒަމް އިންޑަސްޓްރީއަށް ގެނައި މާލީ ސިޔާސަތު ފެއިލް ވި ކަމުގެ ހެއްކެއްކަމުގައި ފާހަގަ ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved