March 19, 2026
Advertisement
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ / ޕޮލިސް

ޖެމްކިއުގައި ބައިވެރިވާ މީހުން ހޯދާ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި!

Mariyam Isaadha
މަރިޔަމް އިސާދާ
Jun 16, 2025, 04:09 AM
މާލެ ސިޓީ

ޖެމްކިއު ސްކީމް ހިންގާ ޕްރޮމޯޓްކޮށް އޭގައި ބައިވެރިވުމަށް މީހުން ހޯދާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފިއެވެ.

Advertisement

ދިވެހި ފުލުހުންގެ އިދާރާއާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގުޅިގެން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދިވެހިންގެ މެދުގައި މިހާރު މަގުބޫލުވެފައިވާ ޖެމްކިއު ނުވަތަ ޖީއެމްސީއީ އިންވެސްޓްމަންޓް ސްކީމަކީ ޕިރަމިޑް ސްކީމެއް ކަމަށެވެ.

ފަދަ ސްކީމެއް ރާއްޖޭގައި ހިންގޭނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ހުއްދައާ އެކު ނަމަވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ ގާނޫނާއި ހިލާފަށް ސީއެމްޑީއޭގައި ރަޖިސްޓްރީނުކޮށް ހިންގަނީ ސްކީމެއް ކަމަށެވެ. އެހެންކަމުން މިއީ ގާނޫނާ ހިލާފު ސްކީމެއް ކަމަށް ފުލުހުން ވަނީ ކަނޑައަޅާފައެވެ.

އެ މައްސަލައިގައި ފުލުހުން، ބޭރު ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތްތަކުގެ އަލީގައި ޖީއެމްސީއީއަކީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެންކަމުން މިފަދަ ސްކީމްތަކުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީ ވެސް ކުށެއް ކަމަށާއި މި ސްކީމް ހިންގާ، ޕްރޮމޯޓުކޮށް، އޭގައި ބައިވެރިވުމަށް މީހުން ހޯދާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފައިވެއެވެ.

ފުލުހުން ބުނީ އެފަދަ ޕިރަމިޑް ސްކީމުތަކުގައި އިންވެސްޓް ނުކުރުމަށް އެ މުއައްސަސާއާއި ސީއެމްޑީއޭއިން އިލްތިމާސްކުރާ ކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އެންމެންނަށް ފަަރިތަނޫން ބަސްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގާ އިންވެސްޓްމެންޓް އެޕްލިކޭޝަންތައް އިންޓަނެޓުގައި ގިނަވަމުންދާ ދުވަސްވަރެއްގައި، ރަނގަޅަށް ދިރާސާނުކޮށް، ބުރަ މަސައްކަތުން ރައްކާކޮށްފައިވާ ފައިސާ އެފަދަ ސްކީމުތަކަށް އިންވެސްޓުކުރުމުން އިއާދަނުކުރެވޭ މާލީ ގެއްލުންތަކާ އެތައް ބަޔަކު ކުރިމަތިލާން ޖެހޭ ކަމަށް ފުލުހުން ފާހަގަކުރިއެވެ.

ޖީއެމްސީއީ ސްކީމް ރާއްޖެއަށް ތައާރަފުވެ، ހިންގަން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ވަރަށް ގިނަ ދިވެހީން ދަނީ މި ސްކީމަށް އިންވެސްޓުކުރަމުންނެވެ. އެ ސްކީމަށް މީހުން ފައިސާ ލުމުން, ފައިދާގެ ނަމުގައި ފައިސާ ދެމުންދާ ކަމަށް ވެއެވެ. އެނގިފައިވާ ގޮތުގައި އެއީ ބޭރުގެ ކުންފުންޏަކާ ގުޅިގެން ރާއްޖޭގައި ބަޔަކު އިސްވެ ހިންގާ ސްކީމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved