

ސަހްޔޫނީންގެ ޖާސޫސީ އިދާރާ މޮސާޑުގެ ދެ މެންބަރުން ކަމަށް ޝައްކުވާ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އީރާނުން ބުނެފި އެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މޮސާޑުގެ އެޖެންޓުންގެ ގޮތުގައި އިންޑިއާ ދަރިކޮޅުގެ މީހުން އިރާންގައި މިފަހުން ހަރަކާތްތެރި ވަމުން އަންނަ ކަމުގެ މައުލޫމާތު ލިބި އެކަން ތަހުގީކުރަމުން އަންނަ ކަމަށް ވަނީ ރިޕޯޓްކޮށްފައި އެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކުރީ އަލްބޯޒް ޕްރޮވިންސްގައި ގޮވާތަކެއްޗާއި އިލެކްޓްރޯނިކް އާލާތްތައް ތައްޔާރުކުރަމުން ދަނިކޮށެވެ. އަދި އެމީހުންނަކީ ކޮން ގައުމެއްގެ ބައެއް ކަން އީރާނުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އީރާނުގެ އޮފިޝަލުންނާއި ހަވާލާދީ ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެމީހުންގެ ތެރެއިން އެކަކީ އިންޑިއާ މީހެކެވެ.
އިންޑިއާ އަކީ ސަހްޔޫނީން ވަރަށް އަސްކަރީ ގުޅުން ބަދަހި އަދި ޖާސޫސީ މައުލޫމާތު ފޯރު ކުރުމުގައި ދެ ގައުމުގެ ސިއްރު ގުޅުން އޮންނަ ގައުމެކެވެ. އަދި ސަހްޔޫނީން ނަށް ހަތިޔާރު ވިއްކުމާއި އަދި އެމީހުން އަތުން ހަތިޔާޜު ގަތުމަކީ ވެސް މޯދީގެ ސަރުކާރުން ކުރާ ކަންކަމެވެ.
އިރާނުން ދަނީ އިތުރު މިސައިލް ހަމަލާތަކެއް ސަހްޔޫނީންނަށް ދެމުންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް ސަހްޔޫނީންގެ ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ.
ސަހްޔޫނީން މިހާރު ވަނީ އީރާނުގެ ހަމަލާތަކުން ސަލާމަތްވުމަށް އެމީހުންގެ އެކުވެރިންގެ ކިބައިން އެދެމުން ނެވެ. އެކަމަށް ރައްދުދީ ޕާކިސްތާނު ހިމެނޭ ހެން ރަޝިއާ އަދި ޗައިނާއިން ވަނީ ސަހްޔޫނީނަށް އެމެރިކާ އިނގިރޭސީން އެހީ ވާނަމަ މެދުއިރުމަތީގައި ތިބި އެމެރިކާ އިނގިރޭސީންގެ ޕޮއިންޓް ތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުކޮށްފައި އެވެ.
އީރާނުގެ އެންމެ ފަހުގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރަމުންދަނީ ސަހްޔޫނީންގެ ވެރިރަށް ތެލް އަވީވަށާއި ހައިފާއަށެވެ. ހަމަލާތަކުގައި ބޮޑުވަރު ވަމުން ދަނީ ހައިފާއަށެވެ. އެ ރަށުގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި އަލިފާންގަނޑުތައް ރޯވެ އެ ރަށް ދަނީ އަނދަމުންނެވެ. ޙަމަލާތަކުގައި ގިނަ އަދަދެއްގެ މީހުންނަށް ވަނީ ޒަހަމްވެފަ އެވެ.
ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އީރާނުން ވަނީ ސަހްޔޫނީންގެ 44 ޑްރޯން ވައްޓާލައިފަ އެވެ. ސަހްޔޫނީން ވަނީ އީރާނުން ދޭ ހަމަލާތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ފޮޓޯ މީޑިއާ ތަކުގައި ޝާއިއު ކުރުން މަނާ ކޮށްފަ އެވެ.