

ވިޔަފާރިތަކަށް ފައިސާ ނުލިބެނީސް އެ މުދަލެއް ނުވަތަ ޚިދުމަތަކަށް ޖީއެސްޓީ ދައްކަން ޖެހޭ ގޮތަށް ގާނޫނު އޮތުމުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި ގަރާރު، ޕީއެންސީގެ ސުޕަ މެޖޯރިޓީން މިއަދު ބޭރުކޮށްލައިފި އެވެ.
ކެޔޮދު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިއުޝާދު ހުށަހެޅުއްވި އެ ގަރާރުގައި ވަނީ މުދަަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ކަމަށްވާ ޖީއެސްޓީ ލާޒިމުވާ ވަގުތު ކަނޑައެޅުމުގައި ގާނޫނުގައި މިހާރު އޮންނަ ގޮތުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
މިގޮތުން، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގައި، ޖީއެސްޓީ ލާޒިމުވާ ވަގުތު ކަމަށް ބަލަނީ އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގަށްވާ ޓެކްސް އިންވޮއިސް ތައްޔާރުކުރާ ވަގުތާއި އަގު ނުވަތަ އަގުން ބައެއް ނަގާ ވަގުތު ކަމަށް ބަޔާންކޮށްފައި އޮތުމުން، އިންވޮއިސް ތައްޔާރުކުރާ ވަގުތުން ފެށިގެން ޖީއެސްޓީ ދެއްކުން ލާޒިމުވާ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް، މުދަލާއި ހިދުމަތުގެ އަގަށްވާ ފައިސާ ހޯދުމަކީ އެ މުދަލެއް ވިއްކި އަދި ހިދުމަތް ފޯރުކޮށްދިން ފަރާތުގެ ބާރު ހިނގާ ކަމަކަށް ނުވާއިރު، އެ ފަރާތުން ވަކި މުއްދަތެއްގެ ކުރިން ދައުލަތަށް ޓެކްސް ދެއްކުން ލާޒިމު ކުރުމަކީ އިންސާފުވެރި ގޮތް ނޫން ކަމަށް އެ ގަރާރުގައި ބުންޏެވެ.
މިއަދުގެ ޖަލްސާގައި އެ ގަރާރަށް ބަހުސްކުރުމަށް ފެނޭތޯ ނެގި ވޯޓުގައި 36 މެންބަރުން ވޯޓުދެއްވީ އެ ގަރާރު ބަލައިނުގަނެ ބޭރުކުރުމަށެވެ.
އެ ގަރާރު ބަލައިގަތުމަށް ވޯޓުދެއްވީ އެންމެ 11 މެންބަރުންނެވެ. އެ މެންބަރުންގެ ތެރޭގައި ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު ހިމެނެ އެވެ.
އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ އަދިވެސް ނުދީ އެބައޮތެވެ. އެ މައްސަލަ މި އަހަރުގެ ރޯދަމަހުގެ ކުރިން ހައްލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އެކަމަކު، އެ ފައިސާ މިހާތަނަށް ދޫކޮށް ނިންމާފައެއް ނުވެ އެވެ.