

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ޑރ އަޒްމިރާލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު މަގާމުން ވަކިކުރިއިރު އެ ދެ ފަނޑިޔާރުންނާ އަދި ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދުގެ މައްޗަށް ހިންގާ ތަހުގީގު ނުވެސް ނިމޭކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން "އަދަދު" ނޫހަށް އެކަމާ ގުޅިގެން ދިން މައުލޫމާތުންނެވެ.
އެގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންގެ މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުން ކަމަށް އޭސީސީގެ މީޑިއާ އޮފިޝަލް އައިޝަތު ސަމާ އާއި ހަވާލާދީ އަދަދު ނޫހުގައިވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ މައްސަލަ އާއި ގުޅިގެން ހަމައެކަނި ހާމަކުރެވެން އޮތީ މައްސަލަ ތަހުގީގު ކުރަމުންދާ ވާހަކަ އެކަނި ކަމަށްވެސް ވެއެވެ.
ފަނޑިޔާރުންގެ މައްޗަށް އޭސީސީން ހިންގަމުންދަނީ ޖިނާއީ ތަހުގީގެކެވެ. ނަމަވެސް އެކަމާ ގުޅިގެން މިހާތަނަށް އެ ކޮމިޝަނުން އެއްވެސް ތަފްސީލެއް އާރްޓީއައި ހުށަހަޅައިގެންވެސް ހާމަ ނުކުރާކަން ފާހަގަ ކުރެވެއެވެ.
ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީން އެ ފިޔަވަޅު އެޅީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ސުޕްރީމް ކޯޓުން ފަށަން ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ.
އަޒްމިރާލްދާ އާއި މަހާޒް ވެސް ވިދާޅުވެފައިވަނީ މިއީ އެ މައްސަލައަށް ނުފޫޒު ފޯރުވުމަށް ޖޭއެސްސީން އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.
އެ މައްސަލައިގައި ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދިނުމުން ހިއުމަން ރައިޓްސް ކޮމިޝަން އެޗްއާރުސީއެމް އާއި އިންޑިއާގެ ބާ އެސޯސިއޭޝަނާއި ދަ ލޯ އެސޯސިއޭޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް ލޯ އޭޝިއާގެ އިތުރުން ނޭޕާލުގެ ބާ އެސޯސިއޭޝަނުން އަދި އދ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ.