
ރައްޔިތުން އިންތިޚާބުކުރާ ކައުންސިލަރުން މަދުކޮށް އަތޮޅު ކައުންސިލް އުވާލަން ޕީއެންސީ ސަރުކާރުން މަސައްކަތް ފަށާފައިވާތީ ޕިއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ނުރުހުން އަމާޒުކުރައްވައިފިއެވެ.
މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބާރުތައް ރައީސް ޑރ މުހައްމަދު މުއިއްޒު މުށުތެރެއަށް ލާ ޚުދުމުހުތާރު ވެރިކަމެއް ކުރުމަަށް މަގު ފަހިކުރުމުގެ ނިޔަތުގައި، ރައްޔިތުން އިންތިޚާބު ކުރާ ކައުންސިލަރުން މަދުކޮށް އަތޮޅު ކައުންސިލް އުވާލަން މުއިއްޒު ކުރާ މަސައްކަތް ހުއްޓާލަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ޑިމޮކްރީސީއަކީ ބާރުތައް ޖަމާ ނުކޮށްކުރާ ވެރިކަމެއްކަން ފާހަގަކުރައްވާ މަލީހު ވަނީ އަތޮޅު ކައުންސިލްތަކާ ރަށު ކައުންސިލްތަކާ ނުބެހި ވެރިކަން ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ކައުންސިލްތަކަށް އިންތިހާބުކުރާ ކައުންސިލަރުންގެ އަދަދު މަދުކުރުމާ މެދު މެމްބަރުންގެ ހިޔާލު ހޯދަން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވެއެވެ.
ކައުންސިލްތައް ކުޑަ ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިޔާލުތައް ހޯދުމަށް ޕީއެންސީން ގަރާރެއް ހުށަހެޅިއިރު، މިދިޔަ އަހަރު ތެރޭ ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ މި ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެ އެވެ. އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުމަކީ 3،000 އިން ދަށުގެ އާބާދީތަކުގައި ތިން ކައުންސިލަރުން ތިބޭ ގޮތަށް ހެދުމަށެވެ.
މީހުން ދިރިއުޅޭ 187 ރަށަށް 900 އަށްވުރެ ގިނަ ކައުންސިލަރުން އިންތިހާބުކުރެ އެވެ. އިލެކްޝަންސް ކޮމިޝަނުން އަންނަނީ އަންނަ އަހަރުގެ އޭޕްރީލް މަހު ކައުންސިލް އިންތިހާބު ބާއްވަން ތައްޔާރުވަމުންނެވެ.










