theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 4،000 ފްލެޓުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒާއި މިނިސްޓަރުން ބައްލަވާލައްވަނީ.-- / ރައީސް އޮފިސް
ހަބަރު, ސިޔާސީ
އެމްޑީޕީ ސަރުކާރުން އެޅި ފްލެޓްތައް ބަލަން މުއިއްޒު ސިޔާސީ ވަފުދެއް ގޮވައިގެން ދިއުމުން ފާޑުކިޔަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
22 ޖޫން 2025
މާލެ ސިޓީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ މި 4،000 ފްލެޓްތައް ބައްލަވަން ސިޔާސީ ބޮޑު ވަފުދެއް ގޮވައިގެން ދިއުމުން ފާޑުކިޔުން އަމާޒު ވެއްޖެ އެވެ.

ރައީސް އޮފީހުން އެކްސްގައި ބުރާސްފަތި ދުވަހު ކުރި ޕޯސްޓެއްގައި ބުނީ 4،000 ފްލެޓުގެ މަސައްކަތް ގޮސްފައިވާ ހިސާބު ރައީސް މުއިއްޒު މިއަދު އެ ސަރަހައްދަށް ވަޑައިގެން ބެއްލެވި ކަމަށެވެ. އަދި އެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފުސީލު ވެސް ރައީސާ ހިއްސާ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި 4،000 ފްލެޓަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ތަންތަނެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން މި މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

މި ފްލެޓުތަކުގެ މަސައްކަތް ނިންމައި އަންނަ މަހު ހަވާލުކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. މި ފްލެޓްތައް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން މިދިޔަ އެޕްރީލް މަހު ވަނީ އާންމުކޮށްފަ އެވެ.

އެ ލިސްޓުގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ. މިކަމާއި ގިނަބަޔަކު އަންނަނީ ކަން ބޮޑުވުން ފާޅު ކުރަމުން ނެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީ ބޯހިޔާވަހިކަމުގެ ޓޯޓަލް ސޮލިއުޝަން ދިވެހިންނަށް ހޯދައިދެއްވާނެ ކަމުގެ ވައުދާއެކު އެވެ. ނަމަވެސް ސަރުކާރަށް 18 މަސް ވެގެންދާއިރު ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ފެށުނު މަޝްރޫއެއް ނެތި މީހުން ކުރިން ހަދައިފަ ހުރި ތަންތަން ބަލަން ބޮޑެތި ސިޔާސީ ވަފުދު ގޮވައިގެން ދާތީވެ ގިނަ ބަޔަކު އަންނަނީ ރައީސް މުއިއްޒުއަށް ފާޑުކިޔަމުން ނެވެ.

އެގޮތުން ރައީސް މުއިއްޒު އަށް ފާޑުކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުނީ އެމްޑީޕީގެ ވެރިކަމުގައި އެޅި ފުލެޓްތައް ބަލާލަން ރައީސް މުއިއްޒު އެތަނަށް ވަޑައިގަތީ ހުރިހާ ވަޒީރުންނާ މުއައްސަސާތަކުގެ ވެރިން ބަރިޔަކަށް އަތުރާފަ ކަމަށެވެ.

މިޔަށް ދެއްކުންތެރިކަން ނުކިޔާނެތޯ؟ އަދި ކޮބާތޯ؟ ރައީސް މުއިއްޒުވަނީ ހައްގު ވެރިންގެ އަތުން ފުލެޓް އަތުލާފަ ޕީއެންސީގެ އެކްޓިވިސްޓުންނަށް ބަހާލާފަ. މި ވެރިކަން މިދަނީ ހައްދުފަހަނަ އެޅި އަނިޔާވެރިކަމާ ދިމާލައް. ރައްޔިތުން މިކަމާ ވިސްނާ ފިކުރުކުރަން ޖެހޭ

- ޝިޒްނާ

އިތުރު މީހަކު ބުނީ ވެރިކަމަށް ދޮޅު އަހަރަށްވުރެ ގިނަ ދުވަސްވީއިރު މުއިއްޒު ވެރިކަމުގައި އަލަށް ފެށުނު ސޯޝަލް ހައުސިންގެ ޕްރޮޖެކްޓެއް ފެންނާކަށް ނެތް ކަމަށާއި. މިރާއްޖޭގައި އޮތް ހުރިހާ އިޖުތިމާއީ މައްސަލައެއްވެސް ބޯހިޔާވަހިކަން ނުލިބުމުގެ މައްސަލައާ ގުޅިފައިވާއިރު، އަދި މާލޭގައި މީހުން ބޮޑުކުލިދައްކައިގެން ގަނަތެޅެމުން ދާއިރު ސަރުކާރަށް ސީރިސް ކަމެއްގެ ގޮތުގައި އެކަމެއް ނުފެންނަ ކަހަލަ އެވެ. އަދި ބުނީ މި ވެރިކަމުގައި ފެންނަ މަންޒަރަކީ ވަޒީރުންވެސް އަޗާތަޅާފަ ފޮނިކަނޑާ ތަނެވެ. ބޯހިޔާ ވަހި ކަމުގެ ހައްލަކަށް ސީރިއަސް މަސައްކަތެއް ކުރާތަނެއްނުފެންނަ ކަމަށް ވެސް އޭނާ ބުން ނެވެ.

މާލޭ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓާއި ރަށްރަށުގައި 12،000 ހައުސިން ޔުނިޓާ އެކު ޖުމްލަ 27،000 ހައުސިން ޔުނިޓްގެ މަސައްކަތް މި އަހަރު ކުރިއަށް ދާނެކަން ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ.

ނަމަވެސް މީން ކަމެއްގެ ހިލަމެއް އަދި ނެތެވެ. މުޅިން ވެސް ފެންނަނީ ރައީސް މުއިއްޒު "އިހުގެ މަންޒަރު" ބައްލަވާ ތަނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved