

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ހަނގުރާމަ ފަދަ ކަމެއް މެދުވެރިވާއިރަށް ކީރިތިކުރައްވާނެ ވެރިއެއް ނޫން ކަމަށް ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއާލައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ހުށަޅާފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
އޭނާ ވިދާޅުވީ، މި ހަނގުރާމަ ބޯމަތިވިއިރު ލިބުނު އުފަލަކީ ކޮވިޑް-19 އައިއިރު އޮތް ފަދަ ނާގާބިލު ސަރުކާރެއް ނެތުމެވެ. ޔަގީނުން ވެސް ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ކަންކަން މި ސަރުކާރުން މެނޭޖުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ އެގޮތަށް ކަމެއް ދިމާވާއިރަށް މީޑިއާތަކަށް އަރުއްވައި ކީރިތި ކުރައްވައި، މުޅި ދިވެހި ރައްޔިތުން މާޔޫސްކުރައްވާނެ ރައީސެއް ނޫން. އެއަށްވުރެ ކަންކަމުގައި ދުރު ވިސްނަވައި، ކަންކަން މެނޭޖުކުރައްވަން ދެނެވަޑައިގަންނަވާ ރައީސެއް އެއީ،
ހަމީދު މިފަދައިން ވިދާޅުވިއިރު މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ބަލައި އެކަމުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރުތައް ގާތުން ބަލަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ މިއަދު ވިދާޅުވެފަ އެވެ.
ރޭ ކުޑަ ވަގުތުކޮޅަކަށް ގަތަރާއި ޔޫއޭއީ ފަދަ ގައުމުތަކުގެ ވައިގެ ދަތުރުތައް ހުއްޓާލި އިރު އެ ސަރަހައްދަކީ ރާއްޖެއަށް އެންމެ ގިނަ އިން ޓޫރިސްޓުން އުފުލާ އެއާލައިންތައް އޮތް ސަރަހައްދެ އެވެ. ހާއްސަކޮށް ޔޫރަޕްގެ މަންޒިލްތަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަމުން ދަނީ ގަތަރު އެއާލައިނާއި އެމިރޭޓްސް އިންނެވެ. މިކަމުގެ ގެއްލުން ރާއްޖެ އަށް މިހާރު ވެސް އަންނަނީ ކުރަމުން ނެވެ.
އެގޮތުން މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މިއަދުގެ މިހާތަނަށް އެއް ފްލައިޓް ކެންސަލްވެ، ދެ ފްލައިޓެއް ޑިލޭވެފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލް އިން ބުނީ، ކެންސަލްވީ ގަތަރު އެއާލައިންގެ އެއް ފްލައިޓު ކަމަށެވެ. އަދި ޑިލޭވެފައިވަނީ ގަލްފް އެއާ އާއި ގަތަރު އެއާލައިންގެ އިތުރު ފްލައިޓެކެވެ. މި ފްލައިޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިން ލައްކަ ގިނަ އެވެ