

އެމްޑީޕީގެ ދެ ދައުރު ދިވެހިން ދެކެފައި ވާއިރު ނަތީޖާއަކަށް ބަދަލެއް ނާންނާނެ ކަމުގައި ކުރީގެ ހޯމް މިިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެެވެ.
ޗެނަލް 13ގެ ގެންދިޔަ ނިޔުސްޓޯކް ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، ރައީސް ނަޝީދު އެމްޑީޕީ އާއި އަލުން ގުޅިވަޑައިގަތަސް އަދި ގުޅިވަޑައިނުގަތަސް އެމްޑީޕީއަށްވެސް އަދި ހަމައެހެންމެ އެމްޑީޕީ ވެރިކަމެއްގައި ދިވެހި ރާއްޖެއަކަށްވެސް މާބޮޑު ފަރަގެއް ނުފެންނާނެ ކަމަށެވެ.
ދެ ފަހަރެއްގެ މަތިން ދިވެހިރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތު އެމްޑީޕީއަށް ލިބިފައި ވީއިރު ރައީސް ނަޝީދަށް ވެސް 2 ފަހަރެއްގެ މަތިން ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ވަނީ ލިބިފައިވެއެވެ. އެހެންކަމުން ޤަބޫލުކުރެވެނީ އެމްޑީޕީއިން ކޮންމެ ބޭފުޅަކު ވެރިކަމަށް އަޔަސް ނަތީޖާ ބަދަލު ނުވާނެ ކަމުގައި އުމަރު ވިދާޅުވިއެވެ.
2008 ވަނަ އަހަރު ވާދަކުރެއްވި، ވާދަކުރައްވައިގެން ކާމިޔާބުކުރެއްވި 2013 ވަނައަހަރު ވެސް އެފުރުސަތު ލިބިވަޑައިގަނެގެން ވާދަކުރައްވައިގެން ރައީސް ޔާމީން އަތުން ބަލިވީ ދެއްތޯ، އެހެންވީމަ ނަޝީދައްލިބިއްޖެ ދެފުރުސަތު، އިބްރާހީމް މުހަންމަދު ސޯލިހުއަށް އެއް ފުރުސަތު ލިބިއްޖެ ވެރިކަން ކުރަން، އެމްޑީޕީގެ ވެރިކަމެއް 2 ދައުރު ފެނިއްޖެ ދިވެހިންނަށް، އެހެންވީމަ އޭގެ ތެރޭގައި ކޮންމެ މީހަކު ހުއްޓަސް އަޅުގަނޑަށް ފެންނަނީ ނަތީޖާއަކީ އެކައްޗެއް ކަމަށް
އުމަރު ވިދާޅުވި ގޮތުގައި އެމްޑީޕީ ވެރިކަމެއްގައި އިންތިހާއަށް ކޮރޮޕްޝަން އޮންނާނެ ކަމަށާއި ސިޔާސީ މަޤާމުތައް އިތުރުވާނެ ކަމަށާއި މިކަމާއި ގުޅިގެން ދައުލަތުގެ އިސްރާފު އިންތިހާއަށް ބޮޑުވެގެން ދާނެ ކަމަށެވެ.
އެމްޑީޕީ ވެރިކަމެއްގައި ކޮންމެ ބޭފުޅަކު އައި ނަމަވެސް ދިވެހި ރާއްޖޭގެ އިގްތިސާދަކަށްވެސް އަދި އެހެންމެ ރާއްޖެ ދިމާވެފައި މިވާ އިޖްތިމާއީ މައްސަލަ ތަކަކަށްވެސް އެކަށީގެންވާ ބަދަލެއް ނުގެނެވޭނެ ކަމަށެވެ.
އެބޭފުޅާ ވިދާޅުވިގޮތުގައި އެމްޑީޕީ ކަމުގައި ވަނީނަމަ ވެރިކަމަށް އަންނަނީ ރައީސް ސޯލިހު ވިޔަސް އަދި ރައީސް ނަޝީދު ވިޔަސް މިކަމަކުން އަންނާނެ އެއްވެސް ފަރަގެއް ނެތްކަމަށެވެ. އަދި މިކަމާ ދިވެހިންގެ އެއްވެސް ފަރުވާލެއް ވެސް ނެތްކަމުގައި ޤަބޫލު ކުރައްވާކަމަށެވެ.