

އެމްޑީޕީ ބަލިކުރަން މާބޮޑަށް ފަސޭހަވެއްޖެކަމަށާ އެމީހުންނަކީ އެމްޑީޕީ ދެ ފަހަރު ބަލިކުރި މީހުން ކަމަށް ބުނެ ފައިދާއެއްނެތް ގެއްލުންހުރި އެއްޗެއް އެއްވެސް ދިވެހި ރައްޔިތަކު ނުގަންނާނެ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމު ޝުޖާއު ވިދާޅުވި ވިދާޅުވުމަށް ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތްކުރައްވާ އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ރައްދު ދެއްވައިފިއެވެ.
ވައްޑެގެ ރައްދު މި ސަރުކާރުގެ އެންމެ އަޑު ގަދަ އެއް މެމްބަރަށް އަމާޒުކުރީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ވައްޑެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ޝުޖާއު އެ ދެއްކެވި ވާހަކައިގެ ތެދު ދޮގަށް ބަަލަން ޖެހޭ ކަމަށެވެ. އެގޮތުން ޕީއެންސީއިން ދެ ފަހަރަށް އެމްޑީޕީ ބަލި ކުރި ކަމަށް ޝުޖާއު ވިދާޅުވިއިރު އެންމެ ފުރަތަމަ އެމްޑީޕީ ރިޔާސީ ރޭހަކުން ބަލި ކުރެއްވީ ރައީސް އަބްދުﷲ ޔާމީން 2013 ގައި ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާކަން ވައްޑެ ހަނދާނަށް ގެނެސްދީފައިވެއެވެ.
އޭގެ ފަހުން 2023 ވަނަ އަހަރު އެމްޑީޕީ ރިޔާސީ ރޭހުން ޕީއެންސީގެ ކެންޑިޑޭޓަކު ނެރެގެން ބަލި ކުރީ ރައީސް ޔާމީނަށް ނުހައްގުން އޭރު އިއްވާފައި އޮތް ހުކުމާ އެމަނިކުފާނު ޖަލުގައި ހުންނަވާ އެމަނިކުފާނުގެ ފޮޓޯފުޅު ބޭނުންކޮށްގެން ކަން ވެސް ވައްޑެ ހަނދާންކޮށްފީފައިވެއެވެ.
އެހެންކަމުން ދެ ފަހަރުވެސް އެމްޑީޕީ ބަލިކުރެވުނީ ރައީސް ޔާމީނަށް ކަމަށް ވައްޑެ ވަނީ ވިދާޅުވެފައެވެ. އަދި ސިޔާސީ މޮޅެތި ލީޑަރުން އެއީ ކަމަށް ވައްޑެ ވިދާޅުވިއެވެ.
މިގަ ތެދުވެސް ދޮގުވެސް އެބަ އެކުލެވޭ ދެއްތޯ؟؟ MDP ދެފަހަރު ބަލިކުރެއްވީ @prz_ymn ފުރަތަމަ އެމަނިކުފާނު ރިޔާސީ ރޭހަށް ނިކުމެ 2013ގަ ދެވަނަ ފަހަރު2023ގަ ނުހައްގު ޖަލުހުކުމެއްގައި އަނިޔާގައި އޮންނަވައިގެން އެމަނިކުފާނުގެ ފޮޓޯގަޑު ބޭނުންކޮށްގެން MDP ބަލިކޮށްލެއްވީ ދެއްތޯ؟ މީދެއްތޯ… https://t.co/LizIrTSskF pic.twitter.com/tjoNoxlofS
— WADDE 🇲🇻 (@wadde_mv) June 24, 2025
މީގެ އިތުރުން ހަކުޅި ކުރިއަށް ކުޅެ ރައީސް ޔާމީން ސިޔާސީ މައިދާނުން އެކަހެރި ކޮށްލާން ބުނި ބޭފުޅުން ފަޖުރު ތަރިއަށް ވުރެ އަވަހަަށް އޮއްސިއްޖެ ކަމަށް ވިދާޅުވެ ވައްޑެ ވަނީ ދެން ވެސް އެމްޑީޕީ ބަލި ކުރާނީ ﷲގެ އިރާދަފުޅުން ރައީސް ޔާމީން ކަމަށް ވިދާޅުވެފައެވެ.