

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކުރިމަގު ފެންނަނީ ކުނީގެ ގޮތުގައި ކަމަށް ސިފަކުރައްވާ، ސަރުކާރު ނިމިގެން ދާނީ ޑަސްބިނަށް ކަމަށް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިފަދައިން ވިދާޅުވެފައިވަނީ ޗެނަލް13ގެ ނިއުސްޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ، މި ސަރުކާރު ފެންނަމުން ދަނީ ވަރަށް ދޯދިޔާކޮށް ކަމަށާ ސަރުކާރަށް ރައްޔިތުން ކުރި އިތުބާރު މިއަދު ގެއްލިފައިވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި، އުމަރު ފާހަގަކުރައްވާފައި ވަނީ ސަރުކާރުގެ ވެރިންގެ ދޮގު ހެދުމުގެ ސިޔާސަތުގެ ސަބަބުން ކަމަށެވެ.
އެގޮތުން ނުފުއްދޭނެހާ ވައުދުތައް ވެ އެ ވައުދުތައް ފުއްދާނުދޭތީ ރައްޔިތުން ތިބީ ސަރުކާރާ މެދު ނުރުހިފައި ކަމަށާ ސަރުކާރަށް އެކަންކަން ފޫބައްދަން ކުރެވޭނެ އެއްވެސް ކަމެއް ނެތި ގޮތް ހުސްވެފައިވާ ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ، އިންޑިއާ ސިފައިން ބޭރުކުރަން އައިސް މި ސަރުކާރުން މިހާރު ތިބީ އިންޑިއާގެ އުނގަށް ދުވަހަކުވެސް ދިވެހި ސަރުކާރަކުން ނުވެއްޓޭ މިންވަރަށް ވެއްޓިފައި ކަމަށެވެ.