

ސިފައިންގެ ވިޔަފާރި ކުންފުނި، ސިވެކްގެ ލޭންޑިންގ ކްރާފްޓެއް އިއްޔެ ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
ބަންގްލަދޭޝަށް ނިސްބަތްވާ އެމީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ސިވެކްގެ “އެލްސީ 308” ލޭންޑިންގ ކްރާފްޓް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި މި ޙާދިސާގައި، ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ނިޔާވެފައިވާއިރު، އޭނާގެ ޖަނާޒާ ރޭ ވަނީ ރަސްމީ އިއްޒަތުގައި ހުޅުމާލެ ސަހަރާގައި ބާއްވައިފައެވެ. ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތް ކުރައްވާފައެވެ.
ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓްގައި 6 މީހަކު ދަތުރު ކޮށްފައިވާއިރު، ގެއްލިފައިވަނީ ބަންގްލަދޭޝިއަށް ނިސްބަތްވާ ފިރިހެނެކެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި، މިޙާދިސާގައި ހޮސްޕިޓަލަށް ގެންދިޔަ 2 ސިފައިން ގެއިތުރުން 2 ބިދޭސީންގެ ޙާލު ވެސް މިހާރު ރަނގަޅު ކަމަށް ބުނެފައި ވެއެވެ.