

ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި، މާލޭގެ މަގުމަތީގައި ދިރިއުޅޭ 300 އެއްހާ ބުޅާ ވީނުވީއެއް ނޭނގި ގެއްލިއްލިފައިވާ ކަމަށް ބުޅާތަކުގެ ހާލު ބަލާ ޖަމްއިއްޔާއެއް ކަމަށްވާ ފީލައިން ވެލްފެއާ އޮގަނައިޒޭޝަންގެ ރައީސް އަހުމަދު ވިޝަން ވިދާޅުވެއްޖެއެވެ.
ވިޝާންއާ ހަވާލާދީ އަދަދު ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މާލެއިން ބުޅާ ގެއްލޭކަން ފާހަގަވީ މިދިޔަ މެއި މަހުގެ ތެރޭގައި ކަމަށެވެ.
މާލޭގެ މަގުތަކުގައި 1500އަށް ވުރެ ގިނަ ބުޅާ ދިރިއުޅޭ ކަމަށް ވިޝަން ލަފާ ކުރައްވައެވެ. އޭގެ ތެރެއިން 300 އެއްހާ ބުޅާ ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ގެއްލިފައިވާ ކަމަށް އޭނާ ލަފާ ކުރައްވައެވެ. ބުޅާ ގެއްލޭ ސަބަބު އެއްގޮތަކަށް ވެސް ދެނެގަނެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވިޝަން ބުނެފައިވާ ގޮތުގައި ތިލަފުސީގެ އިތުރުން މާލޭގައި ޖަހާފައި ހުރި ބަޖިޔާ ގާތައް ހިމެނޭސަރަހައްދުވެސް ބަލައިފި ކަމުގައެވެ. ނަމަވެސް އެބުޅާ ތައް ނުފެނުނު ކަމަށެވެ. އެހެންކަމުން އޭނާ ތުހުމަތު ކޮއްފައިވަނީ ގެއްލެމުން މިދާ ބުޅަލުގެ މިމައްސަލަ އަކީ ބަޔަކު ގަސްތުގައި ރާވައިގެން ކުރާ ކަމެއްކަމަށެވެ. ވިޝަން ބުނެފައިވަނީ އެބުޅާތައް އަމިއްލައަށް އެއްވެސް ތަނަކަށް ނުދާނެކަމަށެވެ.
މިހާ ގިނަ އަދަދަކަށް ބުޅާ ގެއްލެމުން ދާއިރު ހަމައެކަނި ބުޅާ ބެލެހެއްޓުމަށްވެސް ސަރުކާރުން 40 ސިޔާސީ މުވައްޒަފުން ލައިފައި ވެއެވެ. އަދި މީގެ އިތުރުން އެބުޅާތައް ބެލެހެއްޓުމަށް ބުޅާ ފެސިލިޓީއެއް ވެސް ތައްޔާރުކޮށްފައިވެއެވެ.
ބުޅާ ފެސިލިޓީގެ ބޭނުމަކީ މާލޭގެ މަގުތަކުގަޔާއި އާންމުން އެއްވެއުޅޭ ގިނަ ސަރަހައްދު ތަކުގައި ބުޅާ ގިނަވެ މިއެއްޗިހިތަކަށް، ރައްކާތެރި މާހައުލެއް ފޯރު ކޮށްދިނުމެވެ. ނަމަވެސް މި ފެސިލިޓީ އެޅުމުން ވެސް އެސަރަހައްދު ތަކުން ބުޅާ މަދުނުވާކަން ފާހަނގަ ކުރެވެއެވެ.