

ކޮންމެ ސަރުކާރަކާއި އެކުވެސް އެންމެ ފުރަތަމަ ނުފޫޒު ފޯރުވާ އެއްތަނަމީ ފުލުހުން ގެ މުއައްސަސާ ކަމުގައި ކުރީގެ ހޯމްމިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޗެނަލް13 އިން ކުރިއަށް ގެންދިޔަ ނިޔުސް ޓޯކް ޕްރޮގުރާމުގައި ވާކަހަދައްކަވަމުން އުމަރު ވިދާޅުވީ، 2005 ވަނައަހަރުން ފެށިގެން ސިޔާސީ ޕާޓިތައް ފެށުމާއި އެކު، ފުލުހުންގެ މުއައްސަސާގައި ތައުލީމާއި ތަޖުރިބާ ހޯއްދަވާފައި ތިއްބެވި އެތަކެއް އޮފިސަރުން ބޭރުކޮއްފައި ވާކަމަށެވެ. އޭގެ ބަދަލުގައި އެމަގާމުތަކަށް އައްޔަން ކޮއްފައިވަނީ ތަޖުރިބާގެ ގޮތުން މަދު އެއަށްވުރެ ދަށް ފެންވަރުގެ އޮފިސަރުން ކަމުގައެވެ.
އުމަރު ވިދާޅުވި ގޮތުގައި ކޮންމެ ސަރުކާރަކުންވެސް ސިޔާސީކަމެއްގެ ގޮތުގައި އެތަކެއްް ފަހަރުމަތިން އެމަގާމުތައް ބަދަލު ކުރަމުން ގެންދާ ކަމަށެވެ.
ފުލުހުންގެ މުއައްސަސާގައި އެކި އެކި ތަމްރީން ހޯއްދަވައިގެން ތަޖުރިބާ ހޯއްދަވައިގެން ތިބި އެތައް ބަޔަކު ވަނީ ބޭރު ކޮށްލާފަ. މިއަދު ފުލުހުންގެ އެންމެ ޓޮޕް އެގްޒިކިއުޓިވް ލެވަލްގައި ތިބީ އަޅުގަނޑު ދަންނަވާނީ ކުރީގެ މީޑިޔަމް ލެވަލްގައި ތިބި މީހުންނޭ އިނގޭތޯ، ތަޖުރިބާގެ ގޮތުން މަދު، ތަމްރީނުގެ ގޮތުންވެސް މަދު މީހުންނޭ، އެހެންވީމަ އެ މުއައްސަސާ ގަ ތިބި އެންމެ ޓޮޕް އެންމެ ރަނގަޅަށް ތަމްރީން ލިބިފަ ތިބި އެންމެ ތަޖުރިބާތައް ހުރި މީހުން މިޕާޓީ އައިސް ބޭރުކޮށްފަ އެޕާޓީ އައިސް ބޭރުކޮށްފަ މިޕާޓީ އައިސް ބޭރުކޮށްފަ ހުރިހާ ޕާޓީންވެސް މިކަންކޮށް ދޮވެލައިފި އެތާތެރެ
އުމަރު ވިދާޅުވީ ޕާޓީތައް އުފެދުނު ފަހުން ކޮންމެ ސަރުކާރަކުންވެސް އެންމެ ފުރަތަމައަށް ވެސް ފުލުހުންގެ މުއައްސަސާއަށް ނުފޫޒު ފޯރުވާ ކަމަށެވެ.
މިސަރުކާރު އައުމާއިއެކު ކޮމިޝަނަރ އޮފް ޕޮލިސް ކަމަށް އައްޔަން ކުރެއްވި ޝުޖާއު އަކީވެސް މި މަގާމާއި އެންމެ އެކަށީގެންވާ ފަރާތް ނޫން ކަމަށް އުމަރު ވިދާާޅުވިއެވެ. ސަބަބަކީ އޮޕަރޭޝަން ލެވަލްގެ އެއްވެސް ކަހަލަ ތަޖުރިބާއެއް އެބޭފުޅާގެ ނުހުންނަވާނެ ކަމުގައި އުމަރު ވިދާާޅުވެފައިވެއެވެ.
ވީއިރު އެމަގާމަށް އައްޔަންކޮށް އެންމެފަހުން ބޮޑު ރިޓަޔަމަންޓް ޕެކޭޖަކާއި އެކު މިހާރު އެބޭފުޅާ ވަނީ މިމަގާމާއި ދުރުވެފައެވެ.
ފުލުހުންގެ މުއައްސަސާ މިހާރުވެފައި ވަނީ ޕޮލިޓިކަލް ފުޓުބޯޅަ އެއްގެ ގޮތުގައި އުމަރު ވަނީ ސިފަކުރައްވާފައެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ކުރިމަތީގައި މިއަދު މިވަނީ މުޅި މުއައްސަސާގެ އަގު ވެއްޓިފައި ކަމަށް އުމަރު ވިދާޅުވިއެވެ.