

މާލޭގެ އެކި ހިސާބުތަކުގައި ނަރުދަމާ ނިޒާމުގެ ތެރެއިން ފެން ދައުރުކުރުވުމަށް ހޮޅި އަޅަފައިވާތާ އެތައް އަހަރެއް ފާއިތުވެފައިވާއިރުވެސް އެކަމަށް ހައްލެއް ނުލިބިވާތީ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ދެ ދައުރު ހައުސިންގ މިނިސްޓަރުކަން ކުރައްވާ މާލެ ސިޓީގެ މޭޔަރުކަން ވެސް ކޮށް މިހާރު ގެންދަވަނީ ރައީސް ކަމުގައި 2 އަހަރު ގުނުއްވަމުން ކަމަށެވެ.
ނަމަވެސް އެމަނިކުފާނު ސަރުކާރުގެ ކަމާ ގުޅުން ހުރި ދާއިރާގައި އެތައް އަހަރަކު ޚިދުމަތްކުރެއްވި އިރުވެސް ކޮންސްޓްރަން ޑިވޯޓަރިންގ މައްސަލައަށް ހައްލު ނުލިބޭ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ފަރާތުން ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމަށް ވިދާޅުވެ މަލީހު ވިދާޅުވީ ރައީސް މުއިއްޒަށް މުސާރަ ހަލާލު ނޫން ކަމަށެވެ.