

ސަރުކާރުގައި މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗުގެ އިހުމާލުން 8 މަހުގެ ތުއްތު ކުއްޖަކު ނިޔާވި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ.
ޔޫނުސް ހުސައިން އަބްދުﷲ ނަމަކަށް ކިޔާ މި ތުއްތު ފިރިހެން ކުއްޖާއަކީ އެއާއިލާއަށް ލިބިފައިވާ ހަމައެކަނި ފިރިހެން ދަރިފުޅެވެ. މިކުއްޖާ ނިޔާވީ އައިޖީއެމްއެޗްގެ އިހުމާލުން ކަމަށް އާއިލާއިން ބުނެފައި ވެއެވެ. މި ކުއްޖާއަށް ފަރުވާ ދިނުމުގައި އައިޖީއެމްއެޗް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ބުނެ، އާއިލާގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އާއިލާއިން ބުނެފައިވާގޮތުގައި، ޔޫނުސް އަކީ ސިއްހަތު ރަނގަޅު ކުއްޖެއް ކަމަށާއި، ސިއްހީ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ. ނަމަވެސް މީގެ ދެ ހަފުތާ ކުރިން ޔޫނުސްގެ އުޅުމަށް ބަދަލު އައިސް، ހޮޑުލާތީ، ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދެއްކުމުން ވެސް ހޮސްޕިޓަލުން ބޭސް ދީފައި ފޮނުވާލީ ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން ތިން ވަނަ ފަހަރަށް 20 ޖޫންގައި ޑޮކްޓަރަށް ދައްކަން ދިއުމުން އެޑްމިޓްކޮށް އައިވީ ގުޅި ކަމަށް އާއިލާއިން ބުނެފައިވެއެވެ.
އާއިލާއިން ބުނެފައިވާ ގޮތުގައި 20 ވަނަދުވަހު ހޮސްޕިޓަލަށް ގޮސްފައިވަނީ ކުއްޖާ ރޯތީކަމަށާއި ނަމަވެސް ކުއްޖާ ބަރާބަރަށް ބުއްފުޅިވެސް ބޯކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ހުމުގެ އެއްވެސް އަސަރެއް ކުއްޖާގައިން ފެންނަން ނެއްކަމަށްވެސް އާއިލާއިންވަނީ ހާމަކޮށްފައެވެ.
އޭގެފަހުން 21 ޖޫން ގައި ޔޫނުސްގެ ހަށިގަނޑު ދުޅަވެ ފުފެން ފެށި ކަމަށާއި، ޔޫނުސް ދުޅަވަނީ ލިވާގައި ހުންނަންޖެހޭ އެންޒައިމެން މަތިވެފައި ހުރުމުން ކަމަށް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. މި ދުޅައާއި ފުފުން މަޑުކުރުމަށް ހޮސްޕިޓަލުން އިންޖެކްޝަނެއް ދިން ކަމަށާއި، އޭގެފަހުން ދުޅަތިރިވި ކަމަށެވެ. ނަމަވެސް އެކުއްޖާގެ ބަނޑު ހުރީ ވަރަށް ބޮޑަށް ފުއްޕާފައި ކަމަށް އާއިލާއިން ބުނެއެވެ.
ކުއްޖާގެ ހާލަތު ރަނގަޅު ނުވާތީއާއި، ހޮސްޕިޓަލުގައި ފަސް ދުވަސް ވީއިރު ވެސް ކުއްޖާގެ ހާލަތަށް މާބޮޑު ކުރިއެރުމެއް ނުލިބޭތީ އާއިލާގެ އެދުމުގެ މަތިން ކުޑަކުދީންގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކިއެވެ. އެޑޮކްޓަރު ލަފާ ދެއްވީ ލިވަރ ވަރަށް ބޮޑަށް ހަލާކުވާތީ ވީހާވެސް އަވަހަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ. އަދި ރާއްޖެއިން ބޭރަށް ފުރެންދެން އައިސީޔޫގައި ފަރުވާ ދިނުމަށް އެޑޮކްޓަރު އެދުނު ނަމަވެސް އެކަން ކޮށްފައިނުވާ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
ޔޫނުސް އައިސީޔޫއަށް ނުލެވުނީ އެ ހޮސްޕިޓަލުގެ އައިސީޔޫ ފުރިފައި ވުމުންކަން ނަރުހުންގެ ބުނެފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
އެދުވަސް ދިމާވެފައިވަނީ ހިޖުރީ އައު އަހަރާއެވެ. އެހެންކަމުން ސަރުކާރު ބަންދުވެފައިވާތީ އެކުއްޖާގެ ސްކޭންތައް ވެސް ހަދާފައިނުވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ. އަދި ރާއްޖެއިން ބޭރަށް ފުރުން ލަސްވިއިރު، އާސަންދަ ހަމަޖެހި ފުރޭނެ ކަމަށް އެންގީ އެކުއްޖާ މަރުވެ ގާތްގަނޑަކަށް 10 މިނިޓް ފަހުން ކަމަށް ވެސް އާއިލާއިން ބުނެއެވެ.
ބުރާސްފަތި ދުވަހުން ފެށިގެން އާއިލާއިން ކެނޑިނޭޅި މަސައްކަތް ކުރަމުންއައީ ކުއްޖާ ރާއްޖެއިންބޭރަށް ގެންދެވޭނެ އަލި މަގެއްފެނޭތޯއެވެ. އޭރުވެސް ކުއްޖާގެ ހާލަތު ދިޔައީ ދައްވަމުންނެވެ.
ހުކުރުދުވަހުގެ ރޭ އެތުއްތު ޔޫނުސްގެ އޮކްސިޖަން ކުއްލިއަކަށް ދަށްވާން ފެށުމުން މެޑިކަލް އޮފިސަރުން ތަކެއް ސީޕީއާރް ދޭން އައިކަން އާއިލާއިން ބުނެފައިވެއެވެ. ސީޕީއާރު ދިނުމުން ވިންދު ޖެހިކަން މެޝިނުން ދެއްކިނަމަވެސް ޝޮކް ނުދިނީ މެޝިންގައި ޖަހާ ސްޕޮންޖްކޮޅު ނެތީމައެވެ. އެހެންކަމުން މެނުއަލީ ސީޕީއާރު ދެނިކޮށް އެތުއްތު ފުރާނަ މިދުނިޔެއާއި ވަކިވީ ކަމުގައި އާއިލާއިން ބުނެފައިވެއެވެ.
ކުއްޖާ މަރުވުމުން ވެސް ސީޕީއާރު ދިނުން ނުހުއްޓާކަމަށާއި ހުއްޓާލީ ކުއްޖާގެ އަނގައިންނާއި ނޭފަތުން ލޭއަންނަން ފެށުމުންކަމުގައިވެސް އާއިލައިއިން ބުނެފައިވެއެވެ. ވީއިރު ކުއްޖާ ފިނިވެ ހަށިގަނޑަށް އައި ބަދަލު ފެނި އެތައް ފަހަރެއްގެ މަތިން ސީޕީއާރު ނުދީ ހުއްޓާލުމަށް އާއިލާއިން އެދިފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އާއިލާގެ ފަރާތުން ބޮޑެތި ތުހުމަތުތަކެއް އައިޖީއެމްއެޗަށް ކޮށްފައިވާތީ، އެ މައްސަލައާ ގުޅިގެން އާދިއްތަ ދުވަހު ހެލްތް މިނިސްޓްރީން ބުނެފައިވަނީ މި މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. މީގެއިތުރުން ތަހުގީގު ކުރުމަށްފަހު، އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.