June 20, 2026
Advertisement
ފުލެޓް ހަވާލުކުރުން ލަސްވާ ކަމަށް ބުނެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް
ފުލެޓް ހަވާލުކުރުން ލަސްވާ ކަމަށް ބުނެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް / ރައީސް އޮފިސް

ފްލެޓު ހަވާލުކުރުން ސަރުކާރުން ލަސްކުރަމުން ދާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jun 30, 2025, 03:54 PM
މާލެ ސިޓީ

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުރަތަމަ އިމާރާތްކުރި 4000 ފްލެޓް ލިބޭނެ ފަރާތްތައް ކަނޑައަޅާފައި ވީނަމަވެސް، މި ފްލެޓު ދިނުން ލަސްވާ މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފިއެވެ.

Advertisement

ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިނުގަނެ ރިޔާސަތުން ބޭރުކޮށްލީ އެއީ ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމެއް ނޫން ކަމަށް ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ ހ. ގައި ކުއްލި މައްސަލައިގައި ބަޔާންކުރާ ކަމެއް ދިމާވީ ކުއްލިއަކަށް ކަމަށް ވާންވާނެ ކަމަށް ބަޔާން ކޮށްފައިވޭ، އެގޮތުން ކުއްލި މައްސަލައަކީ ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކާ ގުޅޭ މައްސަލައަކަށް ވާންވާނެ ކަމަށް ބަޔާން ކޮށްފައިވޭ،

އަބްދުއްރަހީމް

މި މައްސަލައިގައި ކުޑޫ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، މިކަމުގައި މިދިޔަ ސަރުކާރުން އެއްވެސް ގޯހެއް ހަދައިފައި ނެތްކަން މިހާރު ސަރުކާރުން ވެސް ގަބޫލުކޮށް، ރައްޔިތުންނަށް ވެސް ހާމަވެފައި ވާކަމަށެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް، ފްލެޓު ހަވާލުކުރުމުގެ އެއްވެސް މަަސައްކަތެއް ސަރުކާރުން ކުރިއަށް ގެންގޮސްފައި ނުވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ކުޑޫ ލިޔުއްވާފައި ވަނީ، މިއީ ވަރަށް ގިނަ ރައްޔިތުންނާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށެވެ.

އަދި ފްލެޓުތައް ހަވާލުކުރުން އިތުރަށް ލަސްކުރާ ނަމަ، އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވުމުގެ ބަދަލުގައި ދުވަހެއް ދުވަހަކަށް ނިކަމެތިވެ، ނަތީޖާއެއްގެ ގޮތުން އިޖުތިމާއީ މައްސަލަތައް އިތުރުވުމުގެ ނުރައްކާ އޮތްކަމަށް މި ކުއްލި މައްސަލައިގައި ވެއެވެ.

ފްލެޓު ލިސްޓު ރީއިވެލުއޭޓު ކުރުމުގެ މަސައްކަތް ކުރަނީ ކަމަށް ބުނެ އެތައް ދުވަހެއް އެ މަސައްކަތުގައި ވޭތުކޮށްލުމަށްފަހު، ފްލެޓު ލިބޭ މީހުންގެ ގޮތުގައި ބަލާނީ މިދިޔަ ސަރުކާރުން ނޮވެމްބަރު 15، 2023 ގައި ނެރެފައި އޮތް ލިސްޓަށް ކަމަށް މިދިޔަ މެއި 25، ގައި މުއްތަލިބު ވިދާޅުވިކަން ކުޑޫ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބަޔާން ކޮށްފައިވެ އެވެ.

މެއި 25، ގައި މި ސަރުކާރުން ނިންމި ނިންމުމުން، މިދިޔަ ސަރުކާރުން އާންމުކުރި ފްލެޓު ލިސްޓުގައި މައްސަލައެއް ނެތްކަން ރައްޔިތުންނަށް އެނގި ހާމަވެފައިވާ ކަމަށް ވެސް ކުޑޫ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބަޔާން ކޮށްފައިވެ އެވެ.

އެ މައްސަލައަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަކަށް ވާތީ ކުޑޫ ހުށަހެޅުއްވީ ފްލެޓު ދިނުން ލަސްވެފައިވާ މައްސަލައާ ގުޅޭގޮތުން މަޖިލީހުގައި ބަހުސް ކުރުމަށެވެ.

ހައުސިން މިނިސްޓަރު މުއްތޮލިބު މި މަހުގެ 19 ވަނަ ދުވަހު ވިދާޅުވީ 4،000 ފްލެޓުގެ މަސައްކަތް ނިމެމުން އަންނަވަރަކުން ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved