theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް / -
ހަބަރު
ސަރުކާރުން ކޮންޓްރޯލް ކުރާ ޖޭއެސްސީއަށް އިތުރު ބާރު ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
30 ޖޫން 2025
މާލެ ސިޓީ

ފަނޑިޔާރުކަން ފިޔަވައި، ފަނޑިޔާރުންނަށް ކުރެވިދާނެ އެހެނިހެން މަސައްކަތްތައް ކަނޑައެޅުމުގެ ބާރު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލިބޭ ގޮތަށާއި ފަނޑިޔާރުން ވަޒަންކުރުމުގެ ގިނަ ބާރުތަކެއް ވެސް ޖޭއެސްސީއަށް ލިބޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅައިފި އެވެ.

އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ.

އެ ބިލު ހުށަހެޅީ ފަނޑިޔާރުންނަކީ، ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ގޮތަށް އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަކަށް މަސްއޫލިއްޔަތު އަދާކުރާ ބައެއް ކަން ކަށަވަރުކުރުމާއި ފަނޑިޔާރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ގާނޫނުގައި ކަނޑައެޅުމަށް ކަމަށް ބުނެ އެވެ.

ބިލުގައި ވަނީ ފަނޑިޔާރުންނަކީ އެއްވެސް ބާވަތެއްގެ ވިޔަފާރި ކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި ދައުލަތުގެ މުދަލާއި ބިން ގަނެ، ނުވަތަ ކުއްޔަށް ހިފައިގެން ނުވާނެ ކަމަށެވެ. އަދި ދައުލަތާ އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ސީދާގޮތުންނާއި ނުސީދާގޮތުން ވިޔަސް ފަނޑިޔާރުންގެ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށެވެ.

އެހެންވިޔަސް، ރާއްޖޭގައި ހިއްސާ ވިއްކާ ޕަބްލިކް ކުންފުންޏެއްގެ ސިގްނިފިކަންޓް ޝެއާހޯލްޑަރެއް ކަމުގައިނުވާ ގޮތުން އެފަދަ ކުންފުންޏެއްގެ ހިއްސާ މިލްކުކުރެވިދާނެ ކަމަށްވެ އެވެ.

ބިލުގައި ބުނީ ފަނޑިޔާރެއްގެ ނަމުގައި އޮތް ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ އެ ނޫން ވެސް އުފުލޭ ނުވަތަ ނުއުފުލޭ މުދަލެއް ބާޒާރުގައި އެފަދަ ގޯއްޗެއް ނުވަތަ ގެއެއް ނުވަތަ މުދަލެއްގެ އަގު އާންމުކޮށް ހުރި އަގަށް ވުރެ ބޮޑު ނޫންކޮށް ވިއްކުމާއި ކުއްޔަށް ދިނުމަކީ ވިޔަފާރިކުރުމާއި މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެެވެ.

އޭގެ އިތުރުން، ފަނޑިޔާރުންނަށް ލިބިދޭ ބައެއް ބާރުތައް އުނި ކުރަން ވެސް ސަރުކާރުން ބޭނުންވެ އެވެ. އޭގެ ތެރޭގައި ކޯޓުތައް ހިންގުމަށް ބޭނުންވާ ގަވާއިދު ހެދުމުގައި އިސްކޮށް ހަރަކާތްތެރިވުމަކީ ފަނޑިޔާރުންގެ މަސްއޫލިއްޔަތެއް ކަމަށް ގާނޫނުގައި ބުނާ ބައި އުނި ކުރުން ހިމެނެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނަށް ބޮޑު ބާރެއް ދިނުމަށް މަސައްކަތް ކުރާއިރު، އެ ކޮމިޝަނުން ދާދި ފަހުން ވަނީ ގާނޫނާ ހިލާފަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން މަޖިލީހަށް ފޮނުވައިފަ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތުން އެ ކޮމިޝަނުގެ ބާރު މިހާރު އޮންނަނީ ސަރުކާރުގެ އަތްމަތީގަ އެވެ. ކޮމިޝަނުގައި ހިމެނެނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އެ ކޮމިޝަނުން އައްޔަން ކުރާ މެންބަރަކާއި ބަންޑާރަނައިބާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރަކާއި އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ވަކީލުން އިންތިހާބު ކުރާ މެންބަރަކާއި ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުން އިންތިހާބު ކުރާ ތިން މެންބަރުންނެވެ.

މިހެން ކަމުން ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުން މިހާރު ގެންނަން އުޅޭ އިސްލާހުތަކުން ޖޭއެސްސީ އަށް އިތުރަށް ފަނޑިޔާރުންނަށް ނުފޫޒު ފޯރުމަށް ހުޅުވޭ ދޮރު ބޮޑުވާނެ ކަމަށް ގާނޫނީ ފަންނުގެ އިލްމުވެރިން ގަބޫލުކުރައްވަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved