

ތ. ވިލުފުށި ތެޔޮ ބޯޓެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެ ބޯޓުގެ ވެރިޔާއަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
އިއްޔެގެ އެ ހާދިސާގައި ފިހިފައިވަނީ ތެޔޮ ބޯޓުގެ ވެރިޔާގެ އިތުރުން ބޯޓުގައި މަސައްކަތްކުރާ ބިދޭސީއެކެވެ.
އައިޖީއެމްއެޗްގައި ފަރުވާދެމުން ދާ އެމީހާގެ ހަށިގަނޑުގެ ވަރަށް ބޮޑުބައެއް ވަނީ ފިހިފައެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ވިލުފުށީ ސިއްހީ މަރުކަޒުންނެވެ. ހާލު ސީރިއަސްވުމުގެ ސަބަބުން އިއްޔެ ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސްފައެވެ.
އިއްޔެގެ އެ ހާދިސާގައި ބިދޭސީ މީހާއަށް އެހާ ބޮޑު އަނިޔާތަކެއް ލިބިފައެއްނުވާކަމަށް މައުލޫމާތު ލިބެއެވެ.
ބޯޓުގައި އަލިފާން ރޯވެފައިވަނީ ޕެޓްރޯލް ފުލްކޮށް ހުއްޓައި ޕަމްޕު ޖެއްސުމުން ކަމަށާއި ދެވަނަ ބޯޓުގައި ރޯވެފައިވަނީ ފުރަތަމަ ބޯޓުގައި ރޯވި އަލިފާންގަނޑު އެ ދޯންޏަށް ފެތުރިގެން ކަމަށއ މައުލީމާތު ލިބެއެވެ.