

ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރި އަށް ނަގަން ޖެހޭ ލައިސަންސް ނެގުމުގެ މުއްދަތު މި މަހު 17 އަށް ހަމަވާތީ، އެމުއްދަތުގެ ކުރިން ލައިސަންސް ނަގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަނދާންކޮށް ދީފި އެވެ.
ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމަށާއި ރީ-އެކްސްޕޯޓް ކުރުމަށާއި ރާއްޖޭގައި ވިއްކުމަށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން އާންމުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާގުޅޭ އާއްމު ގަވާއިދުގެ ދަށުން ދުންފަތުގެ ވިޔަފާރި ކުރުމަށް ވަކި ލައިސަންސެއް ނަގަންޖެހެ އެވެ.
އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ވަނީ ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކުން ވަން ގަވް ޕޯޓަލް މެދުވެރިކޮށް އެ ހުއްދަ ހޯދުމުގެ ފުރުޞަތު 2025 އޭޕްރީލް 17 އިން ފެށިގެން ހުޅުވާލާ، 3 މަސް ދުވަހުގެ މުއްދަތެއް ދީފައިވާނެކަން އިއުލާންކޮށްފައެވެ.
އެޗްޕީއޭ އިން މިއަދު ވަނީ އެ މުއްދަތު މިމަހުގެ 17 ވަނަ ދުވަހަށް ހަމަވާނެކަން ހަނދާންކޮށްދީފަ އެވެ. އަދި މި ތާރީހަށްފަހު އެ ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.