theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕީއެންސީގެ ޖަލްސާއެއްގެ ތެރެއިން / ޕީޕީއެމް
ހަބަރު
ވަގު ފޯމު ހުށަހެޅިކަން ސާބިތުވެ ޕީއެންސީ ޖޫރިމަނާކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
03 ޖުލައި 2025
މާލެ ސިޓީ

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިލްކެޝަން ކޮމިޝަނަށް ވަގު ފޯމު ހުށަހެޅިކަން ސާބިތުވެ އެ ޕާޓީ ޖޫރިމަނާ ކޮށްފިއެވެ.

މިކަން ހާމަވެފައިވަނީ، ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދަން އުޅުނު މައްސަލައިގައި ޖިނާއީ ދައުވާނުކުރަން ނިންމާ ފުލުހުން ހާމަކުރި މައުލޫމާތުންނެވެ.

އެގޮތުން އެ މައްސަލައިގައި ޖިނާއީ ދައުވާކުރެވޭ ވަރަށް ހެކި ލިބިފައި ނުވާކަމަށް ބުނެ ފުލުހުން ހާމަކުރި މައުލޫމާތު ތޯރިގު ވަނީ މީސް މީޑިޔާގައި ހިއްސާކުރައްވާފައެވެ. ތޯރިގު ހިއްސާ ކުރެއްވި ޕޯސްޓުގައި ވާ ގޮތުން ފުލުހުން ވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އެޕާޓީގެ ހަރަކާތްތަކުގައި އިސްވެ ހަރަކާތްތެރިވަމުން އަންނަ ތޯރިގަށް ނޭނގި، ސައްހަ ނޫން ލިޔުމެއް ހަދައިގެން ޕީއެންސީއަށް ވެއްދި މައްސަލަ، މިދިޔަ އަހަރުގެ ޑިސެމްބަރު 31 ގައި ވަނީ ފުލުހުންނަށް ހުށަހަލާފައިވާއިރު ފޯމުގައި ޖަހާފައިވާ ފިންގަރ ޕްރިންޓް ފުލުހުންގެ ޑޭޓާބޭސްގައިވާ އެއްވެސް ފިންގަރ ޕްރިންޓަކާ ދިމާނުވާ ކަމަށެވެ.

އެހެންކަމުގައި އެއީ ސައްހަ ފޯމެއް ކަމަށް ނުފެންނާތީ އިލެކްޝަންސް ކޮމިޝަނަށް އެކަން އަންގާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ޕީއެންސީ 5،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަން ފުލުހުންނަށް އީސީއިން އަންގާފައިވާ ކަމަށްވެސް މި ޖަވާބުގައިވަނީ ބުނެފައެވެ. އެކަމަކު ފުލުހުން ބުނެފައިވަނީ އެ މައްސަލާގައި ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާކަމަށެވެ.

އޭނާގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ފުލުހަށް ހުށަހެޅުމުން ވެސް ބަލައިނުދިންކަމަށް ވިދާޅުވެ ތޯރިގު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. މިގޮތަށް މިކަން ނިންމާފައި މިވަނީ ސްކޭމް ތަކަށާއި މިފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމުގައި ތޯރިގުވަނީ ސިފަކޮށްފައެވެ.

މީގެ އިތުރުން ތޯރިގު ވަނީ ފޯމު ފުރި މީހުންނާއި ހެކިންނާއި ޗެކުކުރި މީހުންނާއި ފޯމު ހުށަހެޅި މީހުންނާއި އެ މީހުންގެ ސޮޔާއި ފިންގަރ ޕްރިންޓް އެނގެން އޮތްއިރު މިއިން އެއްވެސް ކަމަކަށް ބެލުމެއްނެތި މައްސަލަ ނިންމާލި މައްސަލަ ބަލައިދިނުމަށް ނޭޝަނަލް އިންޓެގްރެޓީ ކޮމިޝަން (އެންއައިސީ)ގައި އެދިފައެވެ. އަދި މި މައްސަލަ އަލުން ބެލުމަށް އަމުރު ކޮށްދިނުމަށް ޕީޖީގައި އެދިފައިވާއިރު މިމައްސަލަ އަލުން ބެލުމަށް ފުލުހުންގެ އިދާރާއަށް ވެސް އޭނާވަނީ ގޮވާލާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved