

މައްޗަށް ނުދާނެ ކަމަށް ރައީސް ޑރ، މުހައްމަދު މުއިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20.20 ރުފިޔާ. އަށް އަރައިފި އެވެ.
ރަސްމީ ޑޮލަރު ރޭޓަކީ 15.42 ރ. އެވެ. އެހެން ކަމުން މި ވަގުތު ކަޅު ބާޒާރުގައި ޑޮލަރެއް ވިއްކަމުން ދަނީ ރަސްމީ ރޭޓަށް ވުރެ 4.78ރ. ބޮޑުކޮށެވެ.
ޑޮލަރު މާރުކުރާ ގްރޫޕުތަކުން ދައްކާ ގޮތުގައި މިއަދު ޑޮލަރެއް ލިބެން ހުރީ 20.20ރ. އަށެވެ. އަދި ކުރިއަށް އޮތީ ރާއްޖޭގެ ޓޫރިޒަމްގެ އޮފް މާކެޓް ކަމުން ޑޮލަރުގެ އަގު އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.
ރާއްޖެ އަށް މުދާ އެތެރެކުރާ ބޮޑެތި ބައެއް ކުންފުނިތަކުން ބުނީ އެ ކުންފުނިތަކަށް ބޭނުން ދޭ ޑޮލަރު ސަޕޯޓު ވެސް ދަށްކުރުމުން ކަޅު ބާޒާރަށް ގޮސް ޑޮލަރު ގަންނަން އިންތިހާއަށް ދަތިތައް އެބަހުރި ކަމަށެވެ. މީގެ ސަބަބުން މުދާ ގަންނަން ކުރަން ޖެހޭ ހަރަދު ބޮޑުވެ، މުދާ ވިއްކާ އަގު އުފުލުމުގެ ފުރުސަތު އެބައޮތެވެ.
ޑޮލަރުގެ މައްސަލަ ހައްލުކުރަން ދެ އަހަރަށް ވުރެ ގިނަ ދުވަސް ވާނެ ކަމަށް ރައީސް ވިދާޅުވިއިރު، ކުރިން ރައީސް އާއި ސަރުކާރުގެ އިސްވެރިން ވިދާޅުވަމުން ގެންދެވީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ފެށުމުން ޑޮލަރުގެ ކަޅު ބާޒާރުގައި އަގުތައް ތިރިކުރެވޭނެ ކަމަށެވެ.
ޑޮލަރު މާރުކުރުމުގެ ސިޔާސަތުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ކުރިން ބުނަމުން ދިޔަ ނަމަވެސް، އޭރު ވެސް ވިޔަފާރިވެރިން ބުނަމުން ދިޔައީ ރައީސް މުއިއްޒުގެ ޑޮލަރު މާރުކުރުމުގެ ސިޔާސަތުގެ ސަބަބުން ކަޅު ބާޒާރަށް އެއްވެސް ލުޔެއް ނާންނާނެ ކަމަށެވެ.