

ރައްޔިތުންނަށް ވައުދުވީ ތިމަންނަ ވެރިކަމަށް ގެނައުމުން ފަސޭހަވާނެ ކަމަށެވެ. ތަކެތީގެ އަގު ހެޔޮވެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަގަނޅު ކޮށްދޭނެ ކަމަށެވެ. ނަމަވެސް ވެރިކަން ލިބުމުން މި ވެރިންގެ ވެރިކަމުގެ އުދަގޫ މިއަދު ރައްޔިތުން މި ދަނީ ތަހަންމަލު ކުރަމުން ނެވެ. ރައީސް މުއިއްޒުއާއި އެމަނިކުފާނުގެ ކެބިނެޓުގެ ނުކުޅެދުން ތެރިކަމުން މިއަދު ރައްޔިތުންނަށް ކޮންމެ ދުވަހަކީ "ގެއްލުމުގެ" ދުވަހެކެވެ.
ސަރުކާރުގެ ހަރަދު ދެކޮޅު ޖެއްސުމަށް ރައްޔިތުންގެ ޖީބު ކޮންމެ ވަގުތަކުވެސް "ސަރުކާރުން ޖަހައިގެންފާނެ" ކަމުގެ ބިރު ރައްޔިތުންނަށް އެބަ އޮތެވެ.
އެފަދަ އެއް ދުވަހަކީ ނިމުނު މަހުގެ 30 ވަނަަ ދުވަހެވެ. ސަރުކާރުން ކުއްލި އިއުލާނު ކުރުމުގައި އޮތީ ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ދެން އޭޓީއެމްއިން ފައިސާ ނުނެގޭނެ ވާހަކަ އެވެ. ކިހާ ބޮޑު ދެރައެއް ހެއްޔެވެ. ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގައިގެން ދިރިއުޅުމުގެ ކިތައް އަސާސީ ބޭނުން އެމީހުން ކުރާނެ ހެއްޔެވެ. އެމީހުންގެ އަތުގައި އޮތް ކާޑަށް ކިހާ ވަރަކަށް ބަރޯސާ ވާނެ ހެއްޔެވެ. ނަމަވެސް "ވަގަށް" ވެރިކަމަށް ސަވާރުވެ މިހާރު ވެރިކަމުގައި މިތިބި "ސިޔާސީ ބައިގަޑަށް" އެވަރު ވެސް ނޭގުނުވެ، ހަމަ ކުއްލިއަކަށް ސިޔާސަތެއް ތަންފީޒު ކުރީ އެވެ.
ރައްޔިތުންނަށް ޖެހޭނެ ތަކްލީފެއްގެ ދިރާސާ އެއް އެމީހުންނަށް ވާނެ ގެއްލުމެއް ބެލުމެއް ނެތި އެމީހުންގެ ޖީބުގައި ހުރި ލާރިކޮޅު ޖަހައިގަތީ އެވެ. އަދި ކާޑުން ފައިސާ ނަގާނަމަ 10 ޑޮލަރު ސަރުކާރަށް ދައްކަން ވެސް އެންގީ އެވެ. ރައްޔިތުންނަށް އަނިޔާ ކުރުމުގައި ހައްދެއް ސުމާރެއް ނެތެވެ. ހިތައް އެރުމުން ހަމަ ރައްޔިތުން ފެލާ ލަނީ އެވެ. އަންނަ ރުޅީގައި ރައްޔިތުން ކައްޒާބޭ ވަގެކޭ ބުނުމުން ސިޔާސަތު ބަދަލުކޮށް އުބުޓާން އެއް ނަގާ "ކަޅު ދިގު ވެނެއް" ހެން ކުރިން އޮތް ހޮރައް ވަންނަ ނީ އެވެ.
ސަރުކާރު ހިންގަން ތިބި މީހުންގެ ހަމައެއް ލަމައެއް ނެތެވެ. ނިމުނު މަހު 30 ވަނަ ދުވަހު ދެން ޖެއްސެވި އަނެއް ސަކަރާތަކީ ދިވެހިން އެންމެ ގިނައިން މުދާ ގަންނަ ބޭރުގެ ސައިޓްތަކުން ވިޔަފާރިކުރާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ސަރުކާރުން ނިންމުމެވެ. އެއީ ޓީމޫ އާއި ޝީއިން ފަދަ ވެބްސައިޓުތަކުން ކުރާ ކޮންމެ ވިޔަފާރިއަކުން 30 ޕަސެންޓުގެ ފީއެއް ދިވެހިންގެ ބޭންކަށް ރައްޔިތުން ދޭންވީ އެވެ.
ހަމަ ކުއްލި ނިންމުމެކެވެ.
ވިޔަފާރި ކުރުމާއި ޒަމާނީ ޓެކްނޮލޮޖީގެ ފަސޭހައިން ދިރިއުޅެން ދަސްކުރަމުން އަންނަ ތަހުޒީބު ދިވެހިން ގާތުގައި އޮންލައިން ކޮށް ވިޔަފާރި ނުކުރަން ސަރުކާރުން އަންގާ އިއުލާނު ކުރުން ފަދަ އެވެ. ނަމަވެސް ސަރުކާރު އުޅެނީ ޑިޖިޓަލް ކުރުމުގެ ނަމުގައި މުޅި ރާއްޖެ "އޮންލައިން" ކޮށް ވައްކަމުގެ ސްކޭމް އެއްގެ ތެރޭގައި އެވެ.
ދައްކާ ވާހަކަ ވެސް ދިމަލެއް ނުވެ އެވެ. މިހާރު މުޅި ދުނިޔޭގައި ވެސް ފުޅާ ވަމުން އަންނަ އޮންލައިން ވިޔަފާރި ޕްލެޓް ފޯމް ތަކުން ދިވެހިން ބޭރުކުރަން ސަރުކާރުން ފޫގަޅާލީ އެވެ. އަދި އެވެސް ރައްޔިތުންގެ މެދުގައި އިންތިހާއަށް ތަފާތުކުރުން ކުރިއަށް ނެރެ އެވެ. އެއް މިސާލަކީ ކްރެޑިޓް ކާޑުތައް މެދުވެރިކޮށް ކުރާ އެއްވެސް ވިޔަފާރިއަކުން ފީއެއް ނުނަގާނެ ކަމަށް ބީއެމްއެލް އިން ބުނުމުމެވެ. ގިނަ ފަހަރު ކްރެޑިޓް ކާޑު މި ގެން ގުޅޭނީ ގިނަ ފައިސާ ގެންގުޅޭ މުއްސަދި މީހުން ނެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބޭ ސިޔާސީން ނެވެ.
ޑެބިޓު ކާޑު ގެންގުޅޭ ނިކަމެތި މީހާއަށް 30 ޕަސެންޓް ނަގާފައި ކްރެޑިޓް ކާޑު ގެންގުޅޭ މުއްސަނދި މީހާއަށް ފްރީ، ކުރުމުން ސަރުކާރުން ނިކަމެތި ރައްޔިތުންގެ ޖީބަށް އަތްބާނާކަމުގެ ސާފު މަގު ރައްޔިތުންނަށް މިއަދު އެބަ ފެނެ އެވެ.
ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކަކީ ވަކި ވަރަކަށް މުސާރަ ލިބޭ މީހުންނަށް ދަރަންޏަށް ފައިސާ ކެނޑޭ ގޮތަށް އެ ބޭންކުން ދޫކުރާ ކާޑުތަކެކެވެ. މި ކާޑުތައް ބޭނުން ކޮށްގެން ކުރާ މުއާމަލާތްތަކަށް އަނބުރާ ފައިސާ ދައްކަންޖެހޭ ވަކި މުއްދަތެއް އޮވެ އެވެ. އެ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ އިންޓްރެސްޓް އަރަ އެވެ. ކްރެޑިޓް ކާޑު ވޮލެޓަށް ލައިގެން "ސަޅިކަޑަން" ގިނަ ފަހަރު މި އުޅެނީ މުއްސަދި ސައުދާގަރުންވެ. އެ މުއްސަދި ސައުދާގަރުންގެ އަތުން 30 ފަސެންޓް ފީ ކަޑަން ސަރުކާރު ދެކޮޅެވެ. ނަަމަވެސް ނިކަމެތި ރައްޔިތުން ފެލަން މުއިއްޒު ސަރުކާރު ރުހި ގަބޫލެވެ.
މިކަން ދިފާއު ކުރުމަށް ރައީސް މުއިއްޒުގެ މުއްސަދި ދެތިން ސައުދާގަރުންނާއި އެމަނިކުފާނުގެ ސިޔާސީ ބޮޓުން އެތިބީ އަތްޖަހަން ނިކުމެ އެވެ. ސަރުކާރުގެ ސިޔާސަތު ދިފާއު ކުރަން ނިކުމެއެވެ. މުއިއްޒުގެ ކުށެއް ނެތް ކަން ދައްކާ ޚުޝާމަދު ކުރަން ނިކުމެއެވެ. މުއިއްޒު އަށް މަރުދީ އަތްޖަހަން ނިކުމެއެވެ.
ނަމަވެސް މިއަދު ގެ ސިޔާސީ ހަގީތަކީ ޓީމޫ އާއި ޝީއިން ފަދަ ވެބްސައިޓުތަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް 30 ޕަސެންޓުގެ ފީއެއް ނެގުމާއި ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ ލިމިޓު ކުޑަ ކުރަން ނިންމުމަށްފަހު އެކަމުގެ ސަބަބު ބަޔާން ކޮށްދިނުމަށް ބީއެމްއެލް ދެެއްކި "ހޮޅި ވާހަކަ" މިއަދު ދިވެހިން ގަބޫލެއް ނުކުރި އެވެ.
ކޮންމެ 100 އަކުން 30 ޑޮލަރު ކާލިޔަސް ކުޑަ ހުޅު ނެއްޓެން ދެން އަތްޖަހާ ސަނާ ކިޔާށެވެ.! ރައްޔިތުން ތިބީ ތިޔަ ސަނާ އަށް އަތް ޖަހަން ރެޑީވެގެނެއް ނޫނެވެ. ރައްޔިތުން ތިބީ އެންގްރީ ފޭސްގައި ގޮސް ވޯޓު ފޮށިން މުއިއްޒު އާއި އެމަނިކުފާނުގެ ސިޔާސީ "ކުނި ގޮޑަށް" ނޫނެކޭ ބުނަން ތައްޔާރަށެވެ.