theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ދޮގު ހަދަނީކީ ވެސް ވަކި ވަރަކަށް ނޫނެވެ. އެހެންވެ އެ ވާހަކަ ދެއްކެނީއެވެ. / ތޭރަގްރެފިކްސް
ރިޕޯޓު
ދޮގު ހަދަނީކީ ވެސް ވަކި ވަރަކަށް ނޫނެވެ. އެހެންވެ އެ ވާހަކަ ދެއްކެނީއެވެ.
Qudhrathullah Ameen
ގުދުރަތުﷲ އަމީން
06 ޖުލައި 2025
މާލެ ސިޓީ

ރައީސް ޑރ. މުއިއްޒު ދޮގު ހަދަނީކީ ވެސް ވަކި ވަރަކަށް ނޫނެވެ. މިހާރު އަޅުގަނޑަށް ފާހަގަކުރެވެނީ މި ސަރުކާރުގެ ސްޓްރެޓެޖީ އަކީ ވެސް ދޮގު ހެދުމުގެ ގޮތުގައި އެވެ. އަދި ވަކިން ރައްޔިތުންގެ ކިބައިން ކަމެއް ބޭނުންނަމަ ހަދާ ދޮގު އިންތިހާ އަށް އިތުރެވެ. ދެން އެކަމަކު ރައްޔިތުން އެއަށް ވުރެ މާ ހޭލުންތެރިވެއްޖެ އެވެ. އެހެންވީމަ އިންތިހާބުތަކާއި ދިމާކޮށް މުއިއްޒު ހައްދަވާނެ ދޮގު ތަކާއި މެދު އަޅުގަނޑުގެ މާ ބޮޑު ކަންބޮޑުވުމެއް މިއަދަކު ނެތެވެ.

ނަމަވެސް ރައީސް ޑރ. މުއިއްޒު ދޮގު ހަދަނީކީ ވެސް ވަކި ވަރަކަށް ނޫނެވެ، އެހެންވެ އެވާހަކަ ދެއްކެނީ އެވެ.

ރައީސް ޑރ. މުއިއްޒުގެ މި މިޒާޖަށް ވިސްނާއިރު، އެމަނިކުފާނަށް ޖެހިފައި އެހުރީ ބައްޔެއް ކަމާމެދު ޝައްކެއް ނެތެވެ. އެއީ ދޮގުހެދުން އާދަވުމުގެ ބައްޔެވެ. އިނގިރޭސި ބަހުން މިކިޔާ ޕެތަލޮޖިކަލް ލައިން ނުވަތަ މިތަމޭނިއާ އެވެ. މި ވާހަކަ ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކުންނާއި ރައްޔިތުންގެ ހޮޅު އަށިން ވެސް މިއަދު ދަނީ އިވެމުން ނެވެ.

ކޮންމެ އަކަސް މި ބަލި ޖެހެން މެދުވެރިވާ ސީދާ ސަބަބަކީ ކޮބައިކަންވެސް އަދި ދެނެގަނެވިފައެއް ނުވެ އެވެ. ނަމަވެސް ސައިންސްގެ ހޯދުން ބުރަވަނީ މި ބަލި ހުންނަ މީހުން ދޮގު ހެދުމަށްފަހު ފަހުން އެކަމާ ކަންބޮޑުވެ ދެރަ ވެއެވެ. މިއީ މިބަލި ފަސޭހަ ކުރެވިދާނޭ ހާލަތުގައި ހުރި މީހެއްކަން ދެނެގަނެވޭ ގޮތެވެ. ނަމަވެސް ހެއްދެވޭ ދޮގުތަކާއި މެދު ދެރަވެގެން އުޅުއްވާ ތަނެއް ރައީސް ޑރ. މުއިއްޒުގެ ފުށުން ނުފެނެ އެވެ.

އެހެން ކަމުން މި ބަލިން ސަލާތްމަތްވުމުގެ ފުރުސަތު ރައީސް ޑރ. މުއިއްޒުގެ ކިބައިގައި ކުޑަ އެވެ. އެއީ ހެއްދެވޭ ދޮގުތަަކަށް ދެރަވެ ހިތާމަ ކުރާ ސިފަ ނުފެނުމެވެ. ކޮންމެ އަކަސް މިތަމޭނިއާ އަކީ އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ ބަލި ބޮޑުވެ، ހެދޭ ދޮގުތަކާމެދު ދެރަވެ ލަދުގަތުމުގެ ގާބިލުކަންވެސް ގެއްލޭ ބައްޔެކެވެ. ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވާ ހެން މި ސަރުކާރުގެ ވެރިންނަށް ޖެހިފައި އެހުރީ މިފަދަ ހާލަތެކެވެ.

ރައީސް ޑރ. މުއިއްޒު ދޮގު ހައްދަވާކަމަށް ރަށުތެރޭ ގޮވިޔަސް އަދި އެފަދަ ތުހުމަތު ސިޔާސީ ވާދަ ވެރިން ކުރެއްވިޔަސް، އެކަން ޑރ. މުއިއްޒުގެ ފަރާތްޕުޅުން ދޮގުކުރައްވަ އެވެ. އެމަނިކުފާނު ވިދާޅުވަނީ ކޮންމެ ކަމެއްގައި ވެސް ގެންގުޅުއްވަނީ ދޮގުގެ އިދިކޮޅު ކަމަށެވެ.

ނަމަވެސް ރައީސް މުއިއްޒު އަށް މިތަމޭނިއާ "ބަލި" ޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަ ތަކުގެ ދިފާއުގައި ރައީސް މުއިއްޒުގެ "ބޮޓުން" ކޮންމެ ވާހަކަ އެއް މިއަދު ދެއްކިޔަސް އެކަން ގަބޫލުކުރަން ދަތިވަނީ މީޑިއާގެ ކުރިމަތީގަ ސިޔާސީ ވެރިޔަކު އައިސްފަ އެއްފަހަރު ދައްކާ ވާހަކައެއް ދެފަހަރު ތިންވަނަ ފަހަރު ހަތަރުވަނަ ފަހަރު ދެކޮޅު ނުޖެހޭ ގޮތަށް ދައްކަންޏާ އެއަށް ކިޔާނީ ދޮގުހެދުން ކަމަށް ވާތީ އެވެ.

އެ ފަދަ އެއް ވާހަކަ އެވެ. މާލޭގެ ފަސް ސަރަހައްދެއް ހުސްކޮށް، ޖަޕާނުގެ ޓޯކިޔޯ މިސާލަކަށް ބަލައިގެން ތަރައްގީ ކުރަން ނިންމާފައިވާކަމަށް ހައުސިން މިނިސްޓަރަކަށް ހުންނަވާ ޑރ. މުއިއްޒު ވިދާޅުވީ 30 މާޗް 2018 ގައި އެވެ. ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާފަންނުން ހިމެނޭ ހެން މާލޭގެ ދަތި ތަންކޮޅުކޮޅުގައި "މަތިމައްޗަށް" އިމާރާތްކޮށްގެން ވަރަށް ހާލުގައި މީހުން ދިރިއުޅޭ އިމާރާތްތަކެއް އެބަހުރި ކަމަށާއި މާލެ އަލުން ތަރައްގީ ކުރާއިރު ތޮއްޖެހިފައިވާ ސިޓީއެއް ޑިޒައިން ކުރުމުގައި ނަމޫނާ ދައްކާފައިވާ ޓޯކިޔޯ މިސާލަކަށް ބަލައިގެން ތަރައްގީ ކުރުމަކީ އަމާޒެއް ކަމަށެވެ. ނަމަވެސް މިއަދު މިނިސްޓަރުކަމުން މާލޭގެ މޭޔަރު ކަމަށް އެފަހުން މޭޔަރުކަމުން "ރައީސުލްޖުމްހޫރިއްޔާ" ކަމަށް ވަޑައިގެންނެވި އިރުވެސް މާލެ ޓީކިޔޯ އަށް ވާތަނެއް ނުފެނެ އެވެ.

ރައީސް ޑރ. މުއިއްޒު ދޮގު ހަދަނީކީ ވެސް ވަކި ވަރަކަށް ނޫނެވެ، އެހެންވެ އެވާހަކަ ދެއްކެނީ އެވެ.

އެހެން މިސާލެކެވެ.

މާލޭގެ މީހުންގެ ހައްގުގައި އެޗްޑީސީ އުވައިލުމަށް މާލޭގެ މޭޔަރު ކަމުގައި ހުންނަވާ ޑރ. މުއިއްޒު ގޮވާލެއްވީ 28 ޑިސެމްބަރ 2021 ގައި އެވެ. އެދުވަހު ވިދާޅުވީ އެޗްޑީސީ އަކީ މާލޭގެ ރައްޔިތުންގެ ހައްގުތަކަށް އޮތް ހުރަހަކަށް ވެފައިވާ ކަމަށެވެ. ނަމަަވެސް މިއަދުގެ ސިޔާސީ ހަގީގަތަކީ މުއިއްޒު އެދުވަހުވެސް ނިޔަތަކީ ދޮގެއް ވިއްކުމެވެ. ސަބަބަކީ މާލޭގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދަކީ ގާނޫނުން ބުނާ ފަދައިން ރައްޔިތުން ހޮވާފައިވާ ކައުންސިލުން ބަލަހައްޓާ ތަނަކަށް ވާން ޖެހޭ ކަމަށް މޭޔަރު ކަމުގައި ހުންނަވާ ވަކާލާތު ކުރެއްވި ބޭފުޅާއަށް "ރައީސުލްޖުމްހޫރިއްޔާ" ކަން ލިބިލެއްވުމުން ވެސް އެހުންނެވީ "މާލޭގެ މީހުންގެ ހައްގުގައި އެޗްޑީސީ އުވައިލުމަށް" ނުކުޅެދިފައި އެވެ. ނުވިތާކަށް އެޗްޑީސީ މެދުވެރިކޮށް މުއިއްޒުގެ ސިޔާސީ އެކުވެރިންނަށް ނުހައްގުން ގޯތި ބެހުމުގައި އެހުންނެވީ އެއް ވަނަ ހޯއްދަވައިގެން ނެވެ.

ރައީސް ޑރ. މުއިއްޒު ދޮގު ހައްދަވަނީކީ ވެސް ވަކި ވަރަކަށް ނޫނެވެ، އެހެންވެ އެވާހަކަ ދެއްކެނީ އެވެ.

އެހެން މިސާލެކެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާއިރު އެންމެ ބޮޑަށް އިވެނީ ވަޒީފާގެ ބިރުގެ ވާހަކަ ކަމަށާއި އެކަމަކު އޭނާގެ ވެރިކަމެއްގައި ވަޒީފާގައި ހުރި އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށާއި އިބޫގެ ސަރުކާރުން ފެށި މަޝްރޫއެއް ވެސް ހުއްޓާނުލައްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވީ 28 އޯގަސްޓް 2023 ގައި އެވެ.

ގއ. އަށް ކުރެއްވި ކެމްޕެއިން ދަތުރުގައި މާމެންދޫ އަށް ވަޑައިގެން ވިދާޅުވީ ތަކުރާރުކޮށް އިވެމުންދަނީ ވަޒީފާ ބިރު ދައްކާ ކަމުގެ އަޑު ކަމަށާއި އެ ބިރުގައި ބައެއް މީހުން ޖެހިލުންވެ ތިބޭ ކަމަށެވެ. އަދި، ވެރިކަން ބަދަލުވެއްޖެ ނަމަ، ވަޒީފާތައް އުވާލާނެ ކަމަށް އިބޫ ސަރުކާރުން ބުނަމުންދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ ވެރިކަން ލިބިއްޖެ ނަމަ، އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށެވެ.

ނަމަވެސް ރަށުތެރެއިން އިވެނީ ވަޒީފާގެ ބިރު އޮތް ވާހަކަ އެވެ. މިފަހުން އުތުރުން ހޯރަފުށިން ވަޒީފާއިން ކަނޑާއެއްލާލީ އެއް ފަހަރާ 15 ޒުވާނުންނެވެ. މިފަދަ ކިތަންމެ މިސާލެކެވެ. ދިގުކުރަން ހުރިހާ ތަފްސީލެއް ނުގެނެސް ދިނަސް މުއިއްޒު އަށް ތާއީދު ނުކުރާނަމަ ވަޒީފާގެ ބިރު އޮތްކަމާއި ވަޒީފާ އިން ވަކިކުރާނެ ކަން އެއީ މިހާރު އަލަށް ސުކޫލު ނިމޭ ކުއްޖާ އަށް ވެސް ވިސްނޭ ހިސާބުގައި ހުރި ކަންކަަމެވެ.

ވެރިކަން ލިބުމުން އެއްވެސް މަޝްރޫއުއެއް ވެސް ހުއްޓާނުލާނެ ކަމަށް ވިދާޅުވިއިރު ރާއްޖޭގެ ރަށެއްގައި އަލަށް ކަމެއް ނުފަށާއިރު ކުރީ ސަރުކާރުތަކުން ފެށި މަޝްރޫތައްވެސް ހުރީ ގަލު އަޅާފަ އެވެ. ކުރިއަކަށް ނުކަޑައެވެ. މަަސައްކަތައް ރަށްރަށަށް ގެންދިޔަ ސާމާނު ދަބަރަށްވެ ނިމެނީ އެވެ. ވީ ވައުދުތައް ހުރީ ނުފުއްދި ދޮގު ޖާޑީގައި ހުތް ވެފައި އެވެ. މިފަަދަ ދޮގުތަކުން ގައުމު މިގެންދަނީ ނުބަޔާއި ދިމާއަށެވެ.

ރައީސް ޑރ. މުއިއްޒު ދޮގު ހައްދަވަނީކީ ވެސް ވަކި ވަރަކަށް ނޫނެވެ، އެހެންވެ އެވާހަކަ ދެއްކެނީ އެވެ.

ކުރުކުރަމާ ހިންގަވާށެވެ. ދެއްކި ދާނެ މިފަދަ ކިތަންމެ ވާހަކައެއް އެބަހުއްޓެވެ. ކޮންމެ އަކަސް މިއަދުގެ ސައިންސްގެ ހަގީގަތަކީ "މިތަމޭނިއާ" އަކީ ވާހަކަ ދެއްކުމުގައި ގިނައިން ދޮގުހެދުމާއި، އެ ދޮގުގެ ސަބަބުން ކުރާނޭ މަންފާއެއް ނެތަސް، ނުވަތަ ދޮގު ހަދަންޖެހޭ ސަބަބެއް ނެތަސް ދޮގު ހެދުން އާދަވުމުގެ ހާލަތަށް ސައިކޭޓްރީގައި ކިޔާ ނަމެކެވެ.

1890 ވަނަ އަހަރު ހޯދުނު ސައިންސްގެ މި ހަގީގަތް މި ގޮތައް ދެއްކި ނަމަވެސް މިއަދުގެ ސިޔާސީ ހަގީގަތަކީ ދޮގު ހެދުމަކީ އެއީ ދޮގު ހަދާ މީހާގެ ނުބައި ނުލަފާކަން ކަމަށެވެ. މިއަދު ޑރ. މުއިއްޒުގެ ކިބައިން އެ ފެންނަނީ މި ދެންނެވި ހަގީގަތެވެ.

ދޮގުހެދުމަކީ ލީޑަރުންގެ ސިފައެއް ނޫނެވެ. އަދި ދޮގުވެރިއަކަށް ލީޑަރަކަށް ނުމެވެވޭނެ އެވެ. އަޅުގަނޑުގެ އިހްލާސްތެރި ދުއާ އަކީ މުއިއްޒު އާއި އެމަނިކުފާނުގެ ބޮޓުން ދޮގާއި ދުރުވެގަތުމެވެ. ފަހެ ހަމަކަށަވަރުން ދޮގުވެރިކަން ނުބައިތަކަށް މަގުދައްކަ އެވެ. ނުބައިތައް މަގުދައްކަނީ ނަރަކައަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved